19 Jun 2019, 19:51
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލަތަކުގެ ތެރެއިން ބޮޑެތި ކޮރަޕްޝަންގެ މައްސަލަތަކަކީ ސަރުކާރު ކުންފުނިތަކާ ގުޅޭ މައްސަލަތައް ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އޭސީސީގެ މެމްބަރުން މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކޮށްފައެވެ. އެ ކޮމީޓީގައި މަޖިލީހުގެ މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ، ސަރުކާރު ކުންފުނިތަކާ ގުޅޭގާތްގަނޑަކަށް 200 މައްސަލަ އެ ކޮމިޝަނުގައި އެބަ އޮތް ކަމަށެވެ.
އޭގެ ތަފްސީލެއް ދެއްވަމުން އޭނާ ވިދާޅުވީ، އެންމެ ގިނައީ ފެނަކަ އާއި ޕީއެސްއެމްގެ މައްސަލަތައް ކަމަށެވެ.
"އޭގެ އިތުރުންވެސް ބޮޑެތި އަދަދުތަކުން ފައިސާ ހިމެނޭ މައްސަލަތަކެއް އެބަ ބެލޭ. މޯލްޑިވް ގޭސްއާއި ގުޅޭ މައްސަލަތަކެއްވެސް އެބަ ތަހުގީގު ކުރޭ. އެފްއެސްއެމްއާ ގުޅުންހުރި މައްސަލަތަކެއްވެސް އެބަ ތަހުގީގު ކުރޭ،"
"ފައިސާގެ ބޮޑެތި މައްސަލަތައް ހިމެނިފައި ހުރީ ދައުލަތުގެ ކުންފުނިތަކާ ގުޅުންހުރި މައްސަލަތަކުގައި،" މުއައްވިޒު ވިދާޅުވިއެވެ.
ދައުލަތުގެ ކުންފުނިތަކާ ގުޅޭ ގިނަ މައްސަލަތަކެއް އުފެދިފައި ވަނީ ކުރީ ސަރުކާރުގައި ދައުލަތުގެ މާލިއްޔަތު ގަވާއިދަށް ގެނައި އިސްލާހެއްގެ ސަބަބުން ކަމަށް މުއައްވިޒު ވިދާޅުވިއެވެ.
"މިކަމުގެ މައިގަނޑު ސަބަބަކަށް ވަނީ 2014 ވަނަ އަހަރު ކަމަށް އަޅުގަނޑަށް ހަނދާން ވަނީ، ދައުލަތުގެ މާލިއްޔަތު ގަވާއިދަށް ގެނެވުނު ބަދަލަކާ ގުޅިގެން ދައުލަތުގެ އިދާރާތަކުން ކުރަމުން ދިޔަ ޕްރޮޖެކްޓުތައް ދައުލަތުގެ ކުންފުނިތަކާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔުން،"
މުއައްވިޒު ވިދާޅުވީ، އޭރުވެސް އެ އިސްލާހަކީ ކޮރަޕްޝަނަށް މަގުފަހިވާ އިސްލާހެއް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށް، އެ އިސްލާހު އަލުން ރުޖޫއަ ކުރުމަށް އޭސީސީއިން ފިނޭންސް މިނިސްޓްރީއަށާއި ރައީސް އޮފީހަށް ހުށަހެޅި ކަމަށެވެ.
މުއައްވިޒު ވިދާޅުވި ގޮތުގައި، އޭސީސީއަށް ހުށަހެޅިފައިވާ މައްސަލަތަކުން ދައުލަތަށް ގާތްގަނޑަކަށް 4 ބިލިއަން ރުފިޔާ ލިބެންޖެހެއެވެ. އޭގެ ތެރެއިން 1.9 ބިލިއަން ރުފިޔާ ހޯދަން މިހާރު ވަނީ ދައުވާ ކުރެވިފައެވެ. އަދި މިހާތަނަށް ލިބިފައި ވަނީ 1.4 މިލިއަން ރުފިޔާއެވެ.