20 Jun 2019, 16:41
އޯ ލެވެލް ފެންވަރު ޝަރުތުތަކުގެ ތެރޭގައި ހިމެނޭގޮތަށް ބޮޑު މުސާރައެއް ލިބޭ ގޮތަށް ކުރި ވަޒީފާގެ އިއުލާންއަށް ފާޑުކިޔުން އަމާޒުވެ އެ އިއުލާން އެންމެފަހުން ބާތިލްކޮށްފި އެވެ.
ހެލްތު މިނިސްޓްރީން އިއުލާންކުރީ ކޮމިއުނުކޭޝަން ޑައިރެކްޓަރެއްގެ ވަޒީފާ އެވެ. އެ މަގާމުގެ މުސާރައެއް ގޮތުގައި 20،000 ރުފިޔާ ކަނޑައަޅާފައިވާއިރު ޝަރުތެއްގެ ގޮތުގައި އޯ ލެވެލްގެ ފެންވަރު ހުރުމާއި މީޑިއާގައި މަސައްކަތްކުރުމާއި މަދުވެގެން އެއް އަހަރު ދުވަހުގެ ތަޖުރިބާ ހުރުމެވެ.
ނަމަވެސް އެ އިއުލާންއަށް ފާޑުކީ ގިނަ ފަރާތްތަކުން ބުނީ މިއީ އޯ ލެވެލް ފެންވަރުގެ މީހަކަށް އެންމެ އެކަށީގެންވާ މުސާރައެއް ނޫން ކަމަށާއި އަދި އެއަށްވުރެ މާބޮޑަށް ކިޔަވައިގެން ތިބޭ މީހަކަށްވެސް އެ ވަރުގެ މުސާރައެއް ނުލިބޭ ކަމަށެވެ.
އެ މަގާމަކީ ވަކި މީހަކަށް އަމާޒުކޮށް ކުރި އިއުލާނެއްކަމަށްވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ.
ހެލްތު މިނިސްޓްރީން ފަހުން ބުނީ އެ އިއުލާން މިހާރު ބާތިލްކޮށްފައިވާ ކަމަށާއި އެ އިއުލާނަކީ އެޑްމިނިސްޓްރޭޓިވް މައްސަލައެއްގެ ސަބަބުން އޮޅުމަކުން ކުރެވިފައިވާ އިއުލާނެއް ކަމަށެވެ.