19:00


އައްޑޫ ލިންކް ރޯޑުން ބާރު ސްޕީޑެއްގައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގެން ގޮސް، ލިންކް ރޯޑްގައި ޕާކްކޮށްފައި އޮތް ކާރެއްގައި ޖެހި ސައިކަލުގައި ތިބި ދެ މީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އިއްޔެ އިރުއޮއްސުނު ވަގުތު އެ އެކްސިޑެންޓް ހިނގާފައި ވަނީ ފޭދޫން މަރަދޫ އަށް ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގެން ގޮސް މަރަދޫފޭދޫ ގުޅޭ ހިސާބުގައި އޮތް ކާރެއްގައި ޖެހިގެން ކަމަށެވެ. ފުލުހުން ބުނީ ސައިކަލް ކޮންޓްރޯލް ނުވެ ކާރުގެ ފަހަތުގައި ޖެހުމުން އޭނާ ވިއްސައިގެން ގޮސް ޖެހި ކާރުގެ ވިންޑް ސްކްރީން އެއްކޮށް ތަޅައިގެން ގޮސްފައިވާ ކަމަށެވެ. އަދި ސައިކަލު ދުއްވަން އިން ކުއްޖާގެ ބޮލަށާއި ކަންފަތްމައްޗަށް ވަރަށް ބޮޑަށް ގެއްލުން ލިބުނު ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ފުޅިތޮށި ހެރިފައި ހުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.


ފުލުހުން ބުނީ ސައިކަލު ފަހަތުގައި އިން ކުއްޖާ އަށް ވެސް ބޭރު ފުށުން ކޮންމެ ވެސް ވަރަކަށް އަނިޔާވެފައިވާ ކަމަށެވެ.


މިދިޔަ އެޕްރީލް މަހުގެ 28 ވަނަ ދުވަހު ލިންކް ރޯޑުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ބޮލަށް ސީރިއަސް ޒަހަމްތަކެއް ލިބުނު ޒުވާނަކު ވަނީ މަރުވެފަ އެވެ.