ގާނޫނު އަސާސީގައިވާ ގޮތަށް ފަނޑިޔާރުން ޖަވާބުދާރީކޮށް، ފާރަވެރިވެގެން މެނުވީ އިންސާފު ގާއިމުވެއްޖެކަމުގެ އިހްސާސެއް ނުކުރެވޭނެ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ.

މިރޭ ކުރެއްވި ޓްވީޓެއްގައި ރިފްއަތު ވިދާޅުވީ ގާނޫނުއަސާސީގައިވަނީ ދައުލަތުގެ ބާރުތަކުގެ އިންތައް ސާފުކޮށްބަޔާންކޮށްދީފައި ކަމަށާއި އަދުލުއިންސާފުގެ ބާރުގެ ތެރޭގައި ހިމެނޭ ސުޕްރީމް ކޯޓުވެސް ހިނގަންވާނީ އިންސާފުގެ މަގުން ކަމަށެވެ.

ރިފްއަތު މިހެން ވިދާޅުވެފައި މިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑު ކުރި ކުރުމަކީ ރަނގަޅު ނިންމުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރިޔަސް، އެ ނިންމުން ވެގެންދާނީ ބާތިލް ނިންމުމެއް ކަމަށް ބުނެ ސުޕްރީމް ކޯޓުން މިއަދު އަމުރެއް ނެރެފައި ވަނިކޮށެވެ.

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން އަމަލުކުރުން ވަގުތީގޮތުން ހުއްޓާލަން ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ތަބާނުވާން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވަނިކޮށް، އެ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ފާސްކުރުމަށް މަޖިލީހަށް ހުށަހަޅަން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ރޭ ވަނީ ނިންމާފައެވެ.