ލ. ގަމުގައި ހިންގާ ގެސްޓުހައުސްއެއްގެ ވޭން ވަގަށް ގެންގޮސް އޭގައި ރޯކޮށްލައިފިއެވެ.

ފުލުހުން ބުނީ އެމްއޯ ހޮޓެލްގެ ވޭން އެ ހޮޓެލް ކައިރީ ބާއްވާފައި އޮއްވާ ވަގަށް ނަގައިގެން ގެންގޮސް އޭގައި ރޯކޮށްލާފައިވާ ކަމަށެވެ. ވޭނުގައި ރޯކޮށްލީ މުކުރިމަގު ހައްތެއްޔާ ދިމާ އިރުމަތީ ފަރާތު އަތިރި މައްޗަށް އެ ވޭން ގެންގޮސް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިރޭ 21:15 ހާއިރު އެވެ. ފުލުހުން ދަނީ މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

ވޭނުގައި ރޯކޮށްލި އަލިފާންގަނޑު މިހާރު ނިއްވާލާފައިވާއިރު، ވޭން ބޭނުން ނުކުރެވޭވަރަށް އަނދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު މައްސަލައާއި ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރެއް ނުކުރެއެވެ.