އެއްދުވަހެއްގެ މެންދުރުފަހުގެ ވަގުތެވެ. މާލޭގެ މަގުތަކުން މަގެކެވެ. ވަކި ހިސާބަކުން މީހަކާ ދިމާވެއްޖެ އެވެ. އޭނާ އުޅުނީ ސެންޓްރަލް ހޮޓާ ނުފެނިގެން ނެވެ. އެތަން ހުރިތަން ބުނެދިނުމުން ހިނިތުންވެލަމުން "ތޭންކިޔޫ" އޭ ބުނެފައި ހިނގައިގެންފި އެވެ. ހިތްހަމަޖެހުން ލިބުނެވެ. އަޅުގަނޑުވެސް އޭގެ ރައްދުގައި ހިނިތުންވެލާފައި "ވެލްކަމް" އޭ ބުނެލީމެވެ. ކިހާ ރީތި ގޮތެއްހެއްޔެވެ؟

އެހެން ދުވަހެކެވެ. މިފަހަރުވެސް މާލޭގެ މަގެކެވެ. ދިޔައީ ސައިކަލުގަ އެވެ. ކުރިމަތިން ދިޔަ ސައިކަލުގައި އިން މީހާ އިނީ، އޭނާގެ ކުޑަ ދަރިފުޅު ސައިކަލުގެ ކުރީގައި ބައިންދައިގެންނެވެ. ތަންކޮޅަކަށް ދިޔަތަނާ އެކުއްޖާގެ ބޮލުގައި އަޅާފައި އޮތް ތޮފި ވިއްސައިގެން ހިނގައްޖެ އެވެ. ވެއްޓުނީ އަޅުގަނޑާ ހަމައަށެވެ. އެމީހާ މަޑުކުރި އެވެ. އަޅުގަނޑު ސައިކަލު ބަހައްޓާފައި ގޮސް އެ ތޮފި ނަގައި އޭނާ އަތަށް ދީފީމެވެ. އޭނާ އޭގައި ހިފަމުން ކުޑަ ގޮތަކަށް ހިނިތުންވެލިހެން ހީވި އެވެ. ނައްޓާލައިފި އެވެ.

ކުއްލިއަކަށް ހިތަށް އައީ ސެންޓްރަލް ހޮޓާ ހޯދަން އުޅުނު މީހާގެ ސޫރަ އެވެ. އޭނާ ހިނިތުންވެލިލެއް ރީތިކަމެވެ. ޝުކުރު އަދާކޮށްލި ގޮތެވެ. އެކަމުގެ ސަބަބުން ހިތަށް ލިބުނު ފިނިކަމެވެ. އެދުވަހާ އަޅައި ބަލާއިރު މިއަދު މި ކޮށްދެވުނީ މާބޮޑު ކަމެކެވެ. އެކަމަކު މިއަދަކު އެ ފަދަ ހިނިތުން ވުމެއް، ޝުކުރު އަދާކޮށްލުމެއް ނެތެވެ. ދެދުވަހުގައި ހުރި ތަފާތަކީ މިއެވެ. ވިސްނުނީ ފަހުންނެވެ. އެދުވަހު އެއީ ބޭރު ގައުމެއްގެ މީހެކެވެ. ޔޫރަޕްގެ ދޮން މީހެކެވެ. މިއަދު މިއީ ދިވެއްސެކެވެ.

ފަހަރުގައިވެސް އަޅުގަނޑު މިދަންނަވަނީ، ދިވެހިންނަކީ ޝުކުރުވެރިވުމާއި ޝުކުރު އަދާކުރުމުން މަޙުރޫމުވެފައި ތިބި ބަޔެކޭ ނޫނެވެ. އެހެންނަމަވެސް ގަބޫލުކުރަން ޖެހޭ ޙަޤީޤަތަކީ ގިނަ ދިވެހިންގެ ކިބައިން މި ސިފަ އެންމެ އެކަށީގެންވާ ގޮތަށް ނުފެންނަ ކަމެވެ. ކިތަންމެ ރަނގަޅަށް ކަމެއްކޮށްދިނަސް އަޅައިނުލައި ހިނގައިދާނެ އެވެ. ބައެއް ފަހަރު ބައެއް މީހުން، އެފަދަ ދަނޑިވަޅުގައި ކަންތައް ކުރާގޮތުން ހީވަނީ ކޮންމެހެން ކޮށްދޭން ޖެހޭ، މަޖުބޫރުކަމެއް ކޮށްދެވޭހެންނެވެ.

