26 Oct 2011, 02:01
ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނީގައި އޮތް ސަރުކާރުގެ ހިއްސާގެ ތެރެއިން ރައްޔިތުންނަށް ވިއްކަން ކަނޑައެޅި އެކުންފުނީގެ 15 ޕަސަންޓް ހިއްސާ ގަތުމަށް އެދި ފޯމް ހުށަހެޅުމަށް ދިރާގުން މިވަނީ މިއަދު ފުރުސަތު ހުޅުވާލައިފަ އެވެ. އެކަމަށް އެދުމުގެ ފުރުސަތު އަންނަ މަހުގެ 30 އަށް ހަމަވާއިރު، ދިރާގުގެ މުޅި ޓީމުން ކަމަރު ބަނދެފައިވަނީ، ކަނޑައެޅިފައިވާ ހިއްސާ އެއްކޮށް ވިއްކާ ނިންމާލުމަށެވެ.
ނޫސްވެރިންނާއެކު މިރޭ ބޭއްވި ބައްދަލުވުމެއްގައި ދިރާގުގެ ޗީފް އެގްޒެކެޓިވް އިސްމާއިލް ރަޝީދު ވިދާޅުވީ، ދިރާގުގައި މިހާރު އޮތް ދައުލަތުގެ 48 ޕަސަންޓް ހިއްސާގެ ތެރެއިން ވިއްކަން މިހާރު ކަނޑައެޅި 15 ޕަސަންޓަށްވާ 11.4 މިލިއަން ހިއްސާ، ވިއްކުމާއި އެކަން ޕްރޮމޯޓްކުރުމުގެ ހުރިހާ މަސްއޫލިއްޔަތެއް ސަރުކާރުން ދިރާގާއި ހަވާލުކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެކަން ވީހާވެސް ފުރިހަމައަށް ގެންދިއުމަށް ދިރާގުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް އިސްމާއިލް ވިދާޅުވި އެވެ.
އެގޮތުން ހިއްސާ ގަތުމަށް އެދުމަށް އަމިއްލަ ފަރުދުންނަށާއި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކާއި އަދި ޖަމިއްޔާ ޖަމާއަތްތަކަށް ފުރުސަތު ހުޅުވާލާފައިވާއިރު އެކަން އިތުރަށް "ފަސޭހަ"ކޮށްދިނުމަށް ދިރާގުން މިހާރު ވަނީ ޗާންދަނީ މަގު، ދާރުލްއާސާރުގެ ކުރިމަތީގަ އެކަމަށް ހާއްސަ އޮފީހެއް ހުޅުވައިފަ ކަމަށާއި އަދި ބޭންކް އޮފް މޯލްޑިވްސްގެ ހުރިހާ ބްރާންޗްތަކުން ވެސް ހިއްސާ ގަތުމަށް އެދޭ ފޯމް ލިބޭނެ ހަމަޖައްސައިދީފައިވާކަމަށް ވިދާޅުވި އެވެ.
އަދި ރާއްޖޭގެ ހުރިހާ ރަށަކުން ވެސް އެކަމުގައި ބައިވެރިވެވޭވެ ގޮތް ހެދުމަށް ދިރާގުން ރަށްރަށަށް ދަތުރުކުރާނެ ކަމަށް އެކުންފުނިން ބުންޏެވެ. ރަށްރަށަށް ކުރާ ދަތުރުތަކުގައި ހިއްސާ ގަންނަން ބޭނުންވާ ފަރާތްތަކަށް ދިރާގުގެ ޓީމުތަކުން ފޯމު ފުރައިދީ، ވީގޮތަކުން އެހީވުމަށް ވެސް އޮތީ ތައްޔާރަށެވެ.
"އަޅުގަނޑުމެންގެ ޓީމުތައް ރަށްރަށަށް ފުރާނެ. މިހާރުވެސް ބައެއް ރަށްރަށުގައި އަޅުގަނޑުމެންވާނީ ހިއްސާއާ ބެހޭ މައުލޫމާތު ދީފައި. ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗްތަކުން ވެސް ފޯމް ލިބެން ހުންނާނެ. އަދި ބްރާންޗްތައް ނުހުންނަ ރަށްރަށަށް އަޅުގަނޑުމެން ބޮޑަށް އަމާޒު މިކުރަނީ ޓީމުތައް ފޮނުވަން. ބޭންކުގެ ދޯނިތަކުންވެސް ފޯމްތައް ބަލައިގަންނާނެ،" ދިރާގުގެ މާކެޓިން ޓީމުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
ދިރާގުގެ ޗެއާމަން ޖުވޭރިޔާ ސައީދު މިރޭ ވިދާޅުވީ، 52 ޕަސަންޓާއެކު މިހާރު ދިރާގުގެ މައިގަނޑު ހިއްސާދާރެއްގެ ގޮތުގައި އޮތް އިނގިރޭސިވިލާތުގެ ކޭބަލް އެންޑް ވައަލެސް ކުންފުނިން އައިޕީއޯގަ ހިއްސާ ގަތުމަށް ޝައުގުވެރިކަން ފާޅުކޮށްފައިނުވާ ކަމަށެވެ.
