ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ދެ މައްސަލައެއް ބެލުން އާންމުކޮށް ހުޅުވާލައިގެން ބާއްވަން ޖުޑީޝަލް ސާވިސަސް ކޮމިޝަން، (ޖޭއެސްސ)ީއިން ނިންމައިފި އެވެ.

ޖޭއެސްސީއިން މިއަދު ބުނި ގޮތުގައި އާންމުކޮށް ހުޅުވާލައިގެން ބާއްވަނީ ފަނޑިޔާރު ދީދީގެ މައްޗަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ ރިޝްވަތުގެ ތުހުމަތުވާ މައްސަލަ އަދި ޖޭއެސްސީގެ ނިންމުމަށް ތަބައިނުވެ ކޯޓްގެ މަސައްކަތްތަކަށް ދީދީ ނިކުތްނެވި މައްސަލަ އެވެ.

ޖޭއެސްސީއިން މިއަދު ބުނި ގޮތުގައި ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ޖުމްލަ ފަސް ސްލޫކީ މައްސަލައެއް ވަނީ ހުށަހަޅައިފަ އެވެ. އެކަމަކު މައްސަލަތަކައިގެ ތަފްސީލްތަކެއް ޖޭއެސްސީއިން ހާމައެއް ނުކުރެ އެވެ.

ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ތުހުމަތުވާ މައްސަލަތަކާ ގުޅިގެން އޭނާ ވަނީ ރޭ އެ ކޮމިޝަނަށް ހާޒިރުވެސް ކޮށްފަ އެވެ. އަދި އޭނާ އެދިވަޑައިގެންފައި ވަނީވެސް އޭނާގެ މައްސަލަތައް ބެލުން ހުޅުވާލައިގެން ކުރިޔަށް ގެންދިޔުމަށެވެ.

އަބްދުﷲ ދީދީގެ ވަކީލުން ރޭ ވިދާޅުވީ ފަނޑިޔާރު ދީދީގެ މައްސަލަ ހުޅުވާލައިގެން ބަލަން ބޭނުންފުޅު ވަނީ އޭނާގެ ނަޒާހާތްތެރިކަމާއި އަދި ތަހުގީގު ކުރިއަށްދާގޮތް މުޅި ރައްޔިތުންނަށްވެސް ކަށަވަރު ކުރެވޭ ގޮތަކަށް ކުރިއަށް ގެންދިޔުމުގެ ބޭނުމުގައި ކަމަށެވެ.

ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރަން ޖޭއެސްސީއިން ނިންމި ނަމަވެސް، އޭނާ ހުށަހެޅުއްވި މައްސަލަތަކަކާ ގުޅިގެން ސުޕްރީމް ކޯޓުން ވަނީ ޖޭއެސްސީގެ ނިންމުމަށް އަމަލު ނުކުރުމަށް އަމުރެއް ނެރެފަ އެވެ. އެހެން ނަމަވެސް ޖޭއެސްސީއިން ނިންމާފައި ވަނީ، ސުޕްރީމް ކޯޓްގެ އަމުރު ގާނޫނު އަސާސީއާ ހިލާފު އަމުރަކަށް ވާތީ، ފަނޑިޔާރު ދީދީގެ ސަސްޕެންޝަން ދެމެހެއްޓުމަށެވެ.

ފަނޑިޔާރު ދީދީ ސުޕްރީމް ކޯޓްގައި އެދިވަޑައިގެންފައި ވަނީ އޭނާގެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅީ އިޖުރާއަތްތަކުގެ ބޭރުން ކަމަށް ވާތީ، އެ މައްސަލައަކީ ޖޭއެސްސީއަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ކަނޑައަޅައި ދިނުމަށެވެ.