18 Jun 2019, 20:12
އައްޑޫ ސިޓީގެ މަގުތައް ހެދުމުގެ މަސައްކަތް ކުރުމަށް 200 މިލިއަން ޑޮލަރުގެ ފަންޑު ހަމަޖެހިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެެއްޖެއެވެ.
މިއަދު ނިމުނު ޕާޓްނާޝިޕް ފޯރަމު ނިންމާލުމަށްފަހު ނޫސްވެރިނަނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ އައްޑޫ ސިޓީ ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ބައެއް މަސައްކަތްތައް މިހާރުވެސް ކުރިއަށްދާ ކަމަށާއި ބައެއް މަޝްރޫއުތަކަށް ފަންޑު ހަމަޖެހެމުންދާ ކަމަށެވެ.
އައްޑޫ ސިޓީ ތަރައްގީ ކުރުމަށް ސަރުކާރުން ގެންގުޅޭ 6.3 ބިލިއަން ރުފިޔާ (414 މިލިއަން ޑޮލަރު)ގެ މަޝްރޫއު ޕާޓްނާޝިޕް ފޯރަމަށް ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ އައްޑޫގެ ހަ ރަށް ސިޓީއެއްގެ ގޮތުގައި ތަރައްގީކޮށް ފަތުރުވެރިކަން ފުޅާކޮށް އިގްތިސޯދީ ގޮތުން އައްޑު އަށް ނަފާ ލިބޭނެ ގޮތްތަކެއް ހޯދުމެވެ.
އައްޑޫ ސިޓީގެ ހަ ރަށް އެކުލެވޭ ގޮތަށް ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއުތަކަކީ:
ކޮމާޝަލް އަދި ރެޒިޑެންޝަލް ބޭނުމަށް 203 ހެކްޓަރުގެ ބިން ހިއްކުން
- 25 ހެކްޓަރުގެ ހަތަރު ފަޅު ޓޫރިޒަމްގެ ބޭނުމަށް ހިއްކުން
- މިހާރު ބޭނުންކުރާ މަގުތައް މަރާމާތުކޮށް އިތުރު މަގުތައް ތަރައްގީކުރުން
- ސްޓޯމް ވޯޓާ ޑްރެއިނޭޖް ސިސްޓަމެއް ގާއިމު ކުރުން
- ހިތަދޫ ރީޖަނަލް ޕޯޓު ތަރައްގީކޮށް ފުޅާކުރުން
- މަރަދޫ ފޭދޫ އަދި ހުޅުދޫ މީދޫ ބަނދަރު އަޕްގްރޭޑުކުރުން
އިތުރު ހައުސިން ޔުނިޓުތަކެއް އެޅުން - ހުޅުދޫ މީދޫގެ ފިޝަރީޒް ކޮމްޕްލެކްސް އިތުރަށް ތަރައްގީ ކުރުން
- ހިތަދޫ އައިސްޕްލާންޓް އަޅައި، މަސް ޕްރޮސެސް ކުރާނެ ފެސިލިޓީ ގާއިމް ކުރުން
- ކުޅިވަރު އަދި އިޖުތިމާއީ އިންފްރާސްޓްރަކްޗާ ގާއިމް ކުރުން (އިސްލާމިކް ސެންޓާ، ޔޫތު ސެންޓާ، ރިހިބިލިޓޭޝަން ސެންޓާ)
- ކަރަންޓުގެ ވިއުގައި ވަރުގަދަކޮށް އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓް ފޯރުކޮށްދިނުން
- ގަމުގައި ކޮންވެންޝަން ސެންޓަރެއް އެޅުން
- ސަރުކާރު އޮފީސް ކޮމްޕްލެކްސް އެއް އެޅުން
- އައްޑޫ ނޭޗާ ޕާކު ތަރައްގީ ކުރުން
- ކްލައިމެޓް ރިސާޗު ފެސިލިޓީއެއް ގާއިމް ކުރުން
- ކަލްޗްރަލް ވިލެޖަކާއި މިއުޒިޔަމްއެއް ގާއިމް ކުރުން
މިނިސްޓަރު އަމީރު ވިދާޅުވީ އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނުގެ ދަށުން އައްޑޫ ސިޓީގެ މަގުތައް ހެދުމުގެ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށެވެ. އެކަމަށް ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.