Last Updated: 6 year 5 month ago
Last Updated:
6 year 5 month ago
ތުހުމަތުތަކަށް ޖަވާބުދޭން ފަސް ދުވަސް ދިނުމަށްފަހު އަޑުއެހުން ނިންމާލައިފި
ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)އިން ހިންގާ ތަހުގީގު ފެށުމަށް މި ވަނީ ތައްޔާރުވެފައި. އެ މައްސަލަ ހުޅުވާލައިގެން ބަލަން ނިންމީ، ފަނޑިޔާރު ދީދީގެ އެދިވަޑައުގަތުމަށް. އެ ތަހުގީގު ބާއްވަނީ ދަރުބާރުގެ ރަންނަބަޑޭރި މާލަމުގައި. ތަހުގީގު ފަށާނީ މިއަދު ހެނދުނު 10:00 ގައި.
12:45
އެ ފުރުސަތުތައް ދެއްވުމަށް ފަހު، ތަހުގީގު މިހާރު ވަނީ ނިންމާލާފައި. އަދި ތަހުގީގު ނިންމާލިކަން އިއުލާން ކުރަމުން ރިޔާސަތުން ބުނީ، އަދި ފެނިއްޖެ ނަމަ އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް.
މީގެ އިތުރުން ޖޭއެސްސީއިން ފަނޑިޔާރާ މެދު އެކުލަވާލާ ރިޕޯޓަށް ޝަކުވާ ހުށަހަޅަން ވެސް ފަނޑިޔާރަށް 30 ދުވަސް ދެއްވާނެ ކަމަށް ވިދާޅުވި.
ރިޔާސަތުން މަސްތޫރު ވިދާޅުވީ، ފަނޑިޔާރަށް ތުހުމަތުވާ ކަންކަމާއި ކުރި ސުވާލުތަކަށް ލިޔުމުން ޖަވާބު ދިނުމަށް 5 ދުވަހުގެ މުއްދަތެއް ދެއްވާ ކަމަށް.
ރިޔާސަތުން މަސްތޫރު ވިދާޅުވީ، ތަހުގީގު ކުރިއަށް ގެންދާނީ ހުރިހާ ހައްގުތަކެއް ދީގެން ކަމަށް. އަދި ފުލުހުން ދިން މައުލޫމާތުތަކަށް ބަލާއިރު ފަނޑިޔާރުގެ ސުލޫކީ މައްސަލަތަކެއް ހުރި ކަމަށް ފާހަގަވެގެން ގެންދާ އިދާރީ ތަހުގީގެއް ކަމަށް. އަދި ޖިނާއީ ބައި ގެންދާނީ ކަމާ ގުޅޭ މުއައްސަސާއިން ކަމަށް ވިދާޅުވި.
އޭޖީ ރިފްއަތު ވިދާޅުވީ ފުލުހުން މީގެ ކުރިން ތަހުގީގެއް ނުކުރުމަކީ މިހާރު ތަހުގީގެއް ހިންގަން ނުޖެހޭ ކަމެއް ނޫން ކަމަށް. އެހެން ވީމާ، ޖޭއެސްސީއިން ސުވާލު ކުރަނީ، ފުލުހުން ތަހުގީގެއް ކުރާ ކަމަށް ބުނެ ފޮނުވި ސިޓީއަކާ ހަވާލާދީ ކަމަށް އޭޖީ ރިފްއަތު ވިދާޅުވި.
ފައިސާ ހޯދަން ކޮށްފައިވާ މެސެޖްތަކަކާ ގުޅޭ ގޮތުން ބަންޑާރަ ނައިބު ކުރެއްވި، ސުވާލުތަކާ ގުޅޭ ގޮތުން ފަނޑިޔާރު ދީދީ ވިދާޅުވީ، އެއްވެސް މީހެއްގެ އަތުން ރިޝްވަތުގެ ގޮތުގައި ފައިސާ ނުނަންގަވާ ކަމަށް. އަދި މެސެޖްތަކެއް ކަމަށް ބުނާ ތަކެއްޗަކީ ކޮން ތަކެއްޗެއްތޯ ބަލަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ކޮމިޝަންގެ ރިޔާސަތުން ތަކުރާރުކޮށް ވިދާޅުވަނީ، ބަލަމުން ދަނީ ފުލުހުން ހުށަހެޅި މައްސަލައެއް ކަމަށް. މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލައެއް ނޫން ކަމަށް. އެހެން ވީމާ، ކޮމިޝަންގައި ތިއްބަވާ އެއްވެސް މެންބަރެއްގެ މަސްލަހަތު ފުށުނާރާ ކަމަށް ރިޔާސަތުން އިއުލާން ކުރެއްވި.
