17 Jun 2019, 22:59
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހާޒިރުކުރާ ގަޑި މިރޭ 11:30 އަށް އެ ކޮމިޝަނުން ބަދަލުކޮށްފިއެވެ.
ކުރިން އެ ކޮމިޝަނުން އެންގީ މިރޭ 10:00 އަށް ހާޒިރުވުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިދިޔަ އާދިއްތަ ދުވަހު ވަނީ ފަނޑިޔާރު ދީދީއާ ގުޅޭ ރިޝްވަތުގެ ޖޭއެސްސީއަށް ހުށަހަޅުއްވާފައެވެ.
އެ މައްސަލައަކީ ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވި އިރު އެ ޝަރީއަތުގެ ބެންޗުގައި އޭރު އިންނެވި ފަނޑިޔާރު ދީދީގެ އަނބިކަނބަލުންގެ ނަމުގައި މެލޭޝިއާގެ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް ރިޝްވަރުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ޖަމާވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.
އެކަމާ ގުޅިގެން ޖޭއެސްސީން ވަނީ އެ މައްސަލަަ ބަލާ ނިމެންދެން އަބްދުﷲ ދީދީ ސަސްޕެންޑްކުރުމަށް ނިންމާފައެވެ. ނަމަވެސް ދީދީ އެ މައްސަލައިގައި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުމުން އެ ކޯޓުން ވަނީ މައްސަލަ ބަލައި ނިމެންދެން ޖޭއެސްސީގެ ނިންމުމަށް އަމަލުކުރުން ފަސްކުރުމަށް ވަގުތީ އަމުރެއް ނެރެފައެވެ.
ނަމަވެސް ޖޭއެސްސީން ނިންމާފައިވަނީ އެ އަމުރު ގަބޫލުނުކުރުމަށާއި އަބްދުﷲ ދީދީގެ ސަސްޕެންޝަން އަދިވެސް ދެމިއޮތް ކަމަށެވެ.
ސުޕްރީމް ކޯޓުން އެގޮތަށް ނިންމުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައި އެ ކޮމިޓީން ވަނީ ފަނޑިޔާރު ދީދީ ސަސްޕެންޑު ކުރުމަކީ ގާނޫނީ ބާރު އޮތް ނިންމުމެއް ކަމަށް ކަނޑައަޅަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފާސްކޮށްފައެވެ.
އެކަމާ ގުޅިގެން ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނެފައިވަނީ ގާނޫނުއަސާސީ އާއި ގާނޫނު މާނަ ކުރުމުގައި އަދި ޝަރީއަތުން ބަލާ އެނޫންވެސް މައްސަލަތަކުގައި އެންމެ ފަހުގެ ނިންމާނީ އެކޯޓުން ކަމަށެވެ.
ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން މިއަދު ރައީސް އިބަރާހިމް މުހައްމަދު ސޯލިހް ނެރުނު ބަޔާނުގައި ބުނީ، ޖޭއެސްސީ ޖަވާބުދާރީ ކުރުމުގެ ބާރު ލިބިގެން ވަނީ ރައްޔިތުންގެ މަޖިލީހަށް އެކަނި ކަމަށެވެ. އެގޮތަށް ގާނޫނު އަސާސީގައި ބުނެފައިވާއިރު، ގާނޫނުއަސާސީގައި ވަކިގޮތެއް ކަނޑައަޅާފައިވާ ކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމަކީ ދައުލަތުގެ އެއްވެސް ބާރަކަށް ގާނޫނުއަސާސީ ހުއްދަ ކުރާކަމެއްނޫން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ފަނޑިޔާރު އަބްދުﷲ ދީދީ ވަނީ ޖޭއެސްސީން އޭނާ ސަސްޕެންޑް ކުރުމުން ވެސް ރަސްމީ މަސައްކަތަށް ނިކުމެވަޑައިގެންފައެވެ.