ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން މަޑު ޖައްސާލަން އެ ކޯޓުން ނެރުނު އަމުރާ ހިލާފަށް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ނިންމާ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ބުނެ ސުޕްރީމް ކޯޓުން އިއްޔެ ނެރުނު އަމުރަކީ ގާނޫނު އަސާސީއާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅަން ހުށަހަޅައިިފި އެވެ.

މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ޖޭއެސްސީ ހާޒިރުކޮށް އެކުލަވާލި ރިޕޯޓު މިއަދު ވަނީ މަޖިލީހަށް އިއްވާފަ އެވެ. އެ ރިޕޯޓުގައި ނިންމާފައި ވަނީ، ޖުޑިޝަލް ސާވިސަސް ކޮމިޝަނުން ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑު ކުރަން ނިންމި ނިންމުމަކީ ގާނޫނީ ބާރު ލިބިގެންވާ ނިންމުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅުމަށާއި، ދައުލަތުގެ އެހެން މުއައްސަސާތަކުގެ ތެރެއަށް ސުޕްރީމް ކޯޓުން ނުވަނުމަށް ސުޕްރީމް ކޯޓަށް ރައްޔިތުންގެ މަޖިލީހުން އިލްތިމާސް ކުރަން ފެންނަ ކަމަށެވެ.

އެ ރިޕޯޓުގައި ހުށަހަޅާފައިވާ ކަންކަމުގެ ތެރެއަށް، އިއްޔެ ސުޕްރީމް ކޯޓުން ނެރުނު އަމުރަކީވެސް ގާނޫނު އަސާސީއާ ހިލާފު އަމުރެއް ކަމަށް ކަނޑައެޅުމަށް އިސްލާހު ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ.

"ސުޕްރީމް ކޯޓުން، މި މަޖިލީހުން ކުރާ ކަންކަން އަދި ޖުޑިޝަލް ސާވިސް ކޮމިޝަނުން ކުރާ ކަންކަން އެއީ ނުކުރެވޭނެ ކަންކަން ކަމަށް ދައްކާ ވާހަކަ އަކީ އެއް ގޮތަކަށްވެސް ގާނޫނު އަސާސީއާ އެއްގޮތަށް ދައްކާ ވާހަކައެއް ނޫން. އަދި އެއީ ކަނޑައެޅިގެން ގާނޫނު އަސާސީއާ ހިލާފު ވާހަކަތަކެއް،" ބަހުސްގައި މިއަދު ހަސަން ލަތީފު ވިދާޅުވިއެވެ.

ދީދީ ސަސްޕެންޑު ކުރުމުން އޭނާ ވަނީ އެ ސަސްޕެންޝަން ބާތިލުކުރުމަށް އެދިވަޑައިގެން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅުއްވައިފަ އެވެ. އަދި ސުޕްރީމް ކޯޓުން ވަނީ އެ ދުސްތޫރީ މައްސަލަ ނިމެންދެން ސަސްޕެންޝަންގެ އެއްވެސް އިޖުރާއަތެއް ކުރިއަށް ނުގެންދިޔުމަށް ވަގުތީ އަމުރެއް ނެރެފަ އެވެ.

އެ އަމުރު ނެރުމުން ޖޭއެސްސީގެ ކުއްލި ބައްދަލުވުމެއް ބާއްވައި ސުޕްރީމް ކޯޓުގެ އަމުރު ގަބޫލުނުކޮށް އޭނާގެ ސަސްޕެންޝަން ދަމަހައްޓަން ޖޭއެސްސީއިން އޮތީ ނިންމާފަ އެވެ.

ޖޭއެސްސީއިން ސުޕްރީމް ކޯޓުގެ އަމުރަށް ގޮން ޖަހައި ނިންމުމެއް ނިންމީ އެ ކޮމިޝަނަށް ލިބިފައިވާ ގާނުނީ އިހުތިސާސްގެ ބޭރުން ކަމަށްވެސް ސުޕްރީމް ކޯޓްގެ އިއްޔެގެ އަމުރުގައި ބުނެފައިވެ އެވެ. އަދި އެ ނިންމުމަކީ، ޓުގެ ހުރުމަތް ކެނޑޭ ގޮތަށް އަދި އަދުލު އިންސާފަށް ހުރަސްއެޅޭ ގޮތަށް އެ ކޮމިޝަނުން ނިންމާފައިވާ ޣައިރު ދުސްތޫރީ ނިންމުމެއް ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ވަނީ ކަނޑައަޅާފަ އެވެ.