20 Jun 2019, 10:08
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އެ މެމްބަރުންގެ އަނބިން ނުވަތަ ފިރިން އަދި ދަރިންގެ މާލީ ބަޔާން ހުށަ ނާޅާ މެމްބަރުންގެ މުސާރައިގެ ދެބައިކުޅަ އެއްބައި އުނިކުރަން މަޖިލީހުގެ ގަވައިދު އެކުލަވާލާ ވަގުތީ ކޮމިޓީން ފާސްކޮށްފި އެވެ.
މަޖިލީހުގެ ގަވައިދު ކުރިން ބުނާގޮތުން މާލީ ބަޔާން ހުށަހަޅަން ޖެހޭނެ އެވެ. އެކަމަކު އެއީ މެމްބަރުން އެކަންޏެވެ. އަދި މާލީ ބަޔާން ހުށަނާޅާ މެމްބަރުންނާ މެދު އަމަލުކުރާނެ ގޮތެއް އޭރު އެ ގަވައިދުގައި ބަޔާންކޮށްފައެއް ނުވެ އެވެ.
ގަވައިދު ކޮމިޓީން އެ މާއްދާއަށް ބަދަލު ގެނެސް ފާސްކޮށްފައިވަނީ މަޖިލިސް މެމްބަރުންގެ އަނބިންނާއި ފިރިން އަދި ދަރިންގެ މާލީ ބަޔާންވެސް ހުށަހަޅަން ޖެހޭ ގޮތަށެވެ. މާލީ ބަޔާން ހުށަހަޅަން ޖެހޭނީ އޮކްޓޫބަރު 31 ގެ ކުރިން ކަމަށް މީގެ ކުރިން ބަޔާންކޮށްފައި އޮތް ނަމަވެސް މިހާރު އެ ތާރީހު ވަނީ އޮގަސްޓް 31 އަށް ބަދަލުކޮށްފަ އެވެ.
އޮގަސްޓް 31 ވަނަ ދުވަހުގެ ކުރިން މާލީ ބަޔާން ހުށަ ނާޅާ މެމްބަރުންނަށް 15 ދުވަހުގެ ނޯޓިސްއެއް ދިނުމަށް ގަވައިދު ކޮމިޓީން ފާސްކުރި އެވެ. އަދި އެ 15 ދުވަހުގެ ތެރޭގައި ހުށަ ނާޅައިފި ނަމަ އެއް މަސް ދުވަސް ވަންދެން މެމްބަރުގެ މުސާރައިން 50 ޕަސެންޓް އުނިކުރަން ގަވައިދު ކޮމިޓީން ފާސްކުރި އެވެ.
މުސާރައިން އުނިކޮށްގެންވެސް މާލީ ބަޔާން ހުށަ ނާޅައިފި ނަމަ އެ މައްސަލައެއް ތަހުގީގު ކޮށްދިނުމަށް ކަމާ ބެހޭ އިދާރާ ތަކަަށް ފޮނުވާ ގޮތަށް ގަވައިދު ކޮމިޓީން ވަނީ ގަވައިދު އިސްލާހުކޮށްފަ އެވެ.
މަޖިލީހުގެ ގަވައިދު އެކުލަވާލާ ވަގުތީ ކޮމިޓީން އެގޮތަށް ފާސްކުރި ނަމަވެސް ގަވައިދަށް އެ އިސްލާހު އަންނަނީ ތަޅުމުން އެގޮތަށް ފާސްކޮށްގެންނެވެ. އެހެން ހެދުމުން މާލީ ބަޔާން ހުށަހަޅަން މެމްބަރުންނަށް މަޖުބޫރުވާނެ އެވެ.
މާލީ ބަޔާން ހުށަނަޅާ ނަމަ އެއީ ޖިނާއީ ކުށަކަށް ހަދަން އެމްޑީޕީން މަޖިލިސް އިންތިހާބުގައި ވައުދުވި އެވެ.