އިންޑިޔާގެ ކޮންމެ ސްކޭން ރޫމެއްގެ ބޭރުގައި ލިޔެފައި އޮއްވައި ފެނެއެވެ: " ބަނޑުގައި އޮންނަ ދަރިފުޅުގެ ޖިންސް ކިޔައި ދިނުމަކީ ގާނޫނީ ކުށެކެވެ. އެހެންވެ އަހަރެމެން އެކަމެއް ނުކުރަމެވެ،"

ކަން މިހެން ހުރި އިރު ވެސް އިންޑިޔާގެ އާބާދީގައި އަންހެނުންގެ އަދަދު އަންނަނީ މަދުވަމުންކަން އިންޑިޔާގެ ބޯހިމެނުންތަކުން ދަނީ ހާމަވަމުންނެވެ. އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އިންޑިޔާގައި ދިރިއުޅޭ ކޮންމެ 1000 ފިރިހެނަކަށް އެގައުމުގައި އުޅެނީ 914 އަންހެނުންނެވެ.

އިންޑިޔާގެ އަންހެން ކުދިން ސަލާމަތް ކުރުމަށް މަސައްކަތްކުރާ ފަރާތްތަކުން ބުނާ ގޮތުގައި މިއީ އެގައުމު މިނިވަންވި ފަހުން އަންހެނުންނާއި ފިރިހެނުންގެ އަދަދު މިހާ ބޮޑަށް ތަފާތުވި ފުރަތަމަ ފަހަރެވެ.

މާބަނޑުވުމުން އަންހެން ކުދިން ވައްޓާލުމާ ދެކޮޅަށް އިންޑިޔާގައި މަސައްކަތް ކުރާ މަދު މީސްކޮޅުގެ ތެރެއިން އެކަކީ ޑރ. ނީލަމް ސިންގެވެ. އޭނާ ވިދާޅުވާ ގޮތުގައި އިންޑިޔާގެ ބައެއް އާއިލާތަކުން އަންހެން ކުދިން ވައްޓާލަނީ އާއިލާގެ ޝަރަފަކީ ފިރިހެން ކުދިން ކަމަށް ދެކޭ ގަދީމީ ވިސްނުމެއްގެ ސަބަބުންނެވެ.

" އެބޯޝަނަށް ޑިމާންޑް އޮންނަ ވަރު އަހަރެންނަށް އިހުސާސް ކުރެވޭ، ބެލެނިވެރިން ބުނާ ގޮތުގައި އާއިލާގައި ފިރިހެން ކުދިން ތިބުމަކީ މުހިއްމު ކަމެއް، އެމީހުން ބޭނުން ވަނީ އާއިލާގެ ނަން ދަމަހައްޓަން، އަހަރެން ދެކޭ ގޮތުގައި މިއީ އަންހެން ކުދިންނަށް ކުރާ ބޭއިންސާފުގެ ތެރެއިން އެންމެ ނުރައްކާތެރި ކަންތައް" އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި ސިންގް ވިދާޅުވެފައި ވެއެވެ.

އިންޑިޔާގައި އެންމެ އާބާދީ ބޮޑު ސްޓޭޓްކަމަށްވާ އުއްތަރު ޕްރަދޭޝްގައި އަންހެނުންގެ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތްކުރައްވާ ސިންގް ވިދާޅުވާ ގޮތުގައި އެސްޓޭޓްގައި 200 މިލިޔަން ކުދިން އުފަން ވެއްޖެ ނަމަ އަންހެން ކުދިންގެ އަދަދު ފިރިހެން ކުދިންނަށް ވުރެ 10 މިލިޔަން މަދުވެއެވެ.

މިމަހުގެ ފަހުކޮޅު ދުނިޔޭގެ އާބާދީގައި ހަތް ބިލިޔަން މީހުން ހަމަވާއިރު އަންހެނުންނާއި ފިރިހެނުންގެ އަދަދުގެ ތަފާތު ބޮޑުވުމުގެ މައްސަލަ ބައެއް ސަރަހައްދުތަކުގައި އަންނަނީ ދަނީ ބޮޑުވަމުންނެވެ.

އާބާދީއާ ބެހޭ ދިރާސާކުރައްވާ، ބްރިޣަމް ޔޫމް ޔުނިވަސިޓީގެ ޕްރޮފެސަރް ވަލޭރީ ހަޑްސަން ވިދާޅުވާ ގޮތުގައި ތުއްތު ކުދިން ނުސީދާގޮތުންނާއި ސީދާގޮތުން މެރުން އަދި ޖިންސް ބަލައި އެބޯޓް ކޮށްލުމަށް ބާރު ލިބޭ ގިނަ ކަންތައްތަކެއް އިންޑިޔާގައި އެބަހުއްޓެވެ.

ޕްރޮފެސާރ ހަޑްސަން ދެކެވަޑައިގަންނަވާ ގޮތުގައި އެކަމުގެ އެންމެ ބޮޑު ސަބަބަކީ އިންޑިޔާގައި އޮންނަ ޑައުރީ ސިސްޓަމް ( ކައިވެނީގެ ހުރިހާ ހަރަދަކާއި ފިރިހެން ކުއްޖާ ބުނާ ވަރަކަށް ފައިސާ އަންހެން ކުއްޖާގެ އާއިލާއިން ދޭން ޖެހޭ ސިސްޓަމް) އެވެ.

އަދި އަންހެން ދަރިންނަށް ވާރުތަ މުދާ ނުލިބޭ ގޮތަށް އޮންނަ އޮތުމާއި މުސްކުޅި އުމުރުގައި މައިން ބަފައިން ބަލަހައްޓާނީ ފިރިހެން ދަރިން ކަމަށް ދެކޭ ދެކުމަކީ ވެސް އިންޑިޔާގައި އަންހެން ކުދިން ނުހޯދުމަށް މީހުން ބޭނުންވާ ސަބަބަތަކެވެ.

ޖިންސް ބެލުމަށް ފަހު ކުރާ އެބޯޝަން ތަކުގެ ސަބަބުން ފާއިތުވި 30 އަހަރުގެ ތެރޭގައި 163 މިލިޔަން އަންހެން ކުދިންގެ ފުރާނަ ގެއްލިފައިވާ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

އާބާދީގައި އަންހެނުން މަދުވުމަކީ އިޖުތިމާއީ ހަމަޖެހުން ގެއްލޭނެ ކަމެއް ކަމަށް އިޖުތިމާއީ އިލްމުގެ މާހިރުން ވިދާޅުވެއެވެ. ޕްރޮފެސަރު ހަޑްސަން ވިދާޅުވާ ގޮތުގައި އެކަމުގެ ސަބަބުން ނުރައްކާތެރި ކުށްކުރުން އިތުރުވާނެއެވެ. އެއީ ކައިވެނި ކުރާނެ އަންހެނުން ހޯދަން ދަތި ވުމުގެ ސަބަބުން ކަމަށް ވެސް އޭނާ ވިދާޅުވެއެވެ.

މިކަމަށް އޮތް ހައްލަކީ މީހުންގެ ގަބޫލުކުރުންތައް އެމީހުން އަމިއްލައަށް ބަދަލުކުރުން ކަމަށް ހަޑްސަން ވިދާޅުވެއެވެ.