ލިޔެކިޔުން އޮޅުވާލައިގެން ޖަލުން މިނިވަންވި ގައިދީއަކު އަލުން ޖަލަށް ވައްދާފައިވާ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ވިދާޅުވެއްޖެ އެވެ.

މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުން ލިބިދޭ ބާރުގެ ދަށުން މައާފު ނުދޭ ކުށްވެރިއަކު ޖަލުން މިނިވަންވި މައްސަލައެއް މިދިޔަ ހަފްތާގައި ވަނީ ފެންމަތިވެފައެވެ.

އެނގިފައިވާ ގޮތުގައި، ޖަލުން ދޫވީ މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ކުށުގައި 25 އަހަރަށް ޖަލަށް ލާފައިވާ މީހެކެވެ. އެއީ، ރައީސުލްޖުމްހޫރިއްޔާއަށް މައާފު ނުދެއްވޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވާ ކުށެކެވެ.

އެކަމާ ގުޅިގެން ކޮމިޝަނަރ އޮފް ޕްރިޒަންސް، އަބްދުﷲ މުނާޒް އިއްޔެ ކުރެއްވި ޓްވީޓެއްގައި ބުނީ، ގަދީއަކު މިނިވަންވެފައިވަނީ ކަރެކްޝަންސްގެ މުވައްޒަފަކު ލިޔެކިޔުން އޮޅުވަލައިގެން ވެރިންނަށް ހުށަހަޅުމުން ކަމަށެވެ.

"[މައާފު ނުދޭ] ގައިދީ ވަނީ އަނބުރާ ޖަލަށް ވެއްދިފައި،" މުނާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ލިޔެކިޔުން އޮޅުވާލައި، ޗިޓް ތައްޔާރުކޮށް ވެރިންނަށް ހުށަހެޅި މުވައްޒިފުގެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި، ފުލުހުންނަށް ފޮނުވާފައިވާ ކަމަށެވެ.

ގައިދީ މިނިވަންވީ ކޮންއިރަކު ކަމައް އަދި މި މައްސަލައިގައި ހިމެނޭ މުވައްޒިފާ މެދު މިހާތަނަށް ފިޔަވަޅު އެޅި ކަމަށް މުނާޒު ވިދާޅެއް ނުވެއެވެ.

މައާފު ނުދޭ ގައިދީއަކު މިނިވަންވި މައްސަލައާ ގުޅިގެން އިތުރު ތަފްސީލު ހޯދުމަށް ކަރެކްޝަންސްގެ މީޑިއާ އޮފިސަރަށް ގުޅުމުން ފޯނު ނިއްވާލާފައި އޮތުމުން އިތުރު ތަފްސީލެއް ނުލިބެއެވެ.

މައާފު ނުދޭ ގައިދީއަކު މިނިވަންވުމަށް ފަހު، އެ ގައިދީ އަލުން ޖަލަށް ލާފައިވާ ކަމަށް މުނާޒު އިއްޔެ ވިދާޅުވެފައިވާއިރު، މިއަދު މާފުށީ ޖަލުގައި ވަނީ ހަމަނުޖެހުންތަކެއް ހިނގާފައެވެ. ކަރެކްޝަންސް އިން ބުނީ ގައިދީއަކު ކަރެކްޝްސަންގެ އޮފިސަރަކަށް ހަމާލާ ދިނުުން އޭނާ އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މައްސަކަތް ކުރަމުންދާ ކަމަށެވެ.

މާފުށީ ޖަލުގައި ހިނގި ހަމަ ނުޖެހުމުގެ އިތުރު ތަފްސީލެއްވެސް އަދި ނުލިބެއެވެ. ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާއާރުސީ) އިން މަފުށީ ޖަލުގައި ހިނގި ހަމަނުޖެހުން ތަހުގީގު ކުރަމުންދާ ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.