18 Jun 2019, 12:12
ދޮންދަރިއާ މެދު ޖިންސީ އަމަލެއް ހިންގިކަން ސާބިތުވެ ލ. އަތޮޅުގެ ރަށެއްގެ މީހަކަށް ކުރި 15 އަހަރުގެ ޖަލު ހުކުމް ހައިކޯތުން ބާތިލު ކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބަލަން ނިންމައިފި އެވެ.
މި މައްސަލައިގައި ލ. އަތޮޅުގެ މެޖިސްޓްރޭޓު ކޯޓަކުން 2017 ވަނަ އަހަރުގެ ތެރޭގައި ކުރި ހުކުމް، އެ މައްސަލައިގައި ދައުވާ ލިބުނު ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ ބާތިލުކޮށްފައެވެ. އެ ހުކުމް ބާތިލު ކުރީ މިދިޔަ ބުދަ ދުވަހުއެވެ.
ހުކުމް ބާތިލު ކުރި މައްސަލަ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީންއަށް ހުށަހެޅުމުން އެ ކޮމިޓީން ވަނީ އެ މައްސަލަ ބެލުމަށް ނިންމާފައެވެ. އަދި އެ މައްސަލަ ބެލުމަށް ތިން މެމްބަރުންގެ ސަބް ކޮމެޓީއެއް ވަނީ އެކުލަވާލާފައެވެ. މި ނިންމުންތައް ނިންމާފައި ވަނީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެން ތިއްބެވި މެމްބަރުންގެ އިއްތިފާގުންނެވެ.
ސަބް ކޮމިޓީގެ މެމްބަރުން:
ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު
- އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް
- ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒު
ދޮންދަރިއާ މެދު ޖިންސީ އަމަލެއް ހިންގިކަން ސާބިތުވި މައްސަލައިގެ ހުކުމް ބާތިލުކޮށް ހައިކޯޓުން ނެރުނު ހުކުމުގައި ބުނެފައި ވަނީ، އެ މައްސަލައިގައި ދައުލަތުން ހުށަހެޅި ހެކީގެ ތެރެއިން ކުއްޖާގެ ބަޔާންތައް ހިމެނޭ އޯޑިއޯ އަދި ވީޑިއޯ ފައިލުތައް ފަހުން ނުހުޅުވޭ ކަމަށެވެ. އެހެންކަމުން، ދެވަނަ ފަހަރަށް ކުއްޖާ ގެނެސް ސުވާލުކުރުމުން ދިން ބަޔާނުގައި ކުރިން ކިޔައިދިން ގޮތަށް ކިޔައިދީފައި ނުވާކަމަށެވެ.
ހުކުމުގައި ބުނެފައި ވަނީ، އަނިޔާ ލިބުނު ގޮތުގެ ވާހަކަ ކުއްޖާގެ މަންމައަށް ކިޔައިދިން ގޮތް ކުއްޖާ ފުލުހުން ދިން ބަޔާނުގައި ކިޔައިދީފައިވާ ކަމަށެވެ. ނަމަވެސް ކުއްޖާގެ ދޮންބައްޕަ ކުއްޖާގެ ގައިގައި ބެއްދުން ފިޔަވައި އެހެން ކަމެއް ކުރި ކަމަަށް އެ ބަޔާނަށް ކިޔައިދީފައި ނުވާ ކަމަށް ހުކުމުގައިވެ އެވެ.
އެހެންކަމުން، ކުއްޖާގެ ވާހަކަތަކާމެދު ސުވާލު އުފެދޭކަމަށް ހުކުމުގައިވެއެވެ. އަދި އެ ކުއްޖާގެ ވާހަކަތަކުގެ މައްޗަށް ބިނާކޮށް ހެކިބަސް ދިން މީހުންގެ ހެކިބަސް ސައްހަ ނުވާނެ ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.
މި މައްސަލަ ބެއްލެވީ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަލީ ސަމީރެވެ. ހުކުމް ބާތިލު ކުރަން ނިންމީ މި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.