ފަނޑިޔާރު ދީދީގެ ވަކީލުން ރިޔާސަތުން ތަހުގީގު ގެންދާ ގޮތާ މެދު ގެންދަވަނީ ނުރުހުން ފާޅު ކުރައްވަން. ރިޔާސަތުން މަޑުން ތިބުމަށް ދެންނެވުމުން ވެސް އެ ވަކީލުން ގެންދަވަނީ ނުރުހުން ފާޅު ކުރައްވަމުން.
ލިޔުންތަކުގައިވާ 777 ނަމްބަރަކީ ދީދީގެ ނަމްބަރެއްތޯ ސުވާލު ކުރެއްވި. ދީދީ ވިދާޅުވީ 777ގެ ނަމްބަރެއް ގެންގުޅުއްވާ ކަމަށް. ނަމަވެސް ލިޔުންތަކުގައި އޮތީ އެ ނަމްބަރުކަން ޔަގީންކޮށް ވިދާޅުވާން ނޭނގޭ ކަމަށް. ދީދީ އެހެން ވިދާޅުވުމުން އޭނާއަށް ރިޔާސަތުން ވަނީ ލިޔުންތަކުގައިވާ ނަމްބަރު ހިމެނޭ ނޯޓެއް އަރުވާފައި.
ދީދީ ވިދާޅުވީ، އޭނާގެ މައްސަލައެއް ފުލުހުން ބަލަމުން ނުދާ ކަމަށް އަންގާފައި އޮތް ކަމަށް. އަދި އޭނާއާ ދެކޮޅަށް ފުލުހުން ހޯދައިގެން އުޅޭ ހެކިތައް އެއީ އުސޫލުތަކުގެ ތެރެއިން ހޯދި ހެކިތައްތޯ ބަލަން ޖެހޭ ކަމަށް ވެސް ފަނޑިޔާރު ދީދީ ވިދާޅުވި.
ދީދީ ވިދާޅުވީ އެއްވެސް ރިޝްވަތުގެ އަމަލެއް ހިންގަވާފައި މިހާތަނަށް ނުވާނެ ކަމަށް. އަދި އޭނާ މަސައްކަތް ކުރައްވަނީ އިހުލާސްތެރިކޮށް ކަމަށް.
ދީދީއާ މިހާތަނަށް ކުރި ސުވާލަކަށް އޭނާ ސީދާ ޖަވާބެއް ނުދެއްވާ. ދެތިން ސުވާލެއް މިހާތަނަށް އޭނާޔާ އަމާޒުކޮށްފި.
ފަނޑިޔާރު ދީދީ ވިދާޅުވީ ތަހުގީގު ކުރަން ވާނީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށް. ދީދީ ވިދާޅުވީ، ފުލުހުން ފޮނުވި ސިޓީއެއް ލިބުނީ ދެންމެ ކަމަށް. އޭގައި ހުރި މެސެޖާއި އަނެކެއްޗެއް ހޯދާފައި ހުރީ ރަނގަޅަށްތޯ ވެސް ބަލަން ޖެހޭ ކަމަށް. އެ ހެކިތައް ހޯދީ ރަނގަޅަށް ތޯ ބަލަން ފުރުސަތު ބޭނުންވާ ކަމަށް ދީދީ ވިދާޅުވި.
ފަނޑިޔާރު ދީދީއާ ސުވާލު ކުރީ، ރިލްވާން ގެއްލުވާލުމުގައި ތުހުމަތުވާ މީހުން ބަންދުން ދޫކުރުމުގައި ވަކި ކޮޅަކަށް ދީދީ ޖެހިވަޑައިގެންފައިވާ ކަމަށް. އެކަމާ ގުޅިގެން ދީދީގެ ވަކީލުން ވިދާޅުވީ، ދީދީ ސަސްޕެންޑް ކުރެއްވި އިޖުރާއަތް އޮތީ ނުބައިކޮށް ކަމަށް.

ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ޖޭއެސްސީން ތަހުގީގު ހިންގި މާލަމުގައި އަޑުގަދަކޮށްގެން ބަޔަކު ނެރެނީ -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ޖޭއެސްސީން ތަހުގީގު ހިންގި މާލަމުގައި އަޑުގަދަކޮށްގެން ބަޔަކު ނެރެނީ -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ޖޭއެސްސީން ތަހުގީގު ހިންގި މާލަމުގައި އަޑުގަދަކޮށްގެން ބަޔަކު ނެރެނީ -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް
މާލަމުގައި އަޑުގަދަ ކުރުމުން 3 މީހަކު ވަނީ މާލަމުން ބޭރުކޮށްފައި. މިހާރު އޮތީ ހަމަ ވަރަށް އާމާންކޮށް. ރިޔާސަތުން ގެންދަވަނީ މިހާރު ސުވާލުތައް ކުރައްވަމުން.
ފަނޑިޔާރު ދީދީ ވިދާޅުވީ، މިހާރު ޖޭއެސްސީއިން ތަހުގީގު ކުރަނީ ކުރިން ބެއްލެވި މައްސަލައެއް ނޫން ކަމަށް. އަދި އޭނާގެ އަނބިކަނބަލުންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ވަތް މައްސަލަ ކޮބައިތޯ ދީދީ ސުވާލު ކުރެއްވި؟ އެކަން ނުބަލަނީތޯ އެއްސެވި.
އަޑުއަހަން ތިއްބެވި މީހުންގެ ތެރޭގައި ތިއްބެވި ބައެއް ބޭފުޅުން އަޑުގަދަކޮށް ހަމަނުޖެހުން ހިންގަން ފެށުމުން، އޭގެ ތެރެއިން ބައެއް މީހުން ބޭރަށް ނެރެފި. އަޑުއަހަން މާ ގިނަ ބަޔަކު ވަދެފައެއް ނުވޭ.

ޖޭއެސްސީގެ ތަހުގީގު ކުރިއަށް ގެންދަނީ --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް
ރިފްއަތު ވިދާޅުވީ މިއަދު ހަވާލުކުރި ލިޔުންތަކުގައި މާ ގިނަ މައުލޫމާތުތަކެއް ނެތް ކަމަށް. އެހެން ވީމާ ލިޔުންތައް ރަނގަޅަށް ބައްލަވާ ޖަވާބު ދެއްވޭނެ ކަމަށް ވިދާޅުވި. އަދި މިއަދަށް ފަހު އިތުރަށް ޖަވާބު ދެއްވުމަށް 30 ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށް ރިފްއަތު ވިދާޅުވި. އެހެން ވީމާ ޑިއު ޕްރޮސެސްއާ ހިލާފަށް ކަމެއް ނުދާ ކަމަށް ރިފްއަތު ވިދާޅުވި.
ރިފްއަތު ޗެޓްލޮގެއް ވިދާޅުވެ އެބަ ދެއްވާ؛ "ޑީޑީ އެންޑް މާނު އީޗް 10،000 ޑޮލަރު" މި މެސެޖް އެބަ އޮތްތޯ ލިޔުމުގައި.
އޭޖީ ރިފްއަތު ސުވާލު ކުރެއްވީ، ތަހުގީގުގައި ޖޭއެސްސީއިން ހަވާލުކުރި ބައެއް ލިޔުންތައް ފަނޑިޔާރު އަބްދުﷲ ދީދީއަށް ލިބިފައިވޭތޯ. ބައެއް ލިޔުންތައް ސާފު ނުވާތީ އަލުން އެ ލިޔުންތައް ހަވާލު ކުރަން ރިފްއަތު އެދިވަޑައިގަތް.
ފަނޑިޔާރު ދީދީ ވިދާޅުވީ، ލިޔެކިޔުންތައް ލިބުނީ ދެންމެ އަޑުއެހުމަށް ވަޑައިގަތުމުން ކަމަށާއި އެހެން ވީމާ އޭގައި ހުރި ތުހުމަތުތަކަށް ޖަވާބު ދެއްވަން އުނދަގޫ ކަމަށް. އެހެން ވީމާ އެއީ އެކަށީގެންވާ ފުރުސަތު ދިނުން ނޫން ކަމަށް ވިދާޅުވި.

