ދެ ހާސް ތޭރަ ވަނަ އަހަރު ދުނިޔޭގެ އާސާރީ ތަރިކައިގެ ލިސްޓު އަލުން ތަރުތީބު ކުރާއިރު ރާއްޖޭގެ ހަތަރު މިސްކިތެއްގެ ނަން ހުށަހަޅަން ނިންމައިފި އެވެ.

ހެރިޓޭޖް ޑިޕާޓްމަންޓުގެ ޑިރެކްޓަރު، އަލީވަހީދު މިއަދު ވިދާޅުވީ 2013 ވަނައަހަރު ހެރިޓޭޖް ލިސްޓު އަލުން ތަރުތީބު ކުރާއިރު ރާއްޖޭގައިހުރި އާސާރީ އަދި ހިރިގަލުގެ މަސައްކަތް ކޮށްފައިވާ ހަތަރު މިސްކިތެއް ހުށަހަޅަން މާލޭ ހުކުރު މިސްކިތާއެކު ގިނަ މިސްކިތްތަކެއްގެ ސާވޭކުރާ އަތޮޅުތެރޭގައި ކުރަމުން އަންނަ ކަމަށެވެ.

އަންނަ އަހަރު ނިމުމުގެ ކުރިން އެ މިސްކިތްތަކުގެ ފޮޓޯ ޑޮކިއުމެންޓޭޝަނާއެކު ޖުމްލަ 25 މިސްކިތެއް ސާވޭއެއް ކުރުމަށްފަހު ހޮވައިލެވޭ މިސްކިތްތަކެއްގެ ޑީޓެއިލް ސާވޭއެއް ހަދާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.

"މި މިސްކިތަތަކަކީ ކޮންމެވެސް ވަރަކަށް ހިރިގަލުގެ މަސައްކަތާއި، ލިޔެލާޖަހައި ލާފެން ކޮށްފައިވާ މިސްކިތްތަކެއް. މީގެ ތެރޭގައި ވަރަށް ޔުނީކް ވަރަށް ފެންވަރު ރަނގަޅު، ހިރިގަލުގެ މަސައްކަތާއި ލާފެންކޮށްފައިވާ މިސްކިތްތައް އެބަހުރި. މިހުރިހާ މިސްކިތްތަކުގެ ތެރެއިން ހަތަރު މިސްކިތެއް އަޅުގަނޑުމެން އާސާރީ ތަރިކައިގެ ލިސްޓުގައި ހިމަނަން ފޮނުވާނީ،" އަލީ ވަހިދު ވިދާޅުވިއެވެ.
މިހާތަނަށް ސާވޭކޮށް ނިމިފައިވަނީ އިހަވަންދޫ އާސާރީ މިސްކިތާއި ފެންފުށީ މިސްކިތާއި އަދި ލ. އިސްދޫ މިސްކިތެވެ. ދެން ސާވޭ ކުރާނީ މާލޭގެ ހުކުރު މިސްކިތާއި ކަޅުވަކަރު މިސްކިތް ކަމަށް ހެރިޓޭޖް ޑިޕާޓްމަންޓުން ބުންޏެވެ.