ފަސް މީހުންނާ އެކު ދަތުރުކުރަމުން ދިޔަ ލޯންޗެއް ރ. އުނގޫފާރު ނެރުމައްޗަށް ބަންޑުން ޖަހާލައިފި އެވެ.

ރ. އުނގޫފާރުގެ ކައުންސިލަރު ހުސައިން އާސިފް "ސަން"އަށް މިއަދު ވިދާޅުވީ ލޯންޗު ބަންޑުން ޖަހާލީ އެ ރަށުން ޖޯލި މޯލްޑިވްސް ރިސޯޓަށް ދިޔުމުގެ މަގުމަތީގައި ކަމަށެވެ.

އެ ހާދިސާގައި ތިން މީހަކަށް އެ ރަށު ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެއީ ދިވެއްސަކާއި ދެ ބިދޭސީއެވެ.

ފުލުހުން ބުނީ އެ ތިން މީހުންނަށްވެސް ބޮޑެތި އަނިޔާއެއް ނުލިބޭ ކަމަށެވެ.

އެ ހާދިސާ ހިނގިއިރު އެ ލޯންޗުގައި ފަސް މީހުން ތިބި ކަމަށެވެ.

އުނގޫފާރުގެ ކައުންސިލްގެ ރައީސް އަބްދުއްނާސިރު އަލީ "ސަން" އަށް ވިދާޅުވީ އެ ނެރަކީ ދޭތެރެ ދޭތެރެއިން އޮޑިދޯނި ފަހަރު ބަންޑުން ޖަހާލައި ނެރެއް ކަމަށެވެ.

"އަބަދު ވެސް އޮޑިދޯނި ފަހަރު ބަންޑުންޖަހާ. އެކަން ވާނީ ސަރުކާރަށް ވެސް އަންގާފައި،"

ލޯންޗުގެ ވެރިފަރާތް ހަސަން މޫސާ "ސަން" އަށް ބުނީ ލޯންޗް ބަންޑުން ޖަހާލީ އިންޖީނު ހުއްޓިގެން ކަމަށެވެ. އަދި ޕެޓްރޯލަށް ފެން އެޅިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.