19 Jun 2019, 20:29
ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޣިބު އަހްމަދު އެކި ކޯޓުތަކުގެ މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފިއެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި ރާޣިބުއާ ދެކޮޅަށް މައްސަލަ ހުށަހަޅާފައި ވަނީ އަންހެން މުވައްޒަފުންނާ މާ ބޮޑަށް ގައިގޯޅިވާ ކަމަށް ތުހުމަތުކޮށެވެ. އެގޮތުން، އޭނާ އަންހެން މުވައްޒަފުންގެ ގައިގައި އަތްލާ ހަދާ ކަމަށް އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ތުހުމަތުކޮށްފައިވެއެވެ.
ރާޣިބުއާ ދެކޮޅަށް ޖޭއެސްސީއަށް ދެ މައްސަލަ ހުށަހަޅާފައިވާކަން ވެސް ވަނީ އެނގިފައެވެ.
މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި ވަނީ އެ މައްސަލަތައް ބެލުމަށް ޖޭއެސްސީގެ ފަސް މެމްބަރުންގެ ތަހުގީގު ކޮމިޓީއެއް އެކުލަވާލައި، އެ ކޮމިޓީއަށް އެ މައްސަލަތައް ފޮނުވާފައެވެ.
ތަހުގީގު ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ:
- މަސްތޫރު ހުސްނީ
- އަބްދުއްރައޫފު އިބްރާހިމް
- މުހައްމަދު އީސާފުޅު
- އިބްރާހިމް ރިފްއަތު
- ހިސާން ހުސެއިން
ރާއިބުގެ އިތުރުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އާއި، ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދުގެ މައްސަލަތަކެއް ބެލުމަށްވެސް ޖޭއެސްސީއިން ވަނީ ނިންމައިފައެވެ.