18 Jun 2019, 13:13
ރައްޔިތުންގެ މަޖިލީހުގެ ބައްދަލުވުންތަކުގައި ޕްލާސްޓިކް ފުޅި ބޭނުން ކުރުން ހުއްޓާލުމަށް މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންގް ކޮމެޓީން ނިންމައިފި އެވެ.
އެ ކޮމެޓީގެ މުގައްރިރު އަދި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މަޖިލީހުގެ ބައްދަލުވުންތަކަށް ޕްލާސްޓިކް ފުޅި ވެއްދުން މަނާކުރުމަށް އާންމު ކޮމެޓީގެ މުގައްރިރާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ލަފާ އެރުވުމަށް ފާސްކޮށްވެސްފައިވާ ކަމަށެވެ.
އެގޮތަށް އެކަން ފާސްކުރީ މަޖިލީހުގެ މެމްބަރުންގެ އިއްތިފާގުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ މަޖިލީހުގެ ތެރޭގައި ޕްލާސްޓިކް ބޭނުންކުރުން މަނާކުރުމަށް މަޖިލީހުގެ ރައީސްއާއި އާންމުކޮމެޓީގެ މުގައްރިރަށްވެސް ލަފާ ދެއްވައިފައިވާ ކަމަށެވެ.
މަޖިލީހުން ޕްލާސްޓިކް ފުޅި މަނާ ކުރަން ނިންމިއިރު ސަރުކާރު ބައެއް މިނިސްޓްރީތަކާއި އަދި ސްކޫލުތަކުގައިވެސް ޕްލާސްޓިކް ފުޅި ބޭނުންކުރުން ވަނީ ހުއްޓާލައިފަ އެވެ.
މަޖިލީހުގެ އިދާރާއިން ވެސް އިއްޔެ އިއުލާންކޮށްފައި ވަނީ، ބިއްލޫރި ފުޅި ސަޕްލައިކޮށްދޭނެ ބަޔަކު ހޯދުމަށެވެ.