26 Oct 2011, 09:01
ރިޔާޒް (އޮކްޓޯބަރ 26) : މިދިޔަ ހޮނިހިރު ދުވަހު އަވަހާރަވި ސައޫދީ ވަލީއަހުދު ސުލްތާން ބިން ޢަބްދުލްޢަޒީޒް އިއްޔެ ހަވީރު ރިޔާޒްގައި ފަސްދާނުލައިފިއެވެ. ސުލްތާންގެ ޖަނާޒާގައި އިސްލާމީ ޤައުމުތަކުގެ ބައެއް ލީޑަރުންނާއި ދުނިޔޭގެ އެހެންޤައުމުތަކުގެ ބައެއް ލީޑަރުންނާއި ބައިނަލްއަޤްވާމީ މުއައްސަސާތަކުގެ ބައެއް ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ސުލްތާންގެ މައްޗަށް ކަށުނަމާދުކުރެއްވީ ސަޢޫދީ މުފްތީ އައްޝައިޚް ބިންޢަބްދުލްޢަޒީޒް އާލުއްޝައިޚްއެވެ. ސުލްތާން ފަސްދާނުލެވުނީ ރިޔާޒްގެ އަލްބަތްޙާ ސަރަޙައްދުގެ ޤަބްރުސްތާނެއްގައެވެ. ސައޫދީ ޝާހީޢާއިލާގެ ވަރަށް ގިނަބޭފުޅުން ފަސްދާނުލެވިފައވަނީ މި ޤަބްރުސްތާން ގައެވެ. މީގެތެރޭގައި ސުލްތާންގެ ބައްޕަ އަދި ސަޢޫދީ އަރަބިޔާގެ ބާނީ ޢަބްދުލްއަޒީޒް އާލްސުޢޫދް ހިމެނިވަޑައިގަންނަވައެވެ. ސުލްތާންއަކީ ސައޫދީ އަރަބިޔާގެ ބާނީ އަދި އެޤައުމުގެ ފުރަތަމަ ރަސްގެފާނު ޢަބްދުލްއަޒީޒް އާލްސުޢޫދްގެ ފިރިހެން ބޭފުޅުންގެ ތެރެއިން 15 ވަނަ ބޭފުޅާއެވެ.
ސުލްތާންގެ މައްޗަށް ކަށުނަމާދު ކުރެވުނީ ރިޔާޒްގެ އަލްއިމާމް ތުރުކީ ބިންޢަބްދުﷲ މިސްކިތުގައެވެ. ޖަނާޒާގައި އިސްކޮށް ޙަރަކާތްތެރިވެ ވަޑައިގެންނެވީ ސައޫދީ ރަސްގެފާނު ޢަބްދުﷲ ބިން ޢަބްދުލްޢަޒީޒެވެ.
ސުލްތާން ބިން ޢަބްދުލްޢަޒީޒް އަވާހަރަވީ ބޮޑު ގޮހޮރުގެ ކެންސަރުގެ އާލާސް ކަންފުޅެއްގައި އެތަށް އަހަރަކު އުޅުއްވުމަށްފަހު އެމެރިކާގެ ނިޔުޔޯކްގައި ހުންނަ ކެންސަރަށް ފަރުވާދޭ ހޮސްޕިޓަލެއްގައެވެ. އަވަހާރަވިއިރު ސުލްތާން ގެ އުމުރުފުޅަކީ 80 އަހަރެވެ. -- އަލްޖަޒީރާ