ގާނޫނީ ވަކީލު މުހައްމަދު ސަލީމް (ރޭނިސް ސަލީމް) -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ޖޭއެސްސީގެ ތަހުގީގުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ކ) އާއި އޭނާގެ ގާނޫނީ ވަކީލުން (މ) ޑރ. މުހައްމަދު ޖަމީލު އަދި (ވ) ރޭނިސް ސަލީމް --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް
ދީދީގެ ވަކީލް ޖަމީލް ގެންދަވަނީ އެކަށީގެންވާ ވަގުތު މައްސަލައިގައި ޖަވާބުދާރީންވާން ނުލިބޭ ކަމަށް ވިދާޅުވެ ވަގުތު ދެއްވުމަށް އެދެމުން. އެހެން ނަމަވެސް، ރިޔާސަތުން ވިދާޅުވީ ކުރާ ސުވާލުތަކަށް ޖަވާބުދާރީވާން ޖެހޭ ކަމަށް. އެހެން ނަމަވެސް ޖަމީލް ވިދާޅުވީ ބޮޑެތި ތުހުމަތުތަކަށް ފުރުސަތު ދޭން ޖެހޭ ކަމަށް.
ފުރަތަމަ ސުވާލުގެ ޖަވާބުގައި ދީދީ ވިދާޅުވީ ފަނޑިޔާރު ކަމަށް އައްޔަން ކުރި ސީދާ ތަރީހު ހަނދާން މިހާރު ނެތް ކަމަށް. ފަނޑިޔާރު ދީދީ އަދި ވިދާޅުވީ، އެކަން މާ ރަނގަޅަށް ޖޭއެސްސީއަށް އިނގޭނެ ކަމަށް.
މަސްތޫރު ފުރަތަމަ ކުރެއްވި ސުވާލަކީ؛ ގާޒީ އަބްދުﷲ ދީދީ ފަނޑިޔާރު ކަމާ ހަވާލުވީ ކޮން އިރަކުތޯ؟ އެހެން ނަމަވެސް ފަނޑިޔާރުގެ ވަކީލް، ޑރ. މުހައްމަދު ޖަމީލް ވިދާޅުވީ، އިޖުރާއީ ކަންކަން ފާހަގަ ކުރަން ބޭނުންވާ ކަމަށް. އެހެން ނަމަވެސް ޖަމީލްގެ އެ ވާހަކަތަކަށް ރިޔާސަތުން ފުރުސަތެއް ނުދެއްވާ.
ރިޔާސަތު ބަލަހައްޓަވާ ޖޭއެސްސީގެ މެންބަރު މަސްތޫރު ވިދާޅުވީ، ފަނޑިޔާރު އަބްދުﷲ ދީދީގެ ވަކީލުން މުޅިން ވެސް ތި ދައްކަވަނީ ސަސްޕެންޑް ކުރި ގޮތް ގޯސްކަން ފާހަގަ ކުރައްވާފައި ކަމަށް. އަދި މިއަދުގެ މަޖިލީހަކީ އެކަމާ މެދު ވާހަކަ ދައްކަން ބާއްވާ މަޖިލީހެއް ނޫން ކަމަށް ވިދާޅުވި. މަސްތޫރު ވިދާޅުވީ ތަހުގީގު ކޮމިޓީގެ ސުވާލުތަކައިގެން ކުރިއަށް ދާނެ ކަމަށް.
ތިކުރަނީ ޖިނާއީ ތަހުގީގެއް: ފަނޑިޔާރުގެ ވަކީލް
ދީދީގެ ވަކީލް ރޭނިސް ސަލީމް ވަރަށް ޖޯސުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ޖޭއެސްސީއިން ހިންގަނީ ޖިނާއީ ތަހުގީގެއް ކަމަށް. އެކަން ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި. ފުލުހުންނަށް ޖިނާއީ ތަހުގީގެއް ކުރާ ނަމަ އެކަމުގައި ފަނޑިޔާރާ ސުވާލު ކުރަން ވާނީ ފުލުހުން ކަމަށް. ތަހުގީގު ހުޅުވާލީމާ ވަކީލް ސަލީމް ވަނީ އެކަމާ ވެސް ސުވާލު އުފައްދާފައި.

