20 Jun 2019, 10:24
މ. ކޮޅުފުށީގެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް އެރަށު ކައުންސިލްގެ ރައީސް ހުސެއިން ޝާމިލް ނާއިބު ރައީސް ފައިސަލް ނަސީމްއާ ހިއްސާކޮށްފިއެވެ.
އިއްޔެ މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި، ރަށުގެ ތަރައްގީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި، މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށަށް ބޭނުންވެފައިހުރި ކަންކަމުގެ މަޢުލޫމާތު ވަނީ ފައިސަލްއާ ހިއްސާ ކުރައްވައިފައެވެ.
އެގޮތުން ރަށުގެ މަގުބައްތި ޖެހުމުގެ މަޝްރޫޢު ހިންގުމަށް ހުރި ހުރަސްތަކާއި، ސުނާމީއަށްފަހު ސާފުފެން ލިބުމުގައި ދިމާވެފައިވާ މައްސަލަ ހައްލުކޮށްދިނުމަށާއި، ކޮޅުފުށްޓަށް ފެރީގެ ހިދުމަތް އަލުން ފެށުމުގެ މުހިންމު ކަމާއި ރަށް ގިރުމުގެ މައްސަލައިގެ އިތުރުން، ރަށުގެ ސިއްހީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މަޢުލޫމާތު ކައުންސިލްގެ ރައީސް ވަނީ ފައިސަލްއާ ހިއްސާ ކުރައްވައިފައެވެ.
އެ ބައްދަލުކުރެއްވުމުގައި ފައިސަލް ވިދާޅުވީ ކަމާގުޅޭ ވުޒާރާތަކާއި ގުޅިގެން، ކައުންސިލް ރައީސް ފާހަގަ ކުރެއްވެވި މައްސަލަތައް ހައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި، ރައްޔިތުންނަށް ފައިދާވާނެ ކަންކަމުގައި ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ކައުންސިލްގެ ރައީސަށް ދެއްވާފައެވެ.