21 Jun 2019, 00:09
މިއަދު މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުމުގައި ހަލަތާ ނުބައްދަލު ބާރު ބޭނުން ކުރި ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.
މިއަދު މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތަކުގައި ގައިދީއަކު ޖަލު އޮފިސަރަކަށް ހަމަލާދީގެން ޖަލު އޮފިސަރު ވަނީ މާލެ ގެނެސްފައެވެ.
އެކަމާ ގުޅިގެން މިރޭ ހޯމް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ، އެހާދިސާއާ އާގުޅިގެން އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް މާފުށީ ޖަލަށް ޒިޔާރާތްކޮށް، ސުވާލުކުރަންޖެހޭ ފަރާތްތަކާ ސުވާލުކުރި ކަމަށެވެ.
"އެ ހަމަނުޖެހުން ކޮންޓްރޯލް ކުރުމުގައި ހާލަތާ ނުބައްދަލުމިންވަރަށް ބާރުގެ ބޭނުންކޮށްފައިވާކަން ވަނީ ފާހަގަކުރެވިފައި،" މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ މި ހާދިސާގައި އިސްވެ ކަރެކްޝަންސްގެ އޮފިސަރަށް ހަމަލާދީނީ ގައިދީއަކު ކަމަށެވެ. މި ހާދިސާ އިތުރަށް ތަހުގީގުކުރުމަށްފަހު ކަންކަން ގާނޫނުގެ އިމުގެތެރެއަށް ގެނައުމަށްޓަކައި އަޅަންވާ ފިޔަވަޅުތައް އަޅަމުންގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިކަމާ ގުޅިގެން އިތުރު ތަފްސީލެއް މިނިސްޓްރީން ހާމައެއް ނުކުރެއެވެ.
މީގެ ކުރިން ކަރެކްޝަންސްއިން ބުނިގޮތުގައި، އެ ހާދިސާގައި ހަމަލާދޭން ބޭނުންކުރި ތަކެތި ހޯދައި ޖަލުގެ ހާލަތު މިވަގުތު އާންމު ހާލަތަކަށް ގެނެވިފައި ކަމަށެވެ. އިތުރު ތަފްސީލެއް ކަރެކްޝަންސް އިން ނުދެއެވެ.
މި ހާދިސާ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ތަހުގީގު ކުރަމުންދާކަމަށް އެކޮމިޝަނުން މިރޭ ވަނީ ބުނެފައެވެ.