ޖޭއެސްސީން ކުރިއަށް ގެންދިޔަ ތަހުގީގުގައި ފަނޑިޔާރު އަބްދުﷲ ދީދީ -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް
އަޑުގަދަ ކުރާ ނަމަ އަޑުއަހާ މީހުން ނެރޭނެ
ތަހުގީގު މާލަމުގައި އަޑުގަދަ ކުރާ ނަމަ، އަޑުއަހަން ތިބި މީހުން ސެކިއުރިޓީ މެދުވެރިކޮށް ނެރެން ޖެހިދާނެ ކަމުގެ އިންޒާރު ރިޔާސަތުން ދެއްވި. އެހެން ވިދާޅުވަމުން، ހިސާން ވިދާޅުވީ ތަހުގީގު މާލަމުގައި އަމަލު ކުރަން ޖެހޭ އުސޫލުތަކެއް ހުންނާނެ ކަމަށް. އެ އުސޫލުތަކާ ހިލާފުވެއްޖެ ނަމަ، ބޭރަށް ވަޑައިގަންނަވަން ޖެހޭ ކަމަށް ހިސާން ވިދާޅުވި.

ޖޭއެސްސީގެ ތަހުގީގުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (މ) އާއި އޭނާގެ ގާނޫނީ ވަކީލުންގެ ޓީމު --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް
ފަނޑިޔާރު އަބްދުﷲ ދީދީގެ ފަރާތުން ވަކީލު ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ޑީޑީ ސަސްޕެންޑް ކޮށްފައި ވަނީ އިޖުރާއަތުތައް ފުރިހަމަ ނުކޮށް ކަމަށް
އެއާ ގުޅިގެން ރިޔާސަތުން ބުނީ މިއަދު ބަލަމުންދާ މައްސަލައަކީ ފަނޑިޔާރު ޑީޑީ ސަސްޕެންޑް ކުރި މައްސަލައެއް ނޫން ކަމަށް. އެ މައްސަލައަކީ ޑީޑީގެ މައްޗަށް ފުލުހުން ހިންގާ ތަހުގީގަކާ ގުޅިގެން ޖޭއެސްސީއިގެ އިސް ނެގުމަށް ބަލަމުންދާ މައްސަލައެއް ކަމަށް

ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ޖޭއެސްސީން ހިންގާ ތަހުގީގުގައި ބައިވެރިވި ޖޭއެސްސީގެ މެމްބަރުން -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ޖޭއެސްސީގެ ތަހުގީގުގައި ފަނޑިޔާރު އަބްދުﷲ ދީދީގެ ވަކީލުންގެ ޓީމުގައި ހިމެނޭ ޑރ. މުހައްމަދު ޖަމީލް އަހްމަދު ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ޖޭއެސްސީގެ ތަހުގީގުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (މ) އާއި އޭނާގެ ގާނޫނީ ވަކީލުންގެ ޓީމު --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް
ޖޭއެސްސީއިން ކުރާ ތުހުމަތު ސާފެއް ނުވޭ: ފަނޑިޔާރު ދީދީ
ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތައް ޖޭއެސްސީއިން އިއްވުމުން ފަޑިޔާރު ދީދީ ވިދާޅުވީ، އޭނާގެ މައްޗަށް ޖޭއެސްސީއިން ކުރާ ތުހުމަތެއް އަދިވެސް ސާފު ނުވާ ކަމަށް. އެއާ އެކު ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާ މަސްތޫރު ވިދާޅުވީ، ޖޭއެސްސީއިން ބަލަނީ ފުލުހުން ކުރާ ތުހުމަތުތަކާ ގުޅިގެން ފަނޑިޔާރުންގެ ސުލޫކާ ދީދީ ހިލާފުވި ކަމަށް.
މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ އެމްބެސަޑަރުކަމުގެ މަގާމަށް ޑީޑީ ބޭނުންވާ މީހަކު އައްޔަން ކުރަން ސަސްޕެކްޓް އެކަކަށް ފޮނުވި މެސެޖުގައި އެދިފައިވާކަން ފުލުހުން ޖޭއެސްސީއަށް ހަވާލު ކުރި ބަޔާން ތަކުން އެނގޭ
އެމްއެމްޕީއާރުސީގެ ފައިސާއަށް ހިޔާނާތްތެރި ވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ސަސްޕެކްޓް އެކެއް. ތަހުގީގަށް ދީފައިވާ ބަޔާނުގައި 2014 ވަނަ އަހަރުން ފެށިގެން ސިޔާސީ އެކި ފަރާތްތަކުގެ މައްޗަށް ހިނގުނު ޝަރީއަތްތަކުގައި ވަކިގޮތަކަށް ހުކުމް ކުރުމަށް ބައެއް ފަނޑިޔާރުންނަށް ފައިސާ ދިން ކަމަށް ތުހުމަތުކޮށްފައިވާއިރު އެމްއެމްޕީއާރުސީގެ ފައިސާއަށް ހިޔާނާތްތެރިވި ފަރާތްތަކުން ޖާއިޒް ސަބަބެއް އޮތް ކަމަށް ނުބެލެވޭ ފަދަ ހާލަތްތަކުގައި އެކި އަދަދުތަކުން ފައިސާ ހަވާލު ކުރި ފަރާތްތަކުގެ ތެރޭގައި ފަނޑިޔާރު އަބްދުﷲ ދީދީ ހިމެނޭކަން ފާހަގަ ކުރެވިފައިވޭ.
