ތިނެއް ނޮވެމްބަރު 1988 ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އެންމެ އިސްކޮށް ހުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެ ނުގެނިވިގެން އުޅޭ މައްސަލައިގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށް ނިންމައިފިއެވެ.

އިމްރާން މަޖިލީހަށް ހާޒިރުކުރަނީ ނޮޅިވަރަމް ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲގެ އެދުމަކަށް ސުވާލު ކުރުމަށެވެ.

އޭނާ އެދިފައިވަނީ ލުތުފީ ރާއްޖެ ގެނައުމަށް ހޯމް މިނސްޓްރީން އެއްވެސް މަސައްކަތެއް ކުރަމުންދޭތޯއާއި އަދި އޭނާ މިހާރު ހުރީ ކޮން ގައުމެއްގައިތޯ މިނިސްޓަރާ ސުވާލުކުރުމަށެވެ.

ލުތުފީއަށް އިއްވާފައިވަނީ އުމުރު ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް 2010 ވަނަ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ބޭސްފަރުވާއަށް ސްރީލަންކާއަށް ދިޔަގޮތަށް އޭނާ އުޅެނީ ފިލައިގެންނެވެ.

ލުތުފީ މިހާރު އުޅެނީ ކޮން ގައުމެއްގައި ކަމެއް ނޭނގެއެވެ. ދާދި ފަހުން ލަންކާގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެގައުމުގެ ސިފައިން ހުރިހާ ގެތަކެއް ބަލައި ޗެކްކުރިއެވެ. އަދި އެ ޗެކް ކުރުމުގެ ތެރެއިން ގަވައިދާ ހިލާފަށް ވިސާ ނެތި ލަންކާގައި ދިރިއުޅޭ ދިވެހިންތަކެއް ލަންކާއިން ހައްޔަރުވެސް ކުރިއެވެ. ނަމަވެސް އެއިން އެއްވެސް މީހެއްގެ ތެރޭގައި ލުތުފީއެއް ނުހިމެނެއެވެ.

ލުތުފީ ހައްޔަރުކޮށްގެން ރާއްޖެ ގަނައުމަށް ކްރިމިނަލް ކޯޓުން މީގެ ކުރިން އަމުރެއްވެސް ނެރެފައިވެއެެވެ.