20 Jun 2019, 19:20
ދިއްލީ (ޖޫން 20): މިއަހަރު ތެރޭ އިންޑިއާގެ 21 ސިޓީއެއްގެ ބިމުގެ ފެން ފަށަލަ ހުސްވާނެ ކަމަށް އެގައުމުގެ ޕޮލިސީ ތިންކް ޓޭންކް، ނެޝަނަލް އިންސްޓިޓިއުޝަން ފޯ ޓްރާންސްފޯމިން އިންޑިއާއިން ބުނެފި އެވެ.
އެޖަމްއިއްޔާގެ ރިޕޯޓާ ހަވާލާދީ އެންޑީޓީވީގައިވާ ގޮތުން ބިމުން ނަގާ ފެން ހުސްވާނެ ސިޓީތަކުގެ ތެރޭގައި ދިއްލީ، ބެންގަލޫރު، ޗެންނާއީ އަދި ހައިދަރުއާބާދު ހިމެނެ އެވެ. އަދި 2030 އަންނަންވާ އިރަށް އެގައުމުގެ އާބާދީގެ 40 ޕަސެންޓަށް ސާފު ބޯފެން ނުލިބޭނެ ކަމަށްވެސް އެރިޕޯޓުގައިވެ އެވެ.
އޭގެ މައިގަނޑު ސަބަބަކަށް ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ވާރޭ ނުވެހުމެވެ. ފާއިތުވި ފަސް އަހަރު ތެރޭގައި އެގައުމަށް ވާރޭ ވެހިފައި ވަނީ އެވަރެޖްކޮށް ވާރޭ ވެހޭ ވަރަށް ވުރެ މަދުންނެވެ.
އެގޮތުން އިންޑިއާގެ ޗެންނާއީއަށް ވާރޭ ނުވެހި ގިނަ ދުވަސްވުމުގެ ސަބަބުން އެސިޓީން ވަނީ މިހާރު ފެން ލިބުން ދަތިވެފަ އެވެ. އަދި ފާއިތުވި ނުވަަ ދުވަހު އެސިޓިީގެ ފިނިހޫނުމިން 41 ޑިގްރީ ސެލްޝިއަސްއަށް އެރި އިރު، މިމަހުގެ އެވަރެޖު ފިނިހޫނުމިން 37 ޑިގްރީ ސެލްޝިއަސްއަށް އަރަ އެވެ.
އޭގެ ސަބަބުން ޗެންނާއީގެ ގިނަ އަދަދެއްގެ މީހުންނަށް ވަނީ ސަރުކާރުން ފެން ފޯރުކޮށްދޭ ޓްރަކުތައް ކައިރީ ކިޔޫ ޖެހެން މަޖުބޫރުވެފަ އެވެ.
އެމައްސަލައާ ގުޅިގެން ޓަމިލް ނާޑޫގެ ފިޝަރީސް މިނިސްޓަރު ޑީ ޖާޔާކުމާރު ވަނީ އަންނަ އޮކްޓޯބަރު މަހު ވިއްސާރަ މޫސުން ފެށެން ދެން ސަރުކާރުން ރައްޔިތުންނަށް ފެން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ޗެންނާއީއަށް ފެން ފޯރުކޮށްދިނުމަށް 400 ވޯޓާ ޓޭންކަރުން 9،000 ދަތުރު ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.
އިންޑިއާއަށް ދިމާވެފައިވާ ފެނުގެ މައްސަލައާ ގުޅިގެން އެގައުމުން ވަނީ މިނިސްޓްރީ އޮފް ވޯޓާ ޕަވާ ކިޔާ މިނިސްޓްރީއެއް އުފައްދާފަ އެވެ. އެމިނިސްޓްރީން ބަލާނީ ފެން ރައްކާ ކުރުމާއި ގެންގުޅުމާ ބެހޭ ކަންތައްތައް ކަމަށް ގައުމުގެ ރައީސް ރާމް ނަތު ކޯވިންދު ވިދާޅުވި އެވެ.