18 Jun 2019, 11:26
ރާއްޖޭގެ ސުޕްރީމް ކޯޓަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ސުޕްރީމް ކޯޓް ވެސް ގާނޫނީ އިމުން މަސައްކަތް ކުރުމަށް މެންބަރުން އެ ކޯޓްގެ ފަނޑިޔާރުންނަށް ގޮވާލައިފި އެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ސުޕްރީމް ކޯޓަށް ފާޑު ވިދާޅުވީ، ޖޭއެސްސީގެ މެމްބަރުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކޮށް، އެ ކޮމިޓީއިން އެކުލަވާލި ރިޕޯޓަށް ބަހުސަށް ހުޅުވާލުމުންނެވެ. އެ ފުރުސަތުގައި ސަރުކާރަށް ތާއީދު ކުރާ އަދި އިދިކޮޅުގެ ބައެއް މެމްބަރުންވެސް ވަނީ ސުޕްރީމް ކޯޓަށް ފާޑުވިދާޅުވެފަ އެވެ.
ޖުޑިޝަރީ ކޮމިޓީން މިއަދު އިއްވި ރިޕޯޓުގައި ވަނީ ސުޕްރީމް ކޯޓުން ޖޭއެސްސީގެ މަސައްކަތަށް ހުރަސް އަޅައި އެ ކޮމިޝަނުގެ އިހުތިސޯސުގެ ތެރެއަށް ވަންނަ ކަމަށް ބުނާ ގިނަ ކަންތައްތަކެއް ފާހަގަކޮށްފައެވެ. އޭގެ އިތުރުން، ޖޭއެސްސީއިން އިހުމާލުވެފައިވާ ކަމަށާއި ޖޭއެސްސީއިން ޒިންމާ އަދާ ކުރި ނަމަ މިއަށް ވުރެ ރަނގަޅު ފަނޑިޔާރު ގެއެއް ފެންނާނެކަން ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އެ ރިޕޯޓުގައި ނިންމާފައި ވަނީ، ޖުޑިޝަލް ސާވިސް ކޮމިޝަނުން ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑު ކުރަން ނިންމި ނިންމުމަކީ ގާނޫނީ ބާރު ލިބިގެންވާ ނިންމުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅުމަށާއި، ދައުލަތުގެ އެހެން މުއައްސަސާތަކުގެ ތެރެއަށް ސުޕްރީމް ކޯޓުން ނުވަނުމަށް ސުޕްރީމް ކޯޓަށް ރައްޔިތުންގެ މަޖިލީހުން އިލްތިމާސް ކުރުމަށެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ، ޖޭއެއެސްސީގެ ނިންމުންތައް ރައްދުވާ ފަރާތުން އެ ކޮމިޝަނަށް ފިޔަވަޅު އެޅުމަކީ އެ ކޮމިޝަނުގެ މިނިވަންކަމާއި މުސްތަގިއްލުކަން ގެއްލޭ ކަމެއް ކަމަށެވެ. ޖޭއެެސްސީ ޖަވާބުދާރީ ކުރެވޭނީ ރައްޔިތުންގެ މަޖިލީހަށް ކަމަށާއި ސުޕްރީމް ކޯޓަށް ނޫން ކަމަށް ވެސް މީކާއިލް ވިދާޅުވި އެވެ.
"ޖޭއެސްސީއަށް ގޮންޖަހައި، މި ރައްޔިތުންގެ މޖަިލީހުގެ ނިންމުންތަކަށް ގޮންޖަހައި ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން އެ ނެރޭ ނިންމުންތަކުން އެ ބުނަނީ ތިމަންނާމެން ގާނޫނު އަސާސީއަށް ވުރެ މައްޗޭ. ދިވެހި ރައްޔިތުންނަށް ވުރެ ތިމާމެން މައްޗޭ. ތިރިކުރަން އެބަ ޖެހޭ އިއްޒަތްތެރި ރައީސް. ގާނޫނު އަސާސީއިން އެމީހުން ތިބެންޖެހޭ ސައިޒު ކަމަށް ބަޔާން ކުރާ ސައިޒަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ތިރިވާން އެބަ ޖެހޭ،" މީކާއިލް ވިދާޅުވިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް މަޖިލީހުގައި -- ފޮޓޯ/ މަޖިލިސް
އޫނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވީ، ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ތާއީދު ކުރައްވާ ކަމަށެވެ. އަދި އޭނާވެސް ވަނީ ސުޕްރީމް ކޯޓުން ބާރުތައް ނަގަމުންދާ ކަމަށް ވިދާޅުވެ ފާޑުކިޔާފަ އެވެ.
ވައްޑޭ ވިދާޅުވީ، ސުޕްރީމް ކޯޓުން ބާރުތައް ނަގަމުން ގޮސް އެ ކޯޓަށް ދެވެނީ "ޝިރުކު" ކުރުމާ ހިސާބަށް ކަމަށެވެ.
