17 Jun 2019, 18:25
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނިންމުންތަކަށް ބަސް ކިޔޭނީ ރައްޔިތުންގެ މަޖިލީހަށް އެކަނި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޖުޑީޝަލް ސާވިސް ކޮމިޝަނަކީ ފަނޑިޔާރުންނާ ގުޅޭ މައްސަލަތައް ބެލުމަށް ގާނޫނުއަސާސީ އިން އެކަށައަޅާފައިވާ މުއައްސަސާކަމަށްވާއިރު އެ މުއައްސަސާގެ ނިންމުންތަކާ ގުޅިގެން އެ މުއައްސަސާ ޖާވާބުދާރީ ކުރުވޭނޭގޮތްވެސް ގާނޫނުއަސާސީގައި ވަނީ ބަޔާންކޮށްފައި ކަމަށެވެ.
"އެއީ ޖުޑީޝަލް ސާރވިސް ކޮމިޝަންގެ މެމްބަރުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމާއި، އެކަމުގައި އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް އެޅުމެވެ. އެއީ ގާނޫނުއަސާސީ އެކަމުގައި ދައްކާފައިވާ މަގުކަމަށްވާއިރު، ގާނޫނުއަސާސީގައި ވަކިގޮތެއް ކަނޑައަޅާފައިވާ ކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމަކީ ދައުލަތުގެ އެއްވެސް ބާރަކަށް ގާނޫނުއަސާސީ ހުއްދަ ކުރާކަމެއްނޫނެވެ،" ރައީސް ސޯލިހު ވިދާޅުވިއެވެ.
އެހެންކަމުން ދިވެހި ދައުލަތުގެ އެންމެހާ ބާރުތަކާއި، ހުރިހައި މުއައްސަސާތަކުން ގާނުއަސާސީއަށާއި، ގާނޫނުގެ ހަމަތަކަށް އިހްތިރާމްކުރުމާއެކު، ދިވެހި ދައުލަތުގެ ހިންގުމުގެ ނިޒާމަށް ބުރޫއަރާފާނޭފަދަ އެންމެހައި ކަންކަމުން ދުރުވުމަށް ދައުލަތުގެ ހުރިހައި މުއައްސަސާތަކަށް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވާފައެވެ.
ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާއިރު، އެކަމުގައި އެންމެ ފުރަތަމަ އެޅި ފިޔަވަޅަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕްންޑު ކުރުމެވެ.
ސަސްޕެންޑު ކުރުމުން އެއީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ޚިލާފު ނިންމުމެއް ކަމަށް ވިދާޅުވެ ދުސްތޫރީ މައްސަލައެއް އޭނާ ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައެވެ. އެއާއެކު ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ ބަލައި ނިމެންދެން ޖޭއެސްސީގެ ނިންމުމަށް އަމަލު ކުރުން ފަސްކުރުމަށް ވަގުތީ އަމުރެއް ނެރެފައެވެ. ނަމަވެސް ޖޭއެސްސީން ވަނީ އެ އަމުރު ބަލައި ނުގަތުމަށް ނިންމާފައެވެ.
އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައި އެ ކޮމިޓީން ވަނީ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑު ކުރުމަކީ ގާނޫނީ ބާރު އޮތް ނިންމުމެއް ކަމަށް ކަނޑައަޅަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފާސްކޮށްފައެވެ.