17 Jun 2019, 14:26
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން މަޑު ޖައްސާލަން އެ ކޯޓުން ނެރުނު އަމުރާ ހިލާފަށް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ނިންމާ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ސުޕްރީމް ކޯޓުން ބުނެފި އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަނުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ނިންމި ނިންމުމަށް ތާއީދު ކުރުމަށް މަޖިލީހުގެ ތަޅުމަށް ހުށަހަޅަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ ނިންމާފަ އެވެ.
އެކަމާ ގުޅިގެން ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނެފައިވަނީ ގާނޫނުއަސާސީ އާއި ގާނޫނު މާނަ ކުރުމުގައި އަދި ޝަރީއަތުން ބަލާ އެނޫންވެސް މައްސަލަތަކުގައި އެންމެ ފަހުގެ ނިންމާނީ އެކޯޓުން ކަމަށެވެ. އަދި ކޯޓުތަކުން ނިންމާ ނިންމުންތަކުގެ ސައްހަކަމާއެދު އަދި ޝަރުއްއިއްޔަތާއި މެދު ގޮތް ކަނޑައެޅުމުގެ ބާރު ޖުޑިޝަލް ސާވިސް ކޮމިޝަނަށް ލިބިފައި ނުވާ ކަމަށް އަމުރުގައި ވަނީ ބުނެފައެވެ.
ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ޖޭއެސްސީއިން ނިންމި ނިންމުން ބާތިލުކޮށް ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ގޮންޖަހާފައިވާ ކަމަށް އަމުރުގައި ވަނީ ބުނެފަ އެވެ.
"ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރެފައިވާ އިސްވެ އިޝާރާތްކުރެވުނު ކޯޓު އަމުރުގެ ދުސްތޫރިއްޔަތާއި ޝަރުއިއްޔަތަށް އިންކާރުކޮށް އެ އަމުރަށް ގޮން ޖަހައި ނެރެފައިވާ އަމުރެއް." ސުޕްރީމް ކޯޓުން މިއަދު އަމުރުގައި ބުނެފައިވެ އެވެ.
ޖޭއެސްސީއިން ސުޕްރީމް ކޯޓުގެ އަމުރަށް ގޮން ޖަހައި ނިންމުމެއް ނިންމީ އެ ކޮމިޝަނަށް ލިބިފައިވާ ގާނުނީ އިހުތިސާސުން ބޭރުން ކަމަށްވެސް އަމުރުގައި ބުނެފައިވެ އެވެ. އަދި އެ ނިންމުން ނިންމީ ކޯޓުގެ ހުރުމަތް ކެނޑޭ ގޮތަށް އަދި އަދުލު އިންސާފަށް ހުރަސްއެޅޭ ގޮތަށް އެ ކޮމިޝަނުން ނިންމާފައިވާ ޣައިރު ދުސްތޫރީ ނިންމުމެއް ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.
"ސުޕްރީމް ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު އަމުރާ ހިލާފަށް އެ ކޮމިޝަނުން ނިންމާފައިވާ އެއްވެސް ނިންމުމެއްގެ މައްޗަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހާއި އެ މަޖިލީހުގެ ކޮމިޓީއަކުން ނުވަތަ ދައުލަތުގެ ކަމާ ބެހޭ އެއްވެސް މުއައްސަސާއަކުން ނުވަތަ އިދާރާއަކުންވެސް ނިންމާ ކޮންމެ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅައި މިކަން ޖުޑިޝަލް ސާވިސް ކޮމިޝަނާއި ރައްޔިތުންގެ މަޖިލީހަށާއި ދައުލަތުގެ ކަމާ ބެހޭ އެންމެހާ މުއައްސަސާތަކާއި އިދާރާތަކަށް އަންގަމެވެ." ސުޕްރީމް ކޯޓުން މިއަދު ނެރުނު ކޯޓު އަމުރުގައި ބުނެފައިވެ އެވެ.