ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މިރޭ ހާޒިރުވާން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއަށް އަންގައިފިއެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ޖޭއެސްސީން ފަނޑިޔާރު އަބްދުﷲ ދީދީ އަށް އެންގީ މިރޭ 10:00 އަށް އެ ކޮމިޝަނަށް ހާޒިރުވުމަށެވެ.

ޖޭއެސްސީން މިރޭ އޭނާ ހާޒިރުކުރަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އަދި ސާފެއް ނުވެއެވެ.

އަބްދުﷲ ދީދީ ސަސްޕެންޑު ކުރަން އެ ކޮމިޝަނުން ނިންމީ އޭނާއާ ގުޅޭ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން އެ ކޮމިޝަނަށް އެންގުމުންނެވެ.

އެ މައްސަލަ ބަލަމުން އަންނަނީ ގަނޫނާ ޚިލާފަށް ކަމަށް ބުނެ އަބްދުﷲ ދީދީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުމުން އެ ކޯޓުން ވަނީ މައްސަލަ ބަލައި ހުކުމް އިއްވަންދެން އެ މައްސަލަ ބެލުން ހުއްޓާލުމަށް ޖޭއެސްސީއަށް އަމުރުކޮށްފައެވެ.