ކާށިދޫ ދާއިރާގެ މެންބަރު އިސްމާއިލް އަބްދުލް ހަމީދުގެ މައްސަލާގައި މެންބަރުންގެ މެދުގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތައް ނައްތާލުމަށް ޕާލަމެންޓްރީ ލީޑަރުންނާއެކު ބޭއްވި މަޝްވަރާތަކުން ކާމިޔާބީއެއް ލިބިފައި ނުވާތީ ރައްޔިތުންގެ މަޖިލީގުގެ މިއަދުގެ ޖަލްސާ މެންދުރުފަހު 2:00 ގައި ބާއްވާ ގޮތަށް ނިންމައިފި އެވެ.

މަޖިލީހުގެ އިދާރާއިން ބުނީ މެންދުރު ފަހަށް ޖަލްސާ ފަސްކުރިކަން މެންބަރުންނަށް އަންގަމުންދާ ކަމަށެވެ. އާންމުކޮށް މަޖިލީހުގެ ޖަލްސާތައް ބާއްވަނީ ހެނދުނު 9:00 ޖަހާއިރު އެވެ.

ދޮޅު އަހަރަށް އަރުވާލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި ފަހުން ހޯމަ ދުވަހު ޖަލްސާއަށް އިސްމާއިލް އަބްދުލް ހަމީދު ވަޑައިގަތުމާއެކު މެންބަރުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުންތައް އުފެދި ތަޅުން ހޫނުވެފަ އެވެ. އެކަމާ ގުޅިގެން ޖަލްސާތައް ވަނީ ކެންސަލްކޮށްފަ އެވެ.

މައްސަލާގައި ހައްލު ހޯދުމަށް މިއަދު ވަނީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުންނާ މަޝްވަރާކޮށްފަ އެވެ. ނަމަވެސް އެ މަޝްވަރާތަކުން ކުރި އެރުމެއް ލިބިފައި ނުވާ ކަމަށް މަޖިލީހުން ވަނީ ބުންޏެވެ. އަދި ޖަލްސާ މިއަދު 2:00 ފަސްކުރީ ހެނދުނުގެ ދަންފަޅީގައި ވެސް ޕާލަމެންޓްރީ ލީޑަރުންގެ މަޝްވަރާ ކުރިއަށް ގެންދިއުމަށެވެ.

އިސްމާއިލް އަބްދުލް ހަމީދު ވިދާޅުވީ ޖަލްސާއަށް އޭނާ ހާޒިރު ވުމަށް ގާނޫނީ އެވެސް ހުރަހެއް ނެތް ކަމަށެވެ. އަދި މެންބަރު ކަމުގައި ހުންނެވިހާ ދުވަހަކު ޖަލްސާއަށް ވަޑައިގަންނަވާނެ ކަމަށް އިސްމާއިލް އަބްދުލް ހަމީދު ވިދާޅުވި އެވެ.

އިސްމާއިލް އަބްދުލް ހަމީދު މަޖިލީހުގެ ޖަލްސާތަކަށް ވަޑައިގަންނަވަން ފަށާފައިވާއިރު އޭނާ ވަނީ މި މަހުގެ 22ގެ ނިޔަލަށް ޗުއްޓީ ނަންގަވާފަ އެވެ.