ވެލިންޓަން (ޖޫން 18): މިދިޔަ މާޗް މަހު ނިއުޒީލެންޑުގެ ދެ މިސްކިތަކަށް ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި ޝެއާ ކުރި މީހާ 21 މަހަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.

އެމައްސަލައިގެ ޝަރީއަތަށް އެނގުނު ގޮތުގައި ނިއުޒީލެންޑުގެ ފިލިޕް އާޕްސް ވަނީ އެހާދިސާގެ ވީޑިއޯ 30 މީހުންނަށް ފޮނުވާ، އެވީޑިއޯގައި "މަރުވާ މީހުންގެ އަދަދު" ޖެހުމަށް އޭނާގެ އެކުވެރިއެއްގެ ގާތުގައި އެދިފަ އެވެ.

އެމައްސަލަ ބެއްލެވި ފަނޑިޔާރު ވަނީ އެހާދިސާ ހިނގި ދުވަހުގެ ފަހު ދުވަހު ވީޑިއޯ ޝެއާ ކުރުމަކީ ވަރަށް "ރަހުމް ކުޑަ އަމަލެއް"ގެ ގޮތުގައި ސިފަކޮށް އޭނާ 21 މަހަށް ޖަލަށް ލާން ހުކުމް ކުރައްވާފަ އެވެ.

މީގެ ކުރިން 2016 ވަނަ އަހަރު އާޕްސްގެ މައްޗަށް ކްރައިސްޓްޗާޗުގެ ނޫރު މިސްކިތް ކުރިމަތީ އޫރެއްގެ ބޯ ބޭއްވި ދައުވާ ސާބިތުވެ، 759 ޑޮލަރުން ޖޫރިމަނާކޮށްފައިވެ އެވެ. ނޫރު މިސްކިތަކީ މާޗް 15ގައި ދިން ބަޑީގެ ހަމަލާތަކުގެ އަމާޒަކަށްވި އެއް މިސްކިތެވެ. ދެވަނަ ހަމަލާ ދިނީ ލިންވުޑް އިސްލާމިކް ސެންޓަރުގަ އެވެ.

އެދެ ހަމަލާގައި ހުކުރު ނަމާދަށް ގޮސް ތިބި 51 މީހަކު މަރުވި އެވެ. އަދި ހަމަލާ ދިން މީހާ ވަނީ އެހަމަލާ ފޭސްބުކުން ލައިވްކޮށްފަ އެވެ.

އެހަމަލާތަކާ ގުޅިގެން ހައްޔަރުކޮށް، ދައުވާކޮށްފައިވާ އޮސްޓްރޭލިއާގެ ބްރެންޓަން ޓެރަންޓު ވަނީ ކޯޓުގައި އޭނާގެ ކުށަށް އިއުތިރާޒުކޮށްފަ އެވެ. އޭނާގެ ޝަރީއަތް ފަށާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ މެއި މަހުގަ އެވެ.