ދިއްލީ (ޖޫން 17): އިންޑިއާގެ ޑޮކްޓަރުންނަށް ބައެއް ބަލި މީހުންނާއި އެމީހުންގެ އާއިލާގެ މެމްބަރުން ކުރާ އަނިޔާއިން ރައްކާތެރި ކުރުމަށް ސަރުކާރުން އިތުރު ފިޔަވަޅު އެޅުމަށް ގޮވާލައި އެތައް ހާސް ޑޮކްޓަރުން މިއަދު ހަޅުތާލެއް ފަށައިފި އެވެ.

އިންޑިއާގައި ގައުމީ ފެންވަރުގައި އެހަޅުތާލު ފެށީ މިދިޔަ ހަފްތާގެ ހޯމަ ދުވަހު ވެސްޓް ބެންގާލްގެ ކަލްކަތާގައި ހުންނަ ހޮސްޕިޓަލެއްގައި ތިން ޑޮކްޓަރަކަށް ހަމަލާ ދިން ފަހުންނެވެ. ވެސްޓް ބެންގާލް ސަރުކާރުން ހިންގާ އެހޮސްޕިޓަލުގައި ޑޮކްޓަރުންނަށް ހަމަލާ ދިނީ އެމީހުން ފަރުވާ ދިން މީހަކު މަރުވުމުން، އެމީހާގެ އާއިލާގެ މެމްބަރުންނެވެ. އެހާދިސާގައި ދެ ޑޮކްޓަރަކަށް ވަނީ ބޮޑެތި އަނިޔާތައް ލިބިފަ އެވެ.

އޭގެ ސަބަބުން ވެސްޓް ބެންގާލްގެ ޑޮކްޓަރުން ވަނީ މިދިޔަ ހަފްތާގައި ހަޅުތާލު ކުރަން ފަށާފަ އެވެ. އަދި މިއަދު ގައުމުގެ އެހެން ސަރަހައްދުތަކުގައި ހަޅުތާލު ކުރަން އިންތިޒާމު ކުރީ އިންޑިއަން މެޑިކަލް އެސޯސިއޭޝަން (އައިއެމްއޭ)އިންނެވެ.

އެޖަމްއިއްޔާއިން ވަނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހަމަލާ ދޭ މީހުންނަށް ހަރުކަށި އަދަބު ދިނުމަށް ގޮވާލާފަ އެވެ. އަދި ގައުމުގެ ހޮސްޕިޓަލްތަކުގެ ހާލަތު ރަނގަޅު ކުރަން ޖެހޭ ކަމަށާއި މުވައްޒަފުން މަދު ކަން ފާހަގަކޮށްފަ އެވެ. މީގެ އިތުރުން ހޮސްޕިޓަލްތަކުގައި ސެކިއުރިޓީ ކެމެރާތައް އިތުރު ކުރަން ޖެހޭ ކަމަށާއި ބަލި މީހުންނަށް ޒިޔާރަތް ކުރާ މީހުންގެ އަދަދު މަދު ކުރަން ޖެހޭ ކަމަށް ބުނެފަ އެވެ.

ވެސްޓް ބެންގާލްގެ ޑޮކްޓަރުންގެ ހަޅުތާލާ ގުޅިގެން އެސްޓޭޓުގެ ޗީފް މިނިސްޓަރު މަމަތަ ބަނެރުޖީ ވަނީ ޑޮކްޓަރުންނާ މިއަދު ބައްދަލު ކުރަން ނިންމަވާފަ އެވެ.

އިންޑިއާއިން އެގައުމުގެ ސިއްހީ ދާއިރާއަށް ހަރަދު ކުރަނީ ޖީޑީޕީގެ ދެ ޕަސެންޓަށް ވުރެ ވެސް މަދުންނެވެ. އެހެންކަމުން އެއީ މުޅި ދުނިޔެއިންވެސް ސިއްހީ ދާއިރާއަށް އެންމެ މަދުން އިންވެސްޓު ކުރާ އެއް ގައުމު ކަމަށް ވޯލްޑް ހެލްތް އޯގަނައިޒޭޝަނުން ބުނެ އެވެ.