17 Jun 2019, 21:23
ނިއުދިއްލީ (ޖޫން 17): އިންޑިއާގައި ބޭއްވި ޢާންމު އިންތިޚާބުގައި ޕާލަމެންޓްގެ ދަށުގެ ކަމަށްވާ ލޮކް ސަބްހާ އަށް އިންތިޚާބުވި ކެންޑިޑޭޓުން މެންބަރުކަމުގެ ގާނޫނީ ހުވާ ކުރައްވައިފިއެވެ.
ހޯމަދުވަހު ލޮކްސަބްހާގައި ބޭއްވި ރަސްމިއްޔާތެއްގައި ގިނަ ކެންޑިޑޭޓުން މެންބަރުކަމުގެ ހުވާކުރައްވާފައިވާއިރު ބާކީތިބި ކެންޑިޑޭޓުން އަންގާރަދުވަހު ބާއްވާ ރަސްމިއްޔާތެއްގައި ހުވާ ކުރައްވާގޮތަށްވަނީ ހަމަޖެހިފައެވެ. ކެންޑިޑޭޓުން ހުވާކުރުމުގެ ކަންތައް ކުރިޔަށްގެންދިޔަ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ބީޖޭޕީގެ ފަރާތުން ލޮކް ސަބްހާގައި އެންމެ ދިގުމުއްދަތަކަށް މެންބަރުކަން ކުރައްވާފައިވާ މެންބަރު ވިރޭންދްރަ ކުމާރެވެ. ވިރޭންދްރަ ވަނީ ބީޖޭޕީގެ ޓިކެޓްގައި ލޮކް ސަބްހާ ގެ މެންބަރުކަމަށް އިންތިޚާބުވެ ވަޑައިގެން ލޮކްސަބްހާގެ ހަތްދައުރު ފުރިހަމަ ކުރައްވާފައެވެ.
ލޮކް ސަބްހާ ގެ 17 މަޖިލީހަށް މެންބަރުން އިންތިޚާބު ކުރުމަށް ދާދިފަހުން ބޭއްވި އިންޑީޔާގެ އާންމު އިންތިޚާބުގައި ލޮކް ސަބްހާގެ އިންތިޚާބުކުރާ 543 މެންބަރުންގެ ތެރެއިން 353 ގޮނޑި ކާމިޔާބުކޮށްފައިވަނީ ބީޖޭޕީއާއި އެޕާޓީއާއެކު ކޯލިޝަން ހަދާފައިވާ ޕާޓީތަކުންނެވެ. މި 353 ގޮނޑީގެ ތެރެއިން 303 ގޮނޑިއަކީ ސީދާ ބީޖޭޕީން ކާމިޔާބު ކުރި ގޮނޑިތަކެވެ.
ލޮކް ސަބްހާ ގެ 17 ވަނަ މަޖިލީހުގެ ފުރަތަމަ ދައުރު ހޯމަދުވަހު ފެށިފައިވާއިރު މި ދައުރު ނިމޭނީ އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހު ކަމަށް ލޮކް ސަބްހާ ގެ ސެކްރެޓޭރިއަޓް އިން ބުނެއެވެ. (އިންޑިޔާގެ މީޑިއާ)