ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭ އެ ކުލަބު ދޫނުކުރާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ޕީއެސްޖީގެ ރައީސް ނަސީރު އަލް ޚަލަފީ ބުނެފި އެވެ.

އުމުރުން އެންމެ 20 އަހަރުގައި ފުޓުބޯޅައިގެ ބޮޑެތި ރެކޯޑުތައް ހަދައި ކާމިޔާބީތައް ހޯދަމުން އަންނަ އެމްބާޕޭ ވަނީ ދާދި ފަހުން ފްރާންސާ އެކު ކުޅުނު ރަހުމަތްތެރި ކަމުގެ މެޗެއްގައި އޭނަގެ 100 ވަނަ ޕްރޮފެޝަނަލް ގޯލު ކާމިޔާބު ކޮށްފަ އެވެ. އެ މެޗަށްފަހު އެމްބާއްޕޭ ވަނީ "އައު ޕްރޮޖެކްޓެއް" ފަށާނެ ކަމުގެ ވާހަކައަކަށް އަލި އަޅުވާލައިފަ އެވެ. ނަމަވެސް އެއީ ވަކި ކޮން ޕްރޮޖެކްޓެއް ކަމެއް އޭނާ ބުނެފައެއް ނުވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސްޕެއިންގެ ރެއާލް މެޑްރިޑުން ދަނީ އެމްބާޕޭ ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ނިމިގެން މިދިޔަ ސީޒަނުގައި ރެއާލަށް ކުރިމަތިވި ނާކާމިޔާބީއާ އެކު އެކުލަބުގެ ސްކޮޑަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ އިރު މިހާތަަނަށް ފަސް ކުޅުންތެރިއަކު ވަނީ އެކުލަބުން ސޮއެ ކުރުވާފަ އެވެ.

ނަމަވެސް ޕީއެސްޖީގެ ރައީސް ވަނީ އެމްބާއްޕޭ ރެއާލަށް ދޫކުރުމަށް ދެކޮޅު ހަދައިފަ އެވެ. އޭނާ ބުނީ އެމްބާޕޭގެ "އައު ޕްރޮޖެކްޓު" ގެ ވާހަކަ އަކީ އޭނާ އެހެން ކުލަބަކަށް ބަދަލުވުމާ ގުޅޭ ގޮތުން ދެއްކި ވާހަކައެއް ނޫން ކަމަށެވެ.

"އެމްބާއްޕޭގެ އައު ޕްރޮޖެކްޓަކީ ޕީއެސްޖީގައި މަޑުކޮށް މި ކުލުބަގައި އޭނާ ފުޓުބޯޅައިން ދާން ބޭނުންވާ މަންޒިލަކަށް ދިއުން،" ޕީއެސްޖީގެ ރައީސް ނަސީރު އަލް ޙަލެފީ ބުންޏެވެ.

"އޭނާ އަކީ އަދި ޒުވާން ކުޅުންތެރިއެއް. ކަން ކަމުގެ ތަޖުރިބާ އަދި ނުހުންނާނެ. އަހަރެން އޭނާއަށް ވިސްނައިދިނިން މިކަމުގައި ކަން ކުރަންވީ ގޮތް."

ޚަލެފީ ބުނީ އަންނަ ސީޒަނުގައި ވެސް އެމްބާޕޭ ޕީއެސްޖީއަށް ކުޅޭނެ ކަމަށާއި އެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.