ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ ބެންޗުގައި ހަތް ފަނޑިޔާރުން ބައިތިއްބުމުގެ ބޭނުމެއް ނެތް ކަމަށާއި ގާނޫނު ބަދަލުކޮށް ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް ތިރިކުރާނެ ކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސާ މަނިކު މިރޭ ވިދާޅުވެއްޖެ އެވެ.

ޝަރުއީ ދާއިރާ މިނިވަން ކުރަން ކަމަށް ބުނެ، އެމްޑީޕީން ފަށާފައިވާ ކެންޕެއިންނުގެ ދަށުން އެމްޑީޕީގެ ހަރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވީ އިންތިގާލީ ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރަން ނަން ހުށަހެޅި ހިސާބުން ފެށިގެން އެ މީހުންނަކީ ކޮންބައެއް ކަން އެނގިގެން ހަރުގެ ތެރެއިން ވެސް އެއްޗެހި ގޮވާފައިވާ ކަމަށެވެ. އެކަމާ އެމްޑީޕީގެ ތެރެއިން ފިއްތުންތައް އައި ނަމަވެސް ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ތަސްމީން އަލީ އާއި މަޖިލީހުގެ ރައީސް އަބްދުލްﷲ ޝާހިދާ ދެބޭފުޅުން ވާހަކަދައްކަވައިގެން ހަތް ފަނޑިޔާރުން ބެންޗަކާއެކު ސުޕްރީމް ކޯޓް އެކުލަވާލައިފައިވާ ކަމަށެވެ. އަދި ވިދާޅުވީ "އެމްޑީޕީ ވަނީ ބިރު ފަހަނައަޅައި ގޮސްފައި" ކަމަށާއި ދެން ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންނަށް ބިރު ނުދެއްކޭނެ ކަމަށެވެ.
~
"ސުޕްރީމް ކޯޓަށް އަޅުގަނޑު ދަންނަވާލަން އޮތީ، ތިޔަ ތިއްބެވި ބޮޑު ހަތް ފަނޑިޔާރުން ވިސްނަވާށޭ. ތިޔަ ފަނޑިޔާރުންގެ ލިސްޓެއް ގެންގޮސްގެން ރައްޔިތުންގެ މަޖިލީހުގައި ވޯޓްލާން އުޅުނު އިރުގާ މި ހަރުގެ ތެރެއިން ވެސް އަޅުގަނޑާ ދިމާލަށް އެއްޗެހި ގޮވި. ތިޔަ މީހުން ތިތަނަށް ނުލާށޭ. ނުވައްދައްޗޭ. ތި މީހުންނަކީ މިވެނި މީހެކޭ. އެވެނިމީހަކީ ކިޔައިގެން ފަތިފުށް ގޮވާފައިވޭ. އެހެންނަމަވެސް ގާނޫނު އަސާސީ ލާޒިމް ކުރަނީ ސުޕްރީމް ކޯޓެއް ވަކި މުއްދަތަކަށް ގާއިމް ކުރަން ކަމަށް ވާތީ އަޅުގަނޑު އޭރު ގޮސް ތަސްމީނާއި އަބްދުﷲ ޝާހިދާ ވާހަކަދައްކައިގެން ތިޔަ ހަތް ފަނޑިޔާރުން ބައިތިއްބާފަ ތިބީ... ފަހަކަށް [ފަނޑިޔާރުންގެ އަދަދު] ތިރިކޮށްލާނަން މިފަހަރު. ގާނޫނު ބަދަލު ކުރާނަން،" މޫސަ ވިދާޅުވި އެވެ.

ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އަހުމަދު މުއިޒްއަށް ވެސް މޫސަ ފާޑު ވިދާޅުވި އެވެ. މޫސަ ވިދާޅުވީ މުއިއްޒުދެކެ ބިރު ނުގަންނާނެ ކަމަށާއި އެއީ ކާކުކަން ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. އަދި މޫސަގެ މައްސަލައެއް ނުބެލެއޭ ފުލުހުން ގާތުގައި މުއިޒް ވިދާޅުވުމަކީ "ޕީޖީގެ ގަމާރުކަން" އަންގައިދޭ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

"ޕީޖީ ފުލުހުންނާ ދިމާލަށް ބުނި ކަމަށް ރައީސް އޮފީހުން ދެއްކި ވާހަކައެއް... ނޫހުގައި ލިޔެފައި އޮންނަނީ 'ރީކޯ މޫސަގެ މައްސަލައެއް ތިމަންނަމެން ކިޔާކިޔާ ނުބެލުނޭ'. ޕީޖީގެ ހުރި ގަމާރުކަމެއް ނޫންތޯ އެއީ. އަޅުގަނޑުގެ މައްސަލައެއް ތަހުގީގު ކުރަން ފޮނުވުމުގެ ކުރިން މައުމޫންގެ ދަރިން ހިމާޔަތް ކުރަން ޕީޖީ މުއިޒް ނުކުތީމަ އަޅުގަނޑު ބިރުގަންނާނެތޯ؟" މޫސަ ސުވާލު ކުރެއްވެވި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެންދެރިމާގޭ ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި މީހެއްގެ ބޮލުގައި ލަކުނޑިބުރިއަކުންޖެހި ޒަހަމް ވުމާ ގުޅިގެން، ޣައްސާން މައުމޫން ފުލުހުން ހައްޔަރުކޮށްފައި ވަނިކޮށް، ކޯޓްގެ އަމުރަށް އޭނާ ދޫކޮށްލުމުން ތަހުގީގުގައި ފުލުހުން ފަސް ޖެހިގެން ނުވާނެ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ. އަދި ބާރުގެ ބޭނުންކޮށްގެން ވިޔަސް ޣައްސާންގެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަން ގޮވައިލެއްވެވި އެވެ.

މިރޭގެ ޖަލްސާގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ ފަނޑިޔާރުންނަކީ އެއްވެސް ބާރެއް ހުރި ބައެއް ނޫން ކަމަށާއި ލިޔެކިޔުމުން ނެރޭ އެއްޗެއްސަކީ އެއްވެސް އެއްޗެއް ނޫން ކަމަށެވެ. ހަރުގެ ޖަލްސާގައި ފޮރިން މިނިސްޓަރު އަހުމަދު ނަސީމާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުން ވެސް ވާހަކަފުޅު ދެއްކެވި އެވެ.