19 Jun 2019, 14:42
ބޭންކް އޮފް މޯލްޑިވްސް އާއި އެހެނިހެން ކުންފުނި އަދި އިދާރާތަކުގެ ނަމުގައި އެކި ފަރާތްތަކަށް ގުޅައި އެކައުންޓަކަށް ފައިސާ ޖަމާކުރުމަށް އެދި، ކާޑުގެ މަޢުލޫމާތާއި ސެކިޔުރިޓީ ކޯޑު އަދި ޕިން ހޯދަން މަސައްކަތް ކުރަމުން ދާކަން ފާހަގަކުރެވިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ބީއެމްއެލްއިން ބުނީ ފަހަކަށް އައިސް އެފަދަ ހާދިސާތައް އިތުރުވަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
"އެފަދަ ޢަމަލުތައް ހިންގާފަރާތްތަކުން ކުރަމުންދާ މަސައްކަތާއި އަޅާބަލާއިރު ނިސްބަތުން މަދު ބަޔަކަށް ގެއްލުން ލިބުނުކަމުގައިވިޔަސް އަޅުގަނޑުމެންގެ އިލްތިމާސަކީ ކަސްޓަމަރުން މިކަމަށް އިތުރަށް ސަމާލުވެ ހުރިހާ ވަގުތެއްގައިވެސް މިފަދަ ކަންކަމުން ރައްކާތެރިވުމެވެ. އަދި ކަސްޓަމަރުންގެ ކާޑުގެ މައުލޫމާތު ހޯދަން ބޭންކުން ނުގުޅާނެ ވާހަކަ ތަކުރާރުކޮށް ދަންނަވަމެވެ." ބީއެމްއެލްގެ ބަޔާނުގައި ވެއެވެ.
ބީއެމްއެލްއިން ބުނީ ބޭންކުން ހިންގާ އެއްވެސް ޕްރޮމޯޝަނެއްގައި ނުވަތަ ލަކީ ޑްރޯއެއްގައި ފޯނުން ގުޅައި އެކައުންޓަކަށް ފައިސާ ޖަމާކޮށްދިނުމަކަށް ނުވަތަ ކޭޝް ކާޑުުގެ މުހިންމު މަޢުލޫމާތުތައް ހިއްސާކޮށްދިނުމަށް ބޭންކުން އެއް ގޮތަކަށްވެސް ނޭދޭނެ ކަމަށެވެ. އަދި އެފަދަ ކޯލްތަކަށް ކަސްޓަމަރުން ޖަވާބު ނުދީ އިތުރަށް ސަމާލުވުމަށްވެސް ބީއެމްއިލްއިން ވަނީ އިލްތިމާސްކޮށްފައެވެ.
ކަސްޓަމަރުންގެ ސަމާލުކަމަށް ގެންނަންވީ މުހިންމު ކަންތައްތައް:
- އެއްވެސް ފަރާތަކަށް ޑެބިޓް ނުވަތަ ކްރެޑިޓް ކާޑުގެ މައުލޫމާތު ހިއްސާނުކުރުން
- ކަސްޓަމަރުންނަށް އަންނަ މިފަދަ ފޯންކޯލްތަކަށް އިތުރަށް ސަމާލުވެ، އެފަދަ ފޯންކޯލްތައް މެދުވެރިކޮށް އެދޭ އެއްވެސް މަޢުލޫމާތެއް ހިއްސާނުކުރުމާއި ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރުން.
- އެއްވެސް ފަރާތަކަށް ކާޑުގެ މައުލޫމާތު ދެވިފައިވާނަމަ ނުވަތަ އެކައުންޓުން ގޮތްނޭނގޭ މުޢާމަލާތެއްކޮށްފައިވާކަން އެނގިއްޖެނަމަ ވަގުތުން ބޭންކަށް އަންގައި ކާޑު ބްލޮކް ކޮށް އައު ކާޑެއް ހެއްދުން.