19 Jun 2019, 15:03
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނާއި ކޮރަޕްޝަނުގެ މައްސަލަތައް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ދެ ރިޔާސީ ކޮމިޝަނަށް ބާރުދޭ ބިލު ސަރުކާރުން ހުށަހެޅި ގޮތަށް އިސްލާހެއް ނެތި މަޖިލީހުން ފާސްކޮށްފި އެވެ.
އެ ބިލް ކޮމިޓީއިން ފާސްކުރުމުގެ މަރުހަލާގައި މެންބަރުން ހުށަހެޅުއްވި އިސްލާހުތައް ވަނީ އަނބުރާ ގެނެސްފަ އެވެ. އެ ބިލް ކޮމިޓީއިން މަޖިލީހުގެ ފްލޯއަށް ފޮނުވީ އޮތް ގޮތަށް ފާސްކުރާށެވެ.
އެގޮތުން މިއަދު ވޯޓަށް އެހުމުން ބިލް ފާސްކުރަން 67 ވޯޓް ދެއްވި އެވެ. ބިލާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ނުދެއްވާ އިރު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ ކަމަށް އެއް މެމްބަރަކު ވޯޓު ދެއްވިއެވެ.
މިއަދު ފާސްކުރި ގާނޫނު ރައީސް ތަސްދީގު ކުރެއްވުމާ އެކު ތަހުގީގީ އިދާރާއަކަށް ބޭނުންވާ ގިނަ ބާރުތަކެއް ދެ ކޮމިޝަނަށް ވެސް އެ ގާނޫނުން ލިބޭނެއެވެ.
ކޮމިޝަންތަކަށް ދޭނެ ބާރުތައް
- ކޮމިޝަނުގެ ހިންގާ ގަވާއިދު އެކުލަވާލުން
- ބަލާ މައްސަލަތަކުގައި ފުލުހުންނާއި ދައުލަތުގެ މުއައްސަސާތަކުގެ އެހީތެރިކަން ހޯދުން
- ރާއްޖޭން ބޭރުގެ އިންވެސްޓިގޭޓަރުން ގެނައުން
- ތަންތަން ބަލާ ފާސްކުރުމުގައި ފުލުހުންގެ އެހީ ހޯދުން
- ބަލާ ފާސްކޮށް ތަކެތި ހިފެހެއްޓުން
- ކޯޓު އަމުރަށް އެދެވުން
ކޮމިޝަނަށް ވަނީ ހާއްސަ އިމްތިޔާޒުތަކެއްވެސް ދީފައެވެ. އެގޮތުން ކޮމިޝަނުން ބަލަން ޖެހޭ ކަމަށް އެ ކޮމިޝަނުން ކަނޑައަޅާ މައްސަލަތައް ބަލަން ވާނީ ހަމައެކަނި އެކޮމިޝަނުން ކަމަށް ގާނޫނުގައި ވެއެވެ. އެހެން އޮތުމުން ފުލުހުންނަށް ކޮމިޝަނުން ބަލާ މައްސަލައެއް ތަހުގީގެއް ނުކުރެވޭނެއެވެ.
އޭގެ އިތުރުން ކޮމިޝަނުން ބަލަން ފަށާ މައްސަލައެއްގެ މައުލޫމާތު އެހެން ތަހުގީގީ އިދާރާއަކުން ހޯދާފައިވާ ނަމަ އެ މައުލޫމާތާއި ހެކި ކޮމިޝަނާ ހަވާލު ކުރަން ޖެހޭނެ ކަމަށްވެސް ގާނޫނުގައި ވެއެވެ.
އެ ދެ ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކަށް ހުރަސް އެޅުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ގާނޫނުގައި ވެއެވެ. އެފަދަ ފަރާތެއްގެ މައްސަލަ ބަލަން ފުލުހުންނަށް ހުށަހެޅުމުގެ ބާރު ކޮޮމިޝަނަށް ވަނީ ދީފައެވެ.