18 Jun 2019, 00:38
އާންމުކޮށް ހުޅުވާލައިގެން ތަހުގީގު ކުރިއަށްގެންދަން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ތަހުގީގު ކޮމިޓީގައި އެދިވަޑައިގެންފިއެވެ.
ޖޭއެސްސީގެ އެންގުމަކަށް މިރޭ 11:30 އަށް ފަނޑިޔާރު އަބްދުﷲ ދީދީ ވަނީ އެ ކޮމިޝަނަށް ހާޒިރުވެވަޑައިގެންފައެވެ.
އެ ކޮމިޝަނަށް ހާޒިރުވެވަޑައިގަތުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފަނޑިޔާރު އަބްދުﷲ ދީދީގެ ވަކީލު އާދަމް އާސިފް ވިދާޅުވީ ފަނޑިޔާރު އަބްދުﷲ ދީދީ ބޭނުންފުޅު ވަނީ އޭނާގެ ނަޒާހާތްތެރިކަމާއި އަދި ތަހުގީގު ކުރިއަށްދާގޮތް މުޅި ރައްޔިތުންނަށްވެސް ކަށަވަރު ކުރެވޭ ގޮތަށް އާންމުކޮށް ހުޅުވާލައިގެން ތަހުގީގު ކުރިއަށްގެންދަން ކަމަށެވެ.

ފަނޑިޔާރު އަބްދުﷲ ދީދީ ގެ ވަކީލު އާދަމް އާސިފް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ
"ތަހުގީގު ޓީމްގައި ހިމެނިވަޑައިގަންނަވާ ޖޭއެސްސީގެ ފަސް މެމްބަރުން ވަގުތުކޮޅަކަށް ތަހުގީގު މަޑުޖައްސާލުމަށްފަހު އެންގީ މެމްބަރުންގެ ނިންމެވުމަކަށްފަހުއޭ އެކަމަށް ގޮތެއް ކަނޑައެޅޭނީ. މެމްބަރުންގެ ނިންމެވުމަކަށްފަހު ތަހުގީގު ފަހުން ކުރިއަށްގެންދިޔުމަށް މިރޭ ތަހުގީގު މެދުކަނޑާލީ،" އާސިފް ވިދާޅުވިއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޖޭއެސްސީގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ ތަހުގީގު ކޮމިޓީގެ މެމްބަރުން ވެސް ބޭނުންވަނީ އާންމުކޮށް ހުޅުވާލައިގެން ތަހުގީގު ކުރިއަށް ގެންދަން ކަމަށެވެ. ނަމަވެސް ގާނޫނުގައިވާގޮތުން އެފަދަ ނިންމުމެއް ނިންމޭނީ ކޮމިޝަނަށް ކަމަށާއި އެހެންކަމުން ގޮތެއް ނިންމަން ކޮމިޝަނަށް އެކަން ހުށަހަޅަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފަނޑިޔާރު އަބްދުﷲ ދީދީ މިރޭ ޖޭއެސްސީއަށް ހާޒިރުކުރީ އޭނާ ސަސްޕެންޑުކުރަން އެ ކޮމިޝަނުން ނިންމި ނިންމުމަށް ގޮންޖެއްސެވި ކަމަށް ބުނެ ބަލަމުން އަންނަ ސުލޫކީ މައްސަލައިގެ ތަހުގީގަށެވެ.