20 Jun 2019, 20:25
މާފުށީ ޖަލުގައި މިއަދު ހިނގި ހަމަނުޖެހުން ތަހުގީގު ކުރަމުން ދާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ބުނެފި އެވެ.
އެޗްއާރުސީއެމް އިން މިރޭ ކުރި ޓްވީޓެއްގައި ބުނީ، މިރޭ މީޑިއާތަކުން ރިޕޯޓު ކުރި މާފުށީ ޖަލުގެ ހަމަނުޖެހުން އެ ކޮމިޝަނުން ބަލައި ތަހުގީގު ކުރަމުންދާ ކަަމަށެވެ. މިކަމާ ގުޅޭގޮތުން އިތުރު ތަފްސީލެއް އެކޮމިޝަނުން ހާމަ ނުކުރެއެވެ.
މޯލްޑިވްސް ކަރެކްޝަލް ސާވިސް އިން މިރޭ ބުނި ގޮތުގައި މިއަދު މާފުށީ ޖަލުގައި ގައިދީއަކު އޮފިސަރަކަށް ހަމަލާ ދީފައިވާ ކަމަށެވެ. އަދި އެ އޮފިސަރަށް އިތުރު ފަރުވާ ދިނުމަށްޓަކައި މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ މުއަސަސާއިން ބުންޏެވެ.
"ހަމަލާދޭން ބޭނުންކުރި ތަކެތި ހޯދައި ޖަލުގެ ހާލަތު މިވަގުތު ވަނީ އާންމު ހާލަތަކަށް ގެނެވިފައި،" ކަރެކްޝަންސް އިން މިރޭ ކުރި ޓްވީޓެއްގައި ބުންޏެވެ.
މި މައްސަލައާ ގުޅިގެން ކަރެކްޝަންސްގެ މީޑިއާ އޮފިސަރަށް ގުޅުމުން ފޯނު ނިއްވާލާފައި އޮތުން އިތުރު ތަފްސީލެއް ނުލިބެއެވެ.
މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުން ތަހުގީގު ކުރަމުންދާ ކަމަށް އެޗްއާރުސީއެމް އިން ބުނި އިރު، އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ، މާފުށީ ޖަލުގައި ގައި ގައިދީންތަކަށް އަނިޔާ ކުރަމުންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ.