18 Jun 2019, 00:50
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅޭ މައްސަލަތައް ވަގުތުން ތަހުގީގު ކޮމިޓީއާ ހަވާލު ކުރެވޭ ގޮތަށް އެކޮމިޝަނުގެ ހިންގާ ގަވާއިދާށް އިސްލާހު ގެނެސްފިއެވެ.
މީގެ ކުރިން ހިންގާ ގަވާއިދުގައިވާ ގޮތުން ކޮމިޝަނުން އަމަލު ކުރަމުން އައި ގޮތަކީ، އެ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގައި، މައްސަލަ ތަހުގީގު ކޮމިޓީއާ ހަވަލުކުރުމުގެ ކުރިން ފުރަތަމަ މަރުހަލާގައި، ކޮމިޝަންގެ ގާނޫނީ ވަކީލުންގެ ޓީމުން އެ މައްސަލައަކީ ބެލިދާނެ މައްސަލައެއްތޯ ނުވަތަ ނޫންތޯ ބަލައި ރިޕޯޓެއް ތައްޔާރު ކުރަން ޖެހެއެވެ.
ޖޭއެސްސީން ބުނީ، މިރޭ ކޮމިޝަނުން ބޭއްވި 35 ބައްދަލުވުމުގައި ފުރަތަމަ މަރުހަލާގައި އެ ރިޕޯޓު ހުށަހަޅަން ނުހޭ ގޮތަށް ކޮމިޝަންގެ ހިނގާ ގަވައިދުގެ 41 ވަނަ މާއްދާއަށް އިސްލާހު ގެނައުމަށް ފާސްކޮށްފައިވާ ކަމަށެވެ.
އެގޮތަށް އިސްލާހު ގެނައުމުގެ ބޭނުމަކީ، ކޮމިޝަނުން ބަލައި މައްސަލަތައް މިހާރަށްވުރެ އަވަހަށް ނިންމުމުގެ ބޭނުމުގައި ކަމަށް ކޮމިޝަނުން ބުންޏެވެ.
ކޮމިޝަނުން ބުނީ، މިހާރު ގެނައި އިސްލާހާއެކު، ކޮމިޝަންގެ ވަކީލުން ފުރަތަމަ މަރުހަލާގައި ރިޕޯޓް އެކުލަވާލަން ނުޖެހި، ކޮމިޝަނުން ބަލަން ޖެހޭ މައްސަލައެއް ނަމަ ވަގުތުން ތަހުގީގު ކޮމިޓީއަށް ފޮނުވިދާނެ ކަމަށެވެ.