އެންޓި ކޮރަޕްޝަން ކޮމިޝަނާއި ބްރޯޑްކާސްޓިން ކޮޮމިޝަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރު ކުރަން ނިންމައިފި އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ނައިބު މުގައްރިރު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވީ، އަންނަ ބުދަ ދުވަހު އެ ދެ ކޮމިޝަނުގެ މެމްބަރުން އެ ކޮމިޓީއަށް ހާޒިރު ކުރާނެ ކަމަށެވެ.

މީކާއިލް ވިދާޅުވީ، އެ ކޮމިޓީގައި އޭސީސީއިން ތަހުގީގުނުކޮށް ދޫކޮށްލާފައިވާ ބައެއް މައްސަލަތަކާ ބެހޭގޮތުންނާއި ބްރޯޑްކޮމްގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ސޮފްވާން މަސައްކަތަށް ނުނުކުންނަވައި މުސާރަ ނަންގަވާ މައްސަލައާ ގުޅޭގޮތުން ސުވާލު ކުރާނެ ކަމަށެވެ.

އޭސީސީ އާއި ބްރޯޑްކޮމްގެ މެމްބަރުންނާ އާންމުން ކުރަން ބޭނުންވާ ސުވާލެއް އޭނާއާ މެދުވެރިކޮށް ކުރުމުގެ ފުރުސަތުވެސް މީކާއިލް ވަނީ ހުޅުވާލާފަ އެވެ. އޭނާ އެދިފައި ވަނީ ސުވާލެއް ވާ ނަމަ ޓްވިޓާ މެދުވެރިކޮށް ފޮނުވުމަށެވެ.

ފާއިތުވި ދުވަސްތަކުގައި އެ ދެ ކޮމިޝަނުގެ މެމްބަރުންނަށް ވަނީ އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެފަ އެވެ. އަދި އެ ދެ ކޮމިޝަނުގައި ހިމެނޭ ބައެއް މެމްބަރުންނަށް ކޮރަޕްޝަންގެ ތުހުމަތުވެސް ކުރެވެ އެވެ.