18 Jun 2019, 14:53
ފަނޑިޔާރަކު ނިންމާ ނިންމުމެއް ބިނާކުރި ޝަރުއީ އަދި ގާނޫނީ އަސާސުތަކާ ގުޅުވައިގެން އެ ނިންމުން ގޯސްކަމަށް ބުނެ، އެ ފަނޑިޔާރެއްގެ މައްޗަށް ސުލޫކީ ފިޔަވަޅެއް އެޅުމަކީ ޣައިރު ގާނޫނީ ކަމެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.
އެ ކޯޓުން މިއަދު ނެރުނު އަމުރެއްގައި ބުނެފައި ވަނީ ރާއްޖޭގެ ޝަރުއީ ކޯޓުގެ އެއްވެސް މަރުހަލާއެއްގައި މައުޟޫއީ ނުވަތަ އިޖުރާއީ ގޮތުން ވިޔަސް ފަނޑިޔާރަކު ނިންމާ ނިންމުމެއްގެ މެރިޓާ ގުޅުވައިގެން އެ ނިންމުމެއް ގޯސް ކަމަށް ބުނެ ސުލޫކީ މައްސަލަ ބަލައި، ފަނޑިޔާރު ޖަވާބުދާރީކުރުވައި އޭނާގެ މައްޗަށް އެއްވެސް ފިޔަވަޅެއް އެޅުމަކީ ގާނޫނީ އަދި ޝަރުއީ ގޮތުންވެސް އެއްވެސް ފަރާތަކަށް ލިބިދީފައިވާ އިހްތިސާސެއް ނޫންކަމަށެވެ.
އެހެންކަމުން ފަނޑިޔާރަކު ނިންމާ ނިންމުމެއްގެ މެރިޓާ ގުޅުވައިގެން، ނުވަތަ އެ ނިންމުން ބިނާކުރި ޝަރުއީ އަދ ިގާނޫނީ އަސާސުތަކާ ގުޅުވައިގެން އެ ނިންމުމެއް ގޯސްކަމަށް ބުނެ، ސުލޫކީ ގޮތުން އެ ފަނޑިޔާރެއްގެ މައްޗަށް އެއްވެސް ސިފައެއްގައި ތައުދީބީ ފިޔަވަޅެއް އެޅުމަކީ ޣައިރު ދުސްތޫރީ އަދި ޣައިރު ގާނޫނީ ކަމެއް ކަމަށް ކަނޑައަޅާ ކަމަށް ސުޕްރީމް ކޯޓުގެ އަމުރުގައި ވެއެވެ.
ސުޕްރީމް ކޯޓުން އެ އަމުރު ނެރެފައިވާ އިރު، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ހުށަހަޅާފައިވާކަން ޖުޑިޝަލް ސާވިސް ކޮމިޝަނުން މިއަދު ވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމާއި، އެ މައްސަލަ ރައްދުވާ ތިން ފަނޑިޔާރުންނަކީ ކޮބާކަމެއް ޖޭއެސްސީން ހާމައެއް ނުކުރެ އެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި އަމިއްލަ ފަރާތަކުން ޖޭއެސްސީއަށް ހުށަހެޅި އެ މައްސަލައަކީ ސިޔާސީ ފަރާތްތައް ދޫކޮށްލުމަށް 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ ބައިތަކެއް ބާތިލުކުރުމަށް ފަހުން ނެރުނު އަމުރެއްގައި ސޮއިކުރި ތިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެކެވެ.
އެ އަމުރުގައި ސޮއިކުރީ، ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ، ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އަދި ފަނޑިޔާރު އަބްދުﷲ އަރީފެވެ.