ފަނޑިޔާރު އަބްދުﷲ ދީދީ ވެސް ހިމެނޭ ގޮތަށް ބައެއް ފަނޑިޔާރުންނާއި ސަސްޕެކްޓް އެކެއް އެކި ފަހަރު މަތިން ބައްދަލުކޮށްފައިވާ ކަމަށާއި އަދި ސަސްޕެކްޓް އެކެއްގެ ކާރުގައި ވަކިންވެސް އެކި ފަހަރު މަތިން ބައްދަލުވުންތައް ބާއްވާފައިވާ ކަމަށާއި ސަސްޕެކްޓް އެކެއްގެ އިރުޝާދަށް ފަނޑިޔާރު އަބްދުﷲ ދީދީއަށް ދިވެހި ފައިސާ އާއި ޔޫއެސް ޑޮލަރުވެސް ހަވާލު ކޮށްފައިވާ ކަމަށް ވިޓްނެސް އެކެއްގެ ބަޔާނުގައި ބުނެފައިވޭ. ފަނޑިޔާރު އަބްދުﷲ ދީދީ އަށް ފައިސާ ހަވާލު ކުރުމަށް ސަސްޕެކްޓް އެކަކާ އޭނާއާ ދެމެދު މެސެޖުން ކުރެވުނު މުއާމަލާތާއި އެފަދަ އިރުޝާދު ފޯނުން ގުޅައި ދިނުމުން ވަގުތުން އޭނާގެ ފޯނުގައި ދޭން އެންގެވި އަދަދާއި އެކު އޭނާ އޭރު ބޭނުން ކުރަމުން ދިޔަ ފޯނު ތަކުގެ ނޯޓްސް ގައި ހުންނާނެ ކަމަށް ބުނެ ދެ ފޯނެއްގައި ހުރި މައުލޫމާތެއް ފުލުހުންނަށް ދައްކައި އެ ދެ ފޯނު ފުލުހުންނާއި ހަވާލު ކޮށްފައިވޭ
ވިޓްނެސް އެކެއްގެ ފޯނުން ފޮނުވި ކަމަށް ބުނި މެސެޖް ސަސްޕެކްޓް އެކެއްގެ ފޯނަށް ރިސީވްވެފައިވާ ކަން ފޮރެންސިކް ތަހުލީލަށް ފާހަގަ ކުރެވިފައިވޭ
މީގެ އިތުރުން ވިޓްނެސް އެކެއް މެދުވެރިކޮށް އެކި ފަހަރު މަތިން ފަނޑިޔާރު އަބްދުﷲ ދީދީއަށް އެކި އަދަދުގެ ފައިސާ ދީފައިވާކަން ސަސްޕެކްޓް އެކެއްގެ އިންޓަވިއުގައިވެސް ފާހަގަކޮށްފައިވޭ
12 ޖުލައި 2017 ވަނަ ދުވަހު ފަނޑިޔާރު އަބްދުﷲ ދީދީގެ ނަމުގައި ރެޖިސްޓަ ކޮށްފައިވާ ތިން ހަތެއްގެ ނަމްބަރުން ރާއްޖެއިން ފުރަން އުޅޭ ކަމަށާއި ޑޮލަރު ކޮޅެއް ބޭނުން ކަމަށް ބުނެ ސަސްޕެކްޓް އެކަކަށް މެސެޖް ކޮށްފައިވާކަން ފާހަގަކުރެވިފައިވޭ. އަދި މި މައްސަލާގައި ހެކިބަސް ދޭ ފަރާތްތައް މެދުވެރިކޮށް އެކި ފަރާތްތަކަށް ފައިސާ ދިނުމަށް ސަސްޕެކްޓް އެކެއްގެ ފޯނުން ފައިސާ ލިބެންވީ ފަރާތްތަކުގެ ނަމްބަރާއި އަދި ދޭންވާ އަދަދު އެސްއެމްއެސް ކޮށްފައިވާއިރު ވިޓްނެސް ދޭއްގެ ފޯނައްވެސް ފަނޑިޔާރު އަބްދުﷲ ދީދީގެ ނަމްބަރުން ފޮނުވާފައިވާކަން ފޮރެންސިކް އެކްސްޓްރެކްޝަންސް ރިޕޯޓުން ފާހަގަކުރެވިފައިވޭ