އަދި މިފަހަރު ބޭރުގެ ފަރާތްތަކަށް ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވިފައި އޮތް ނަމަވެސް، ރާއްޖެއިން ބޭރުގައި މާބޮޑެތި ކެމްޕޭނުތަކެއް ކުރަމުން ނުދާ ކަމަށާއި ބޭރު ފަރާތްތަކަށް ހިއްސާ ގަނެވޭ ގޮތަށް އޮތުމުން ދިވެހިންނަށް ލިބޭ ހިއްސާ އަށް އުނިކަމެއް ނާންނާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
ސަބަބަކީ ހިއްސާ ވިއްކަނީ ހުރިހާ ރައްޔިތުންނަށް ވެސް ބައިވެރިވެވޭ ގޮތަށް، ހެޔޮ އަގެއްގައި ކަމުގައިވާތީ ކަމަށް ދިރާގުން މިރޭ ވެސް ތަކުރާރުކުރި އެވެ. ހިއްސާ އެއްގެ އަގަކީ 80ރ. އެވެ. އަދި ހިއްސާ އަށް އެދޭ ކޮންމެ ފަރާތަކަށް 25 ހިއްސާ ކަށަވަރުކޮށްދޭއިރު އެއަށްވުރެ މަދުން ހުށަހަޅާ ފަރާތްތަކަށް ވެސް އެ ބޭނުންވާ އަދަދެއް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.
މީގެ އިތުރުން 25 ހިއްސާއަށް ވުރެ އިތުރަށް ހުށަހަޅާ ފަރާތްތަކަށް ވަނީ ޕްރޯ ރާޓާ އުސޫލުން ހިއްސާ ބަހަން ނިންމައިފަ އެވެ. މާނައަކީ ހުރިހާ ފަރާތްތަކަށް 25 ހިއްސާ ދިނުމަށްފަހު ބާކީ ހުރި ހުރިހާ ހިސާއެއް، އިތުރަށް އެދިފައިވާ ފަރާތްތަކުގެ މެދުގައި ބޮލަކަށް އެއް ހިއްސާގެ އުސޫލުން ބަހަމުންގޮސް އެއްކޮށް ވިއްކާ، ނިންމާލުމެވެ. އަދި އެކުންފުނީގައި މިހާރު ބާކީ އޮތް ސަރުކާރުގެ 33 ޕަސެންޓް ހިއްސާ ވެސް ވިއްކާލާނެ ކަމަށް ދިރާގުން ބުނެ އެވެ.
"ސަރުކާރުން ނިންމާފަ ވަނީ އައިޕީއޯގެ އުސޫލުން ބާކީ ހުރި ހުރިހާ ހިއްސާއެއް ވިއްކާ ނިންމާލުން،" ވޭތުވެދިޔަ ފަނަރަ މަހުގެ ތެރޭ ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާގެ ސާފު ފައިދާ ޖެއްސި ކުންފުނީގެ ޗެއާމަން ވިދާޅުވި އެވެ.
ސާކު ސަމިޓާއި އަދި އީދު ބަންދުގެ އިތުރުން އިގުތިސާދަށް ލޮޅުންތަކެއް އަރަމުންދާ މިދަނޑިވަޅުގައި ހިއްސާ ވިއްކަން ފެށުމުން އެކަމަށް ފާޑުކިޔާ ފަރާތްތަށް ގިނަ ނަމަވެސް، ދިރާގުން އޮތީ ފަހަތަށް ނުބަލައި ހިއްސާ ވިއްކުމައިގެން ކުރިއަށްދާށެވެ. ހިއްސާގެ ބާޒާރަށް ވަދެ، ބޮޑު ބަދަލެއް ގެނައުމުގެ އުއްމީދުގަ އެވެ.