21 Jun 2019, 08:02
ހަފްތާގެ ފަސް ދުވަހު ނުވަތަ ހަ ދުވަހު ރަސްމީ މަސައްކަތުގައި އުޅުމަށްްފަހު "ވީކެންޑޭ" މި ކިޔާ ހަފްތާ ބަންދުގައިވެސް ތިޔަ އުޅެނީ އަވަދިނެތި މަސައްކަތުގައި ހެއްޔެވެ. މުޅީން ގޯހެވެ. މި ދުވަހަކީ ނުވަތަ މި ދެ ދުވަހަކީ މި ނިމުނު ހަފްތާގައި ތިމާ ކުރި ބުރަ މަސައްކަތުން އެއްފަރާތްވެ، ހަށިގަނޑާއި ސިކުނޑިއަށް ލުޔެއް ހޯދައިދީ، ސިކުޑި ހަމަޖައްސާލާއި އަނެއްކާވެސް ކުރި އަށްހުރި ހަފްތާގެ މަސައްކަތަށް ތައްޔާރުވުމުގެ ގޮތުން ހަމަޖެހިލަން ލިބޭ ވަގުތުކޮޅެކެވެ.
ހަފްތާބަންދުގެ ބޭނުން އެދެވޭ ގޮތެއްގައި ނުހިފިއްޖެ ނަމަ އޭގެ ނޭދެވޭ އަސަރު ތިމާގެ ރަސްމީ މަސައްކަތަށް އެތަށް ގޮތަކުން ކުރާކަމަށް ދިރާސާތަކުން ދައްކަ އެވެ.
މަޝްހޫރު ފޯބްސް މެގަޒިންގައި، ކާމިޔާބު ރިއަލް އެސްޓޭޓް ކުންފުނި ޒިލޯގެ ސީއީއޯ ސްޕެންސާ ރަސްކޯފް ވިދާޅުވާ ގޮތުގައި ހަފްތާގައި އަންނަ އެންމެ މުހިންމު ދުވަހަކީ އޭނާއަށް ވީކެންޑެވެ. ސަބަބަކީ މަސައްކަތުގައި ހޭދަވާ ބިޒީ ގަޑިތަކުން ސަލާމަތްވެ މީހާ ހަމަޖެހިލުމަށް ލިބޭ ހަމައެކަނި ފުރުސަތަކީ އެއީ ކަމަށް ވާތީ އެވެ.
މިގޮތުން ހަފްތާ ބަންދުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށްޓަކައި ކޮންމެހެންވެސް ކުރަންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. މި ކަންތައްތައް ކޮންމެ މީހެއްވެސް އެމީހެއްގެ ޝެޑިއުލް އާއި މަސައްކަތަށް ބިނާކޮށް ކަސްޓަމައިޒް ކޮށްލުން ރަނގަޅެވެ.

އެލާމް އޮފްކޮށް، ހަފްތާ ބަންދުގައި ނިދިހަމަކޮށްލުން މުހިންމު- ދިރާސާ
ނިދިހަމަކުރުން
އެންމެ ގިނަބަޔަކު އިއްތިފާގުވާގޮތުން ހަފްތާ ބަންދުގައި ނިދި ހަމަ ކޮށްލާ ހަމަޖެހިލައިގެން ނިދާލުމަކީ ވަރަށް މުހިންމުކަމެކެވެ. ސްވިޑެންގެ 43،000 މީހުން ބޭނުންކޮށްގެން 13 އަހަރުގެ ތަފާސްހިސާބު ނަގައިގެން ހެދި ދިރާސާއަކުން ދައްކާގޮތުގައި އުމުރުން 65 އަހަރާއި އެއަށްވުރެން ހަނގު އުމުރުގެ މީހުންގެ ތެރެއިން ދުވާލެއްގެ މައްޗަށް މަދުވެގެން ގަޑިއިރުގެ ނިދި ހަމަނުވާ މީހުން އެނޫން މީހުންނަށްވުރެ (ހަގަޑި އިރު ނުވަތަ ހަތް ގަޑިއިރަށްވުރެ އިތުރު) ނިދާމީހުންނާއި އަޅާބަލާއިރު ދުނިޔެ ދޫކުރާލެއް މާ އަވަހެވެ.

ސޯޝަލް މީދީއާތަކާއި ދުރުވެ، އިޖުތިމާއީ ގުޅުންތައް ވަރުގަދަކުރޭ
ސޯޝަލްމީޑިއާތަކާއި ދުރުވުން
ސޯޝަލް މީޑިއާ އާއި ދުރުވާންވީ އެތަށް ސަަބަބުތަކެއް އެބަހުއްޓެވެ. މިގޮތުން ހަފްތާ ބަންދުގައި މިކަން ކުރަންވީ އެއް ސަބަބަކީ ވަގުތު ބޭކާޜު ނުކުރުމެވެ. އަނެއްކަމަކީ ތިމާގެ އިޖްތިމާއީ ގުޅުންތައް ރަނގަޅުކޮށް އާޢިލާއާއި ރަހުމަތްތެރިންނާއި އެކީ ވަގުތު ހޭދަކުރަން ފުރުސަތު ދިނުމާއި އަމިއްލަ ނަފްސަށް ވަގުތު ހުސްކުރުމެވެ. މިއީ ސެލްފް އެވެލުއޭޓްކޮށް ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކާއި މެދު ވިސްނާލުމަށްވެސް ރަނގަޅު ވަގުތުކޮޅެކެވެ.

ހަފްތާ ބަންދުގެ އުފާ ހާސިލްކުރުމަށް ތަފާތުކަމެއް ރާވާލާ!
ތަފާތުކަމެއް ކޮށްލާ!
ތެދަށް ބުނާނަމަ ހަފްތާބަންދެއްގެ ހަގީގީ ބޭނުމަކީވެސް މިއީތާ އެވެ. މަސައްކަތުގެ ސުންގަޑިތަކުން ސަލާމަތްވެ، ތިމާ ހިތްއުފާވާކަހަލަ ކަމެއް ކޮށްލުމެވެ. މަސްދަތުރެއް ދިއުން، ކައިރި ރަށަކަށް ވީކެންޑް ގެޓްއަވޭ އެއް ނުވަތަ، އާ ފޮތެއް ކިޔާލާ، ތިމާގެ ކިބައިގައި ހުރި އެކި ހުނަރުތަކާއި ޝައުގުތައް ތަޖުރިބާކޮށްލާށެވެ. މިފަދައިން މަސައްކަތާއި ދުރުވެލަން ކޮންމެވެސް ކަމެއް ކޮށްލައިފިނަމަ އޭގެ އަނެއްދުވަހު ވަޒީފާއަށް ދާންވާއިރަށް ތިމާ ހުންނާނީ ވަރަށް ބޮޑަށްް ތައްޔާރުވެ ތާޒާވެފަ އެވެ.