އެއްދުވަހަކު ރައްޓެއްސަކު ކިޔައިދިނެވެ. އޭޓީއެމް އަށް ފައިސާކޮޅެއް ނަގަން ވަންއިރު މެޝިނަށް ކޭޝްކާޑެއް ޖެހިގޮތަށް އެބަހުއްޓެވެ. އޭނާ އެކާޑު ނަގައިގެން ބޭރުގައި މަޑުކޮށްލައިގެން ހުރީ، އޭގެ ވެރިމީހާ އަންނާނޭކަން ޔަގީންވާތީ އެވެ. ކަންވީވެސް އެހެންނެވެ. ފަނަރަވަރަކަށް މިނެޓުފަހުން މީހަކު ދުންޖަހާފައި އަތުވެއްޖެ އެވެ. އައިގޮތަށް އައިސް އޭޓީ އެމް ބޫތަށް ވަދެ، އެއްޗެއް ހޯދަން އުޅެންފެށުމުން ކާޑު ހޯދަނީކަން އެނގިއްޖެ އެވެ. އެކުވެރިޔާ އެމީހާގާތު ނަން އަހާފައި ޔަގީންވުމުން ކާޑު ދީފި އެވެ. "ނުގެއްލުނުކަން ނަސީބުތާއޭ" ބުނެފައި އެދިޔައީ އެވެ.

މިހިރީ ބައެއް މީހުންގެ ކަން ހުންނަ ގޮތެވެ. އެއްގޮތަކުން ބަލާއިރު އެ ކޮށްދެވުނީ ކިހާ ބޮޑު ކަމެއްހެއްޔެވެ؟ އެކަމަކު އޭނާއަކަށް އެވަރެއް ނުވިސްނުނެވެ. ކާޑު ލިބުމުން އޭނާ އެހުރީ ހިތްހަމަޖެހިފަ އެވެ. ޝުކުރުގެ ބަހެއްވެސް ބުނެލަން ނޭނގުނެވެ. އެފަދަ ވަގުތުގައި ކަންކުރަންވީ ގޮތް ބައެއް މީހުންނަށް ނޭނގެނީކަމަށް ވެދާނެ އެވެ. ނުވަތަ އެއީ ކުރަން އެހާ މުހިންމު ކަމެއްކަމަށް ނުވިސްނެނީކަމަށް ވެސް ވެދާނެ އެވެ.

ކަމެއް މީހަކު ކޮށްދިނުމުން ޝުކުރުއަދާކުރުމަކީ ދީނީ ނަޒަރަކުން ބެއްޔަސް ވަރަށް މުހިންމު ކަމެކެވެ. މީހަކު މީހަކަށް ކައިއެތި ކޮޅެއް ދިނަސް، ނުވަތަ އެހީތެރިކަމުގެ އަތެއް ދިއްކޮށްލިކަމަށް ވިޔަސް އެމީހަކަށް ހެޔޮ ދުޢާ ކުރުމަކީ ދީން ނުހަނު ބާރު އަޅާ ކަމެކެވެ. ޝުކުރު އަދާކުރުމަކީ ހެޔޮ ދުޢާ ކުރުމެވެ.

ޝުކުރު އަދާކުރަންވީ ހަމައެކަނި ހިލޭ ސާބަހަށް ކޮށްދޭ ކަމެއްގައި އެކަންޏެއް ނޫނެވެ. ނުވަތަ ބުރަ މަސައްކަތެއް ކޮށްދިނީމައެއްނޫނެވެ. ފިހާރައަކަށް ވަދެ ބޮޑުއަގުދީފައި ގަންނަ އެއްޗެއް ލިބިގަންނަމުން ވެސް ޝުކުރު އަދާކޮށްލަންވީ އެވެ. އެއްޗެއް އޮޅުން ފިލުވައިލަން އަހައިލުމުން އެކަން ކޮށްލަ ދިނަސް ޝުކުރު އަދާކޮށްލަންވީ އެވެ. މިފަދަ ކޮންމެ ދަނޑިވަޅަކުވެސް ޝުކުރުގެ ލަފުޒެއް ބުނެލުމުން އަނެކާހިތް އުފަލުން ފޮޅިގެންދާނެ އެވެ. އެހެންކަމުން މި ރީތި އާދަ އަށަގެންނެވޭތޯ ހަމަ ކޮންމެ މީހަކުވެސް މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

ކޮންމެ ކަމެއްގައިވެސް ރީތި ގޮތާއި ހުތުރުގޮތް ހުންނާނެ އެވެ. އިސްކަން ދޭންވީ އެކަމެއްގައި އޮންނަ ރީތި ގޮތަށެވެ. ރަނގަޅު ގޮތަށެވެ. މީހަކު ކަމެއް ކޮށްދިނުމުން ނުވަތަ ލުޔެއް ދިނުމުން ނުވަތަ އެނޫންވެސް ތިމާއަށް އެވަގުތަކަށް މުހިންމު ކަމެއްގައި އެހީތެރިކަމުގެ އަތެއް ފޯރުކޮށްލަ ދިނުމުން ހިނިތުންވެލާށެވެ! އެންމެ ކުޑަމިނުން "ޝުކުރިއްޔާ" އޭ ބުނެލާށެވެ. އެއީ ހަމަ ވަރަށް ރީތި، މާތް ސިފަ އެކެވެ. އަތުން ޚަރަދެއް ނުކޮށް، ކޮށްދިން ކަންތަކުގެ އަގު އަދާކުރެވުނީ އެވެ.