17 Jun 2019, 15:03
ގާނޫނީ ވަކީލުންގެ ހުރިހާ ކަމެއް ބަލަހައްޓަން ބާ ކައުންސިލެއް އުފައްދާ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގާނޫނީ ފަންނުގެ ބިލު ބަޖިލީހަށް ބަލައިގަނެފި އެވެ.
ގާނޫނީ ފަންނުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އެވެ. އެބިލު ބަލައިގަތުމަށް މިއަދު މަޖިލީހުގެ ޖަލްސާގައި ބައިވެރިވި 78 މެމްބަރުން ވަނީ ވޯޓު ދެއްވާފަ އެވެ. އެ ބިލު ދިރާސާ ކުރަން ފޮނުވާފައިވަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަށެވެ.
ގާނޫނީ ފަންނުގެ ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާ ކުރިއަށް ދިޔައިރު ބައެއް މެމްބަރުން ވަނީ ގާނޫނުއަސާސީއާ ހިލާފު ބައެއް ކަންކަމާއި އިސްލާހު ކުރަން ފެންނަ ކަމަށް އެ މެމްބަރަކަށް ފާހަގަ ކުރެވޭ ބައެއް ކަންކަން ހުށަހާޅާފަ އެވެ.
އެގޮތުން ބަންޑާރަނައިބު ހިމެނޭ ގޮތަށް ބާ ކައުންސިލުގެ ހިންގާ ކޮމިޓީ އެކުލަވާލައިގެން ބާ ކައުންސިލު މިނިވަން ނުވާނެކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވި އެވެ. ބަންޑާރަނައިބު އޮފީހުގައި 10 އަހަރު ދުވަހު މަސައްކަތްކޮށް، ބަންޑާރަނައިބުގެ ނައިބުކަންވެސް ކުރައްވާފައިވާ އުޝާމް ވިދާޅުވީ ބަންޑާރަނައިބަކީ މިނިވަން މުސްތަގިއްލުކަމާއެކު މަސައްކަތް ކުރެވޭ މީހެއް ނޫން ކަމަށެވެ. އެހެންވީމަ އެމާއްދާ އުވާލަން އުޝާމް ހުށަހެޅުއްވި އެވެ.
މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ގާނޫނީ ހިދުމަތުގެ ބިލުގެ 68 ވަނަ މާއްދާގެ (ށ)ގައި ވަކީލުން ފަރާތުން ޖޭއެސްސީއަށް އިންތިހާބު ކޮށްފައިވާ މެމްބަރު ބިލު ފާސްވެ ގާނޫނަކަށް ވާ ހިސާބުން މަގާމުން ވަކިވެގެންދާނެ ކަމަށް ބަޔާންކޮށްފައި އޮވެއެވެ. އެމާއްދާއަކީ ގާނޫނުއަސާސީއާ ހިލާފު މާއްދާއެއް ކަމަށް ބައެއް މެމްބަރުން ވަނީ ފާހަގަކޮށްފަ އެވެ.
އެ ވާހަކަތަކަށް ރައްދު ދީ ބައެއް މެމްބަރުން ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ. ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވިދާޅުވީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވަކީލުންގެ ފަރާތުން އިންތިހާބުކޮށްފައިވާ މެމްބަރު ލަތީފާ ގާސިމް އިންތިހާބު ކޮށްފައިވަނީ ގާނޫނުއަސާސީގެ ރޫހާ ހިލާފަށް ކަމަށެވެ.
"ފަނޑިޔާރުންނާއި މެޖިސްޓްރޭޓުން ވޯޓު ލައިގެން ގާނޫނީ ވަކީލުންގެ ތެެރެއިން ގާނޫނުއަސާސީގައި ބަޔާންކުރާ މަގާމަކަށް ދާން ހޮވުނީމާ އެއީ ގާނޫނުއަސާސީގައި އެ ބަޔާންކުރާގޮތަށް އެތަނަށް ދެވޭ ބޭފުޅެއް ކަމަކަށް އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ. އަޅުގަނޑުމެންގެ މަގުސަދަކީ މި ބިލުގެ ޒަރިއްޔާއިން އެ ގޯސް ރަނގަޅު ކުރުން." ހިސާން ވިދާޅުވި އެވެ.
ގާނޫނީ ފަންނުގެ ބިލުގެ މުހިންމު ކަން ފާހަގަކުރައްވަމުން ހިސާން ވިދާޅުވީ ގާނޫނީ ވަކީލުންނަށް ހަމައެއް ނެތި ފިޔަވަޅުއެޅުން ހުއްޓުވުމަށް އެ ބިލު މަގުފަހިވެގެން ދާނެ ކަމަށެވެ.
ގާނޫނީ ފަންނުގެ ބިލަކީ ގާނޫނީ ވަކީލުންގެ ހުރިހާ ކަމެއް ބަލަހައްޓާނެ ބާ ކައުންސިލެއް އުފަންކުރާ ގޮތަށް އެކުލަވާލާފައިވާ ގާނޫނެކެވެ. އެ ބިލު ފާސްވެ ތަސްދީގު ކުރާ ހިސާބުން ބާ ކައުންސިލު އުފަންވާނެ އެވެ.
ބާ ކައުންސިލު އުފަންވުމުން ވަކީލުންނަށް ހުއްދަ ދިނުމާއި ވަކީލުންގެ މައްސަލަތައް ބެލުމާއި ވަކީލުންނާއި ގުޅުން ހުރި ހުރިހާ ކަމެއް ބަލަހައްޓާނީ އެކައުންސިލުންނެވެ.