17 Jun 2019, 15:09
މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާގެ ފުރަތަމަ މެޗުން ބޮލީވިއާ ބަލިކޮށް ބްރެޒިލްއިން ފެށުން ރަނގަޅު ކޮށްފައިވާ އިރު އެ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ، ނޭމާ ޖޫނިއާ ހުރީ އަނިޔާގަ އެވެ. އެހެން ނަމަވެސް އޭނާ ނުލައި ބްރެޒިލްއަށް ކާމިޔާބު ހޯދޭނެ ކަމަށް އެ ޓީމުގެ ކެޕްޓަން ޑެނީ އަލްވެސް ވަނީ ބުނެފަ އެވެ.
ނޭމާއަށް އަނިޔާވެފައި ވަނީ މުބާރާތް ފެށުމުގެ ކުރިން ޓީމާ އެކު ފަރިތަކުރުންތައް ކުރިއަށް ގެންދަނިކޮށެވެ. އޭނާ ފައިގެ ހުޅަށް ވެފައިވާ އަނިޔާއާ އެކު ގައިގަނޑަކަށް އެއް މަސް ދުވަސް ވަންދެން ކުޅުމާ ދުރުގަ ހުންނަން ޖެހޭނެ ކަން ބްރެޒިލް ޓީމުގެ ޑޮކްޓަރުން ވަނީ ޔަގީން ކޮށްދީފަ އެވެ.
އެއާ އެކު ނޭމާގެ ސްކޮޑުން ބާކީކޮށް އޭގެ ބަދަލުގައި ޗެލްސީއަށް ކުޅެމުން އަންނަ ވިލިއަން ވަނީ ޓީމުގައި ހިމަނާފަ އެވެ.
ވޭތުވެ ދިޔަ އަހަރުގެ ވޯލްޑް ކަޕުގައި ކުރިމަތިވި ނާކާމިޔާބީއަށް ފަހު ބްރެޒިލްގެ ސްކޮޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ އިރު މިއަހަރުގެ މުބާރާތަށް ޒުވާން ކުޅުންތެރިންތަކަކަށް ވަނީ ފުރުސަތު ދީފަ އެވެ. ޓީމުގެ އެންމެ މަގުބޫލު ކުޅުންތެރިޔަކަށް އެ ޓީމެއް ގިނަ ފަހަރަށް ބަރޯސާވެފައި އޮތް ނަމަވެސް ބްރެޒިލްގެ މިފަހަރުގެ ސްކޮޑަކީ ވަކި ކުޅުންތެރިއަކަށް ބަލައިގެން ކުޅޭނެ ޓީމެއް ނޫން ކަމަށް އެ ޓީމުގެ ކެޕްޓަން އަލްވެސް ވަނީ ބުނެފަ އެވެ.
އޭނާ ބުނީ އޭނައާ އެކު ޕީއެސްޖީގައި ވެސް ކުޅެމުން އަންނަ ނޭމާ ނެތުމަކީ ޓީމަށް ލިބުނު ދެރައެއް ވިޔަސް އޭނަ ނެތުމަކުން ޓީމު ބަލިކަށި ނުވާނެ ކަމަށެވެ.
"ކޮންމެ ފަހަރަކު އައިސް މި ޖާޒީ ލައިގެން ފަޙުރުވެރިކަމާ އެކު ކުޅުމަކީ އަހަރެންނަށް ލިބޭ ފަޙުރެއް. މިއީ ފުޓުބޯޅައިގެ އެންމެ ތާރީހީ އެއް ޖާޒީ. ނޭމާ ނެތަސް އަދި އެހެން ކުޅުންތެރިއަކު ނެތަސް މި ޖާޒީގައި ކުޅޭހާ ހިނދަކު ތަފާތު ފެންނާނެ،" އަލްވެސް ބުންޏެވެ.
"ނޭމާ އަކީ ހުނަރުން ފުރިގެންވާ ތަފާތު މޮޅު ކުޅުންތެރިއެއް. އޭނާ ހުންނަ ޓީމަކަށް އޭނަ ތަފާތު ދައްކާނެ. އެކަމު ފުޓުބޯޅަ އަކީ ވަކި ކުޅުންތެރިއަކަށް ބަރޯސާ ވެގެން ކުޅެވޭނެ ކުޅިވަރެއް ނޫން،"
އަލްވެސް ބުނީ ބްރެޒިލްއަށް މިފަހަރުގެ ތަށި ކާމިޔާބު ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި އަންނަ ފަހަރުގެ ވޯލްޑް ކަޕާއި ދޭތެރޭ ނުވިސްނާ ކަމަށެވެ.