19 Jun 2019, 12:24
ދިއްލީ (ޖުލައި 19): އިންޑިއާގެ ޗެންނާއީއަށް ވާރޭ ނުވެހި ގިނަ ދުވަސްވުމުގެ ސަބަބުން އެސިޓީއަށް ފެން ލިބުން ދަތިވެއްޖެ އެވެ.
ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު ކޭ ޕަލަނިސުވާމީ ވިދާޅުވި ގޮތުގައި ވާރޭ ނުވެހި ގިނަ ދުވަސްވުމުގެ ސަބަބުން އެސްޓޭޓުގެ ވެރިރަށަށް ފެން ސަޕްލައިކޮށްދޭ ރިޒަވަޔާތަކުން ފެން ހުސްވެ، ބިމުގެ ފެން ފަށަލައިން ފެން ވަނީ މަދުވެފައި އެވެ.
އޭގެ ސަބަބުން ފެން ނެގުމަށް އިތުރު ބޯހޯލްތައް ތޮރުފުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ސަރުކާރުގެ ޓޭންކުތަކުން ފެން ނެގުމަށް ގިނަ އަދަދެއްގެ މީހުން ކިޔޫ ޖެހިފައިވާ އިރު ފެން ނުލިބުމުގެ ސަބަބުން ބައެއް އޮފީސްތަކުގެ މުވައްޒަފުންނަށް ގެއިން މަސައްކަތް ކުރުމަށް އަންގާ، ބައެއް ރެސްޓޯރެންޓުތަކާއި ހޮޓެލްތައް ވަނީ ވަގުތީ ގޮތުން ބަންދުކޮށްފަ އެވެ.
ޗީފް މިނިސްޓަރު ޕަލަނިސުވާމީ ވިދާޅުވި ގޮތުގައި ސަރުކާރުން ދަނީ ޑީސެލިނޭޝަން ޕްރޮޖެކްޓުތަކުންވެސް ރައްޔިތުންނަށް ބޯފެން ފޯރުކޮށްދެމުންނެވެ. އަދި އަންނަ އޮކްޓޯބަރު ހިސާބުގައި ވާރޭ ވެހެންދެން، ކުރިއަށް އޮތް ހަތަރު މަސް ތެރޭ ބިމުން ފެން ނަގައިގެން ފޯރުކޮށްދެވޭނެ ކަމަށް ވިދާޅުވެފަ އެވެ.