19 Jun 2019, 21:07
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބަލަމުންދާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލަތަކުގެ ތަހުގީގު ޓީވީއިން ލައިވް ކުރަން ހުއްދަ ދީފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
ދީދީއާ ދެކޮޅަށް ހުށަހަޅާފައިވާ ސުލޫކީ ފަސް މައްސަލައެއް ބަލަން ޖޭއެސްސީއިން ވަނީ ނިންމާފައެވެ. އެ މައްސަލަތަކުގެ ތަހުގީގު ހުޅުވާލައިގެން ކުރިއަށްގެންދަން ދީދީ އެދިވަޑައިގެންފައިވާތީ އެގޮތަށް ކުރިއަށް ގެންދަން ޖޭއެސްސީއިން ވަނީ ނިންމައިފައެވެ.
މިރޭ ޖޭއެސްސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ، ތަހުގީގު ލައިވް ކުރަން މީޑިއާތަކަށް ފުރުސަތު ދޭނެ ކަމަށެވެ.
އެގޮތުން މިހާތަނަށް ޕީއެސްއެމް އިން ލައިވް ކުރަން އެދިފައިވާތީ އެކަމުގެ ހުއްދަ ދީފައިވާ ކަމަށް ޒަހީން ވިދާޅުވިއެވެ. ތަހުގީގު ލައިވް ކުރާނީ ޕީއެސްއެމްގެ "ޕީއެސްއެމް ނިވްސް" ޗެނަލުންނެވެ.
ޒަހީން ވިދާޅުވީ، ލައިވް ކުރަން އެދޭ އިތުރު މީޑިއާތަކަށްވެސް އެ ފުރުސަތު ދޭނެ ކަމަށެވެ.
ފަނޑިޔާރު ދީދީގެ ތަހުގީގު އޮންނާނީ މާދަމާ ހެނދުނު 10:00 ގައި، ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި އާންމުކޮށް ހުޅުވާލެވިގެންނެވެ. ޖާގަ އޮތް ވަރަކުން އެ އަޑުއެހުމަށް އާންމުނަނަށް ވަދެވޭނެ އެވެ.
ތަހުގީގު ކުރިއަށްގެންދާ ވަގުތު ދަރުބާރުގޭގެ ސެކިއުރިޓީ އެމްއެންޑީއެފްއާއި ފުލުހުން ބަލަހައްޓަމުންދާނެ އެވެ.
މިއީ މިފަދަ ތަހުގީގެއް ރާއްޖޭގައި ޓީވީއިން ލައިވް ކުރާ ފުރަތަމަ ފަހަރެވެ.