"އިއްޒަތްތެރި ރައީސް. ބާރުތައް ނަންގަވަމުން އެއްކުރައްވަމުން އެހެރަ ދަނީ ހެއްދެވި ފަރާތައް ހަމައެކަނި ހާއްސަ ކަންކަމާ ނުބައްދަލު ހިސާބަށް. އިއްޒަތްތެރި ރައީސް. ތައުހީދުގައި ދިރިދެމިވޮޑިގެންވުން ހުރިހާ ކަމަކަށް ކުޅަދުންވަންތަވުން އެއީ ހެއްދެވި ފަރާތަށް އެކަނި ހާއްސަ ވެގެންވާ ކަންތައް. މިތާގެ ފަނޑިޔާރު ގެއިން އެހެރަ ދަނީ ދަމުން ދަމުން ގޮސް މިހިރަ ބާރުތައް ނަގަމުން ގޮސް ޝިރުކު ކުރުމާ ހިސާބަށް،" ވައްޑޭ ވިދާޅުވި އެވެ.
މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގުގެ ވާހަކަފުޅުގައި މިހާރު އަލަށް ޖޭއެސްސީއަށް އައްޔަންކޮށްފައިވާ މެމްބަރުންނަށް ފާޑުވިދާޅުވި ނަމަވެސް، އޭނާވެސް ވިދާޅުވީ، ޖުޑިޝަރީ އިސްލާހު ކުރަން ޖެހޭ ކަމަށެވެ. އަދި ސުޕްރީމް ކޯޓުން ނެރުނު ބައެއް ހުކުމްތަކާއި އަމުރުތަކަށް އޭނާއަށް ވެސް ތާއީދުނުކުރެވޭ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލު ކުރަނީ ފަނޑިޔާރުގެ އިސްލާހު ވާން ޖެހޭ ކަމަށް. ފަނޑިޔާރު ގެއިން ނެރޭ ކޮންމެ އަމުރަކީ އޭރު އަޅުގަނޑު ސަރުކާރު މެމްބަރެއްގެ ގޮތުގައި ހުއްޓަސް ހިތްހަމަޖެހޭ އަމުރުތަކެއް ނޫން،" ތޯރިގު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓަށް ފާޑުވިދާޅުވަމުން ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ، އޭނާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމަށް ވުމަށް ކުރި ހުވަޔާ މެދު ވެސް ސުވާލު އުފެދޭ ކަމަށެވެ. މެމްބަރުންގެ ހުވާ ލައިދެއްވީ މިހާރުގެ އުއްތަމަ ފަނޑިޔާރެވެ. ނިހާދު ވިދާޅުވީ މިހާރު ހުރި އުއްތަމަ ފަނޑިޔާރު އެ މަގާމަށް އައްޔަން ކުރީ، ސުވާލު އުފެދޭ ގޮތަކަށް ކަމަށެވެ.
"އިއްޒަތްތެރި ރައީސް އަޅުގަނޑަށް އަޅުގަނޑު ކުރި ހުވަޔާ މެދުވެސް ޝައްކުވާ ހިސާބަށް ގޮސްފި،" ނިހާދު ވިދާޅުވިއެވެ.
ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މުސާ ވަނީ ރައްޔިތުން މަޖިލީހުން ފާސް ކުރާ ގާނޫނުތަކާއި މިނިވަން މުއައްސަސާތަކާ ސުޕްރީމް ކޯޓުން ބެހޭ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.
އޭގެ އިތުރުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް އައުމަށް ފަހު ކުރިން ސިޔާސީ ފަރާތްތަކަށް ކޮށްފައި ހުރި ހުކުމްތައްވެސް ބާތިލު ކުރިކަން އޭނާ ފާހަގަކުރެއްވި އެވެ. އެއީ ފަނޑިޔާރުން ސިޔާސީ މަގުސަދަކަށް ކުރެއްވި ކަމަށް ކަމަށް ދޭހަވާ ގޮތަކަށް އޭނާ ވާހަކަފުޅު ދެއްކެވި އެވެ.
ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވީ، ސުޕްރީމް ކޯޓަކީ ފަހު ބަސް ބުނާ ބާރު ކަމަށް ބުނެފައި އޮންނަ އޮތުން ވަރަށް ބޮޑަށް އޮޅުވާލާފައިވާ ކަމަށެވެ. އަދި އޭގެ ނާޖާއިޒު ފައިދާ ސުޕްރީމް ކޯޓުން ނަގަމުންދާ ކަމަށެވެ.
"އެއީ ދުނިޔޭގައި ލެއްވިހާ ކަމެއްގައި ފަހުބަސް ބުނާ ތަނެއް ނޫން،" ހަސަން ލަތީފު ވިދާޅުވިއެވެ.
އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި ސުޕްރީމް ކޯޓަށް ފާޑުވިދާޅުވި ބައެއް މެމްބަރުން ހާޒިރުކޮށް ބަޔާން ނަގާފައިވެ އެވެ. މިހާރު މަޖިލީހުގައި ތިއްބެވި ބައެއް ބޭފުޅުންވެސް ސުޕްރީމް ކޯޓަށް ފާޑުކިޔުމުން އެ ކޯޓަށް ހާޒިރުކޮށް ބަޔާން ނަގާފައިވެެސްވެ އެވެ.