20 Jun 2019, 12:33
ދަރަނީގެ ސަބަބުން ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވެއްޖެ އެވެ.
ރަޝިއާގެ އޫފާގައި މިހާރު ކުރިއަށްދާ 10 ވަނަ އިންޓަނޭޝަނަލް މީޓިންގް އޮފް ހައި ރޭންކިން އޮފިޝަލްސް ރެސްޕޮންސިބަލް ފޯ ސެކިއުރިޓީ މެޓާސް، މެޓާސްގައި ތަގުރީރުކުރައްވައި މާރިޔާ ވިދާޅުވީ ޒަމާނަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން އާ ނުރައްކާތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
އެގޮތުން މޫސުމަށް އަންނަ ބަދަލާއި ކަނޑުފޭރުން ފަދަ ކަންކަމާއި ބޭރު ގައުމުތަކަށް ދައްކަން ޖެހޭ ދަރަނީގެ ގޮތުގައި އުފުލަން ޖެހޭ ބުރައިގެ ސަބަބުން ގައުމުގެ އިޖުތިމާއި އަދި އަގުތިސާދީ ތަރައްގީއަށް ހުރަސް އަޅޭކަން މާރިޔާގެ ތަގުރީރުގައި ވަނީ ފާހަގަކުރައްވައިފަ އެވެ.
މާރިޔާ ވިދާޅުވީ ގައުމީ ސަލާމަތަށް ހުރި ގޮންޖެހުމަކީ އާހިރުގައި ގައުމުގެ ރައްޔިތުންގެ ދުޅަހެޔޮކަމާއި ރައްކާތެރިކަމަށް ހުރި ގޮންޖެހުމެއް ކަމަށް ވެސް މާރިތާ ވިދާޅުވި އެވެ. އެހެންކަމުން ސަލާމަތީ ގޮތުން ކުރިމަތިވާ އާ ނުރައްކާތަކާއި ގޮންޖެހުންތަކަށް ކުރިމަތިލުމުގައި ގައުމުތަކުން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް މާރިޔާ ވިދާޅުވި އެވެ.
ދަރަނީ ބުރައާ ބެހޭ ގޮތުން މާރިޔާ ވާހަކަ ދެއްކެވި އިރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ދާދި ފަހުން ވަނީ ޗައިނާ އިން ރާއްޖޭ ބޮލުގައި ބޮޑެތި ލޯނުތަކެއް އަޅުވައި ރާއްޖެ ދަރަނިވެރިކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.
އާ ސަރުކާރުން ވެރިކަމަ ހަވާލުވުމަށް ފަހު އިންޑިއާ ފަސްޓް ޕޮލިސީއަށް ވަނީ އެކި ސިޔާސަތުތައް ބައްޓަންކުރަމުންނެވެ. އިންޑިއާ އިން ވަނީ 800 މިލިއަން ޑޮލަރުގެ ދަރަނި (12.4 ބިލިއަން ރުފިޔާގެ ކްރެޑިޓް ފެސިލިޓީއެއް) ރާއްޖެ އަށް ދިނުމަށް ނިންމައިފަ އެވެ. ފޮރިން މިނިސްޓްރީން ބުނީ އެ ފައިސާއިން ރާއްޖޭގެ އެކި މަޝްރޫއުތަކަށް ހަރަދު ކުރާނެކަމަށެވެ. އެ ހުރިހާ ފައިސާއަކީ ވެސް އަނބުރާ ދައްކަން ޖެހޭ ފައިސާއެވެ.