މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ނައިބު ރައީސަކަށް އެކޮމިޝަންގެ މެމްބަރު، ފާތިމަތު ޒައިނާ އިންތިހާބުކޮށްފި އެވެ.

ޒައިނާ އެ މަގާމަށް އިންތިހާބުކުރީ، މިމަހު 13 ވަނަ ދުވަހު ނައިބު ރައީސްކަމުގެ މަގާމުގައި ހުންނެވި، އިސްމާއީލް ސޮފްވާން އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ބްރޯޑްކޮމް އިން މިއަދު ބުނީ، ޒައިނާ ނައިބު ރައީސް ކަމުގެ މަގާމަށް އިންތިހާބު ކުރީ މިއަދު އެ ކޮމިޝަންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ކަަމަށެވެ. ނަމަވެސް ކޮމިޝަންގެ ބައްދަލުވުމަށް ހާޒިރު މެމްބަރުންގެ އަދަދެއް ކޮމިޝަނުން ހާމައަށް ނުކުރެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި އިސް ރަށްވެހިންނާ ބައްދަލުކުރެއްވުމަށް ރަސްފަންނުގައި ބޭއްވި ހަފްލާ އިންތިޒާމް ކުރުމުގެ ކަންތައްތަކުގައި ފާޅުގައި ޒައިނާ ވަނީ ބައިވެރިވެވަފައިވާތީ، 2017 ވަނަ އަހަރު ތެރޭ ޒައިނާ ވަކިކޮށްދިނުމަށް އެދި އޭރުގެ އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށަހެޅި އެވެ.

އެ ހަފްލާ އަކީ ބްރޯޑްކާސްޓިން ކޮމިޝަނުން އިންތިޒާމްކުރި ހަފްލާއަކަށް ނުވާއިރު، އެ ހަފްލާގެ ކަންކަން އިންތިޒާމް ކުރުމަކީ މިނިވަން މުއައްސަސާއެއްގެ މެމްބަރަކު ކުރަންޖެހޭ ކަމެއް ނޫން ކަމަށް އޭރު މަޖިލީހަށް ހުށަހެޅި މައްސަލައިގައި ވަނީ ބުނެފައެވެ.

ނަމަވެސް އޭރު ސަރުކާރުގެ ބޮޑު އަގުލަބިއްޔަތެއް އޮތް ރައްޔިތުންގެ މަޖިލީހުން ވަނީ އެ މައްސަލަ ބޭރުކޮށްލާފަ އެވެ.

ބްރޯޑްކޮމް އަކީ އޭރު މިނިވަން ނޫސްވެރިކަމަށް ހުރަސްއަޅައި، ސިޔާސީ ވަކި ފަރާތަކަށް ބުރެވެ މަސައްކަތް ކުރަމުން ދިޔަ ކޮމިޝަނެއް ކަމަށް އޭރުގެ އިދޮކުޅު ފަރާތްތަކުން ވަރަށް ބޯޑަށް ތުހުމަތުކުރި އެވެ.

ބްރޯޑްކޮމްގެ މެންބަރަކަށް ޒައިނާ، އައްޔަންކުރެއްވީ 2016 ވަނަ އަހަރު އެޕްރީލް މަހު ރައީސް އަބްދުﷲ ޔާމީންނެވެ.