މ. ޝައިނިން ސްޓާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލުވާލި މައްސަލައިގެ ތަހުގީގަށް ފުލުހުން ހައްޔަރުކޮށްފައި ހުރި ސ. ހުޅުދޫ އަތިރީއާގޭ މުހައްމަދު ސުއައިދާއި ސ. މީދޫ ސީދާ މަންޒިލް އަބްދުﷲ ހައިޝަމް ބަންދުން ދޫކުރެވޭނޭ އިންތިޒާމު ހަމަޖެއްސުމަށް މާލޭގެ ކުށުގެ މާހައުލުގައި އުޅޭ ކަމަށް ފާހަގަ ކުރެވިފައިވާ މީހަކު ސަސްޕެކްޓް އެކަކާއި މުއާމަލާތް ކުރަމުން އައިއިރު އެ ދެ މީހުންގެ މައުލޫމާތު ސަސްޕެކްޓް އެކެއް ފަނޑިޔާރު އަބްދުﷲ ދީދީއަށް ޓެކްސް މެސެޖް ކޮށްފައި ވަނިކޮށް އެ ދެމީހުންގެ ތެރެއިން ސ. ހުޅުދޫ އަތިރީއާގޭ މުހައްމަދު ސުއައިދު، އެވަގުތު ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި ބަންދުން ދޫކޮށްލާފައިވަނީ ފަނޑިޔާރު އަބްދުﷲ ދީދީ ކަން ފާހަގަ ކުރެވިފައިވޭ.
"އެކި ފަހަރު މަތިން ފަނޑިޔާރު އަބްދުﷲ ދީދީ އަށް ފައިސާ ދީފައިވޭ"
"އެމްއެމްޕީއާރުސީގެ ތަހުގީގަށް އެކަމުގައި ހަރަކާތްތެރިވި އެންމެ އިސް ފަރާތުން ފުލުހުންގެ ތަހުގީގަށް ދީފައިވާ ބަޔާނުގައި ފަނޑިޔާރު އަބްދުﷲ ދީދީ އަށް އެކި ފަހަރު މަތިން ފައިސާ ދީފައިވާ ކަމަށް ބުނެފައިވޭ"
މެމްބަރު ހިސާން ހުސައިން ވިދާޅުވީ އެ ސިޓީ ޖޭއެސްސީއަށް ލިބުމާ ގުޅިގެން އެ މައްސަލާގައި ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް އެކުލެވޭ ކަމަށް އެ ކޮމިޝަނަށް ފެނިގެން އެމައްސަލަ ކޮމިޝަނުގެ އިސްނެގުމަށް ބަލަން ފެށީ ކަމަށް

ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ޖޭއެސްސީން ހިންގާ ތަހުގީގުގައި ބައިވެރިވި ޖޭއެސްސީގެ މެމްބަރުން -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް
އެމްއެމްޕީއާރުސީގެ ފައިސާއަށް ހިޔާނާތްތެރިވި މީހުންގެ ކިބައިން އެކި ފަހަރު މަތިން ފައިސާ ނަގާފައިވާ ކަމަށް ފުލުހުންގެ ތަހުގީގަށް މައުލޫމާތު ލިބިފައިވާ ކަމަށް ޖޭއެސްސީއަށް ފުލުހުން ފޮނުވި ސިޓީގައި ބުނެފައިވޭ
ރިޔަސަތުން ވާހަކަފުޅު ދައްކަވަމުން ޖޭއެސްސީގެ ނައިބު ރައީސް މަސްތޫރު ހުސްނީ ވިދާޅުވީ އަބްދުﷲ ދީދީގެ މައްސަލަ އެ ކޮމިޝަނުން ތަހުގީގު ކުރަމުން ދަނީ އެމްއެމްޕީއާރުސީގެ ފައިސާ ނެގި ކަމުގެ ތުހުމަތުގައި ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން
މައްސަލަ ކުރިއަށް ގެންދާ މަޖިލީހުގެ ރިޔާސަތު ބަލައްޓަވަނީ ޖޭއެސްސީގެ ނައިބު ރައީސް މަސްތޫރު ހުސްނީ
މައްސަލަ ބައްލަވާ ކޮމިޓީގައި ހިމެނޭ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބައިވެރިވެ ވަޑައިނުގަންނަވާ. ފަނޑިޔާރު އަބްދުﷲ ދީދީ ތަހުގީގު ހިންގާ މާލަމަށް ވަޑައިގަތުމުން އަޑުއަހަން ތިބި ބައެއް ފަރާތްތަކުން އަތްޖަހައި އޭނާއަށް ސާބަސްދިން.
މައްސަލައިގެ އަޑުއެހުން ފަށައިފި
ފަނޑިޔާރު އަބްދުﷲ ދީދީގެ ވަކީލުންގެ ގޮތުގައި ވަޑައިގެންނެވީ ކުރީގެ ނައިބު ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރުގެ އެޑްވައިޒަރު ޑރ މުހައްމަދު ޖަމީލު އަހުމަދާއި، ރައީސުލްޖުމްހޫރިއް ޖޭއެސްސީއަށް ކަނޑައެޅުއްވި ކުރީގެ މެމްބަރު މުހައްމަދު ސަލީމް (ރޭނިސް ސަލީމް) އަދި ގާނޫނީ ވަކީލު އާދަމް ޝަމީމް ހިމެނި ވަޑައިގަންނަވާ
ޖުޑިޝަލް ސާވިސް ކޮމިޝަނުން ކުރިއަށް ގެންދާ ތަހުގީގަށް ފަނޑިޔާރު އަބްދުﷲ ދީދީ ދަރުބާރުގެއަށް ވަޑައިގެން ތަހުގީގު ކުރިއަށްދާ މާލަމަށް ވަޑައިގެންފި

ފަނޑިޔާރު އަބްދުﷲ ދީދީގެ ތަހުގީގަށް ދަރުބާރުގެއަށް މީހުން ވަންނަނީ --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ފަނޑިޔާރު އަބްދުﷲ ދީދީގެ ތަހުގީގު ބެލުމަށް ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބަޔަކު ވަދެ --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް
މައްސަލަ ބަލައި ކޮމިޓީގެ ހަތް މެންބަރުންގެ ތެރޭގައި ހިމެނޭ ފަސް މެންބަރުން މިހާރު ވަނީ ތަހުގީގު ބާއްވާ މާލަމަށް ވަޑައިގެންފައި. އެހާ ގިނަ ބަޔަކު މާލަމުގައެއް ނެތް. މިއީ މިފަހުގެ ތާރީހެއްގައި މި ގޮތަށް ހުޅުވާލައިގެން ޖޭއެސްސީއިން ތަހުގީގެއް ބާއްވާ ފުރަތަމަ ފަހަރު.
އަބްދުﷲ ދީދީގެ މައްސަލަ ތަހުގީގު ކުރަނީ ޖޭއެސްސީގެ ހަތް މެންބަރުންގެ ކޮމިޓީއަކުން. އެ ކޮމިޓީގައި ހިމެނެނީ:
1- ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
2- ދަށުކޯޓްތަކުގެ ފަނޑިޔާރުންގެ ތެރެއިން މުޙައްމަދު ޢީސާފުޅު
3- ހައިކޯޓް ފަނޑިޔާރުންގެ ތެރެއިން އަބްދުލް ރައޫފް އިބްރާހީމް
4- މަޖިލިސް މެންބަރުންގެ ތެރެއިން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން
5- ރައީސްގެ މެންބަރު މަސްތޫރު ހުސްނީ
6- ސީއެސްސީގެ ރައީސް ޑރ. އަލީ ޝަމީމް
7- ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު
ފަނޑިޔާރު ދީދީގެ މައްޗަށް މިއަދު ހިންގާ ތަހުގީގަކީ ޖޭއެސްސީގެ ނިންމުމަށް ގޮންޖަހައި ކޯޓްގެ މަސައްކަތަށް އޭނާ ނިކުންނެވި މައްސަލަ އާއި ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެމްޕޭންގައި އަމަލީ ގޮތުން މަސައްކަތް ކުރެއްވި މައްސަލަ.