ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްފައިވާ މިންވަރު ބެލުމަށް ޓޫރިޒަމް މިނިސްޓްރީ އާއި ސިފައިން އަދި ފުލުހުން ގުޅިގެން ފަށާފައިވާ އިންސްޕެކްޝަނުގައި މިހާތަނަށް ހަތް އަތޮޅެއްގައި ފަތުރުވެރިންނަށް ހިދުމަތްދޭ ހުުރިހާ ތަނެއް ބަލާ ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެ މިނިސްޓްރީގައި ރެޖިސްޓްރީކޮށްގެން ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަނުގެ ސަލާމަތީ ކަންތައް އޮޑިޓު ކުރުމަށް ފެށި އިންސްޕެކްޝަނުގައި ހއ، ހދ، ގދ، ގއ އަދި އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގެ އިތުރުން ފ އަތޮޅުގައި ހިންގާ ހުރިހާ ރިސޯޓު ތަކާއި ހޮޓާ، ގެސްޓުހައުސް އަދި ޑައިވް ސެންޓަރު ތަކާއި ޔޮޓު މެރީނާތައް ބަލާފައިވާ ކަމަށެވެ.

މިހާރު ކުރިއަށްދަނީ ވ އަދި ކ އަތޮޅުގެ އިންސްޕެކްޝަން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މި އިންސްޕެކްޝަންތަކުން ފާހަގަވެގެންދިޔަ ބައެއް ކަންތަކުގެ ތެރޭގައި ފާހަގަކޮށްލެވޭ ރެޖިސްޓްރީ ނުކޮށް ހިދުމަތް ދެމުންދިޔަ ތަންތަން ހުރި. ސަލާމަތީގޮތުން އިތުރަށް ހަރުދަނާކުރަންޖެހޭ ތަންތަން އަޅުގަނޑުމެންނަށް ފާހަގަވި. އެކަންތައް ރަނގަޅު ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާ ހަރުދަނާ ކުރުމަށް ޓޫރިޒަމް މިނިސްޓްރީ އިން ކުރިއަށްގެންދާ އިންސްޕެކްޝަނުގައި ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަނުގައި ތިބި ދިވެހި މުވައްޒަފުންގެ އަދަދާއި، މުވައްޒަފުންނަށް ދޭ ސާވިސްޗާޖުގެ ކަންތައްވެސް ބަލަމުންދާ ކަމަށެވެ.

ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތްދޭ ހުރިހާ ތަނެއް ބަލާ ނިންމާލެވޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މިނިސްޓަރު ވިދާޅުވީ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމަށް ހާއްސަ ހަރަކާތްތަކެއް ހިންގަން ރާވާ ފައިވާ ކަމަށެވެ. މި ހަރަކާތްތައް ސެޕްޓެމްބަރު 23 އިން އޮކްޓޯބަރު ހަތަރެއްގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ.

"މި އަހަރު ހާސިލް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑުމެންނަށް ދެއްވާފައިވާ ޓާގެޓްސް އެޗީވް ކުރެވޭނެ. ތި ބޭފުޅުންނަށް އެ ތަފާތު